ހުޅަނގުން ހަނގުރާމައިގެ ބެރު ޖަހަމުންދާ ދަނޑިވަޅެއްގައި އީރާނާއި ޗައިނާ އާ ގުޅިގެން ރަޝިޔާއިން ހަނގުރާމައިގެ ތަމްރީނުތަކެއް ފަށައިފި އެވެ.

މެރިން ސެކިއުރިޓީ ބެލްޓްގެ ނަމުގައި ކުރިޔަށްދާ މި ތަމްރީނުތައް އިންޑިޔާ ކަނޑުގެ ހުޅނގު ބައިގައި 17،000 ކިލޯމީޓަރުގެ ސަރަހައްދެއްގައި ކުރިއަށް ގެންދާނެ އެވެ.

އީރާނުގެ ގައުމީ ޓީވީގައި ވާހަކަދައްކަވަމުން ރެއާލް އެޑްމިރަލް މުސްތަފާ ތާޖުއްދީނީ ވިދާޅުވި ގޮތުގައި މި ތަމްރީނުތަކުގެ ބޭނުމަކީ ތިން ގައުމު ގުޅިގެން ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމާއި ކަނޑު ދަތުރުފަތުރުގެ ރައްކާތެރިކަން އިތުރުކުރުމެވެ. އަދި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން ތިން ގައުމުގެ މެދުގައި އޮންނަ ދިފާއީ ގުޅުން ބަދަހި ކުރުމަކީ ވެސް ތަމްރީނުތަކުގެ ބޭނުމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައި މުސްތަފާ ވިދާޅުވި އެވެ.

އީރާނާއި ޗައިނާ އާ ގުޅިގެން އިންޑިއާ ކަނޑުގައި ރަޝިޔާއިން ތަމްރީނުތައް ހަދަމުން ދާއިރު އެ ގައުމުން އަންނަނީ އިރުމަތީ ޔޫރަޕްގެ ގައުމެއް ކަމަށްވާ ބެލަރޫސް އާ ގުޅިގެން "އެލައިޑް ރިސޯސް"ގެ ނަމުގައި ވެސް މިފަދަ ތަމްރީނުތަކެއް ފެށުމަށް ތައްޔާރުވަމުންނެވެ.

މި ތަމްރީނުގައި 140 މަނަވަރާއި 60 އެއާކްރާފްޓާއި 10000 އެއްހާ ސިފައިން ބައިވެރިވާނެ ކަމަށްވެ އެވެ. ރަޝިއާގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު ވިދާޅުވި ގޮތުގައި މި ތަމްރީނުތަކުގެ ބޭނުމަކީ ބޭރުން އަންނަ ހަމަލާތަކަށް ތައްޔާރު ވެވިފައިވާ މިންވަރު ވަޒަންކުރުމެވެ.

ރަޝިޔާއިން ގައުމުތަކާއެކު ހަނގުރާމައިގެ ތަމްރީނުތައް ހަދަމުން ދަނީ އެ ގައުމާއި ހުޅަނގާ ދެމެދު، ޔުކްރޭންގެ މައްސަލައިގައި ހަނގުރާމައިގެ ހުޅުގަނޑު ކޮންމެ ހިނދުކޮޅެއްގައި ވެސް ފަޅައިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގަ އެވެ.

ޔުކުރޭންގެ ބޯޑަރު ކައިރިއަށް ލައްކައަކަށް ވުރެ ސިފައިންނާއި ބަރު ހަތިޔާރު ޖަމާކޮށް ތައްޔާރީ ހާލަތެއްގައި ރަޝިޔާ އިން ބޭތިއްބީ ޔުކުރޭން ނޭޓޯގެ މެންބަރަކަށް ވާން އުޅޭކަމުގެ އަޑުގަދަވުމުންނެވެ.

ރަޝިޔާއިން ބުނާ ގޮތުގައި އެ ގައުމުގެ ބޯޑަރަށް ނޭޓޯ އައިސް ހަތިޔާރު އަތުރާލާ މަންޒަރު ބަލަން ނުތިބެވޭނެ އެވެ.

މި މައްސަލައިގައި ހުޅަނގުން ދަނީ ހަނގުރާމައެއް ފަށައި، ޔުކްރޭން ހިފައިފި ނަމަ ހީވެސް ނުކުރާ ފަދަ ބޮޑު އަދަބެއް ރަޝިޔާއަށް ދޭނެ ކަމުގެ އިންޒާރުދެމުންނެވެ. އެމެރިކާއިން މިގޮތަށް އިންޒާރު ދިންކަމުގައި ވިޔަސް ހަނގުރާމައެއް ނުކޮށް ސަލާމަތް ވެވޭތޯ ރަޝިޔާ އާއެކު އެމެރިކާ އާއި ނޭޓޯއިން ދަނީ ވާހަކަ ދައްކަމުންނެވެ.

މިދިޔަ ހަފުތާގައި ދެކެވުނު ވާހަކަތަކަށް ފަހު ވެސް ރަޝިއާގެ ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޯވް ވިދާޅުވީ ރަޝިއާއިން ބޭނުން ވަނީ ޔުކްރޭން ދުވަހަކު ވެސް ނޭޓޯއާ ނުގުޅޭނެ ކަމުގެ ޔަގީންކަން ކަމަށެވެ. ނަމަވެސް އެމެރިކާ އާއި ހުޅަނގުން ބުނަމުން ގެންދަނީ އެއީ ގަބޫލު ކުރެވޭނޭ ވާހަކަ އެއް ނޫން ކަމަށެވެ. ސަބަބަކީ ޔުކުރޭނަކީ މިނިވަން ގައުމަކަށްވެފައި އެ ގައުމުން ގުޅޭނެ ޖަމާއަތްތަކާއި ނުގުޅޭނެ ޖަމާއަތްތައް ކަނޑައެޅުމުގެ އިޚުތިޔާރު އެ ގައުމަށް އޮންނާނެތީ އެވެ.

އެއްކޮޅުން ރަޝިއާއިން ޔުކްރޭން ބޯޑަރުގައި ސަފުތައް ރުކުރުވާލައިފައިވާއިރު، އަނެއް ކޮޅުން ޔުކުރޭންގެ ދިފާއުގައި އީޔޫ އާއި ނޭޓޯއިން އަނަނީ އަޑު އުފުލަމުންނެވެ. ހަނގުރާމަ ދެންމެ ދެންމެ ދެންމެ ފެށިދާނެކަމުގެ ބިރު ހީވެފައި ވާތީ، އެ ހިސާބަށް ނުގޮސް މައްސަލަ ހައްލު ވޭތޯ ކަމާ ބެހޭ ފަރާތްތަކުން އަންނަނީ ވާހަކަ ދައްކަމުންނެވެ. އެހެނަސް ވާހަކަތަކުން މާބޮޑު ކުރި އެރުމެއް މިހާތަނަކަށް ނުލިބެ އެވެ.