ދިވެހި ދައުލަތުގެ ބަޖެޓުން ފައިސާ ޚަރަދު ކުރަން ޖެހޭ ފަރާތްތަކުގެ ތެރޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ސިޔާސީ ޕާޓީތައް ހިމެނެ އެވެ. ނަމަވެސް ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ލިބެނީ ގާނޫނުގައި ކަނޑައެޅިފައިވާ ވަކި މިންވަރަކަށް އެ ޕާޓީއަކަށް މެންބަރުން ހަމަވުމުންނެވެ.

ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވި ކަމަށް ވިޔަސް ޝަރުތު ފުރިހަމަވާ ވަރަށް މެންބަރުން ހަމަނުވާ ޕާޓީތަކަށް ބަޖެޓުން ފައިސާ ލިބުމެއް ނޯވެ އެވެ.

ރާއްޖޭގައި ކިތަންމެ ގިނަ ސިޔާސީ ޕާޓީތަކެއް ރަޖިސްޓްރީކޮށްފައި ތިބި ކަމަށް ވިޔަސް މިވަގުތު ސަރުކާރުގެ ބަޖެޓުން ޕާޓީތަކަށް ކަނޑައަޅާފައިވާ ފައިސާއިން ބައި ލިބުމުގެ ޝަރުތު ފުރިހަމަ ވާގޮތަށް އޮތީ އެންމެ ތިން ޕާޓީ އެކެވެ. އެ އީ ގާނޫނުގައި ބުނާ 10،000 މީހުން ހަމަވާ ޕާޓީތައް ކަމަށްވާ އެމްޑީޕީ، އާއި ޕީޕީޕީއެމްގެ އިތުރުން ޖުމްހޫރީ ޕާޓީ އެވެ. މި ޕާޓީތަކަށް އެ ޕާޓީތަކުގެ ރަޖިސްޓްރީގައި މެންބަރުން ހިމެނޭ އަދަދަށް ބަލައި ސަރުކާރުން އަންނަނީ ފައިސާ ދެމުންނެވެ.

މީގެ އިތުރުން އަދާލަތު ޕާޓީ ވަނީ މިއަހަރު ސަރުކާރުގެ ބަޖެޓުން ފައިސާ ލިބޭ ޕާޓީތަކުގެ ލިސްޓަށް އިތުރުވެފަ އެވެ. އެ ޕާޓީން ހިންގި މެންބަރުން އިތުރުކުރުމުގެ ކެމްޕޭނަކަށް ފަހު، 10،000 މެންބަރުން ހަމަވުމުން އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އެ ޕާޓީއަށް ސަރުކާރުގެ ބަޖެޓުން ފައިސާ ލިބޭނެކަން އާންމުކޮށް އިއުލާންކޮށްފަ އެވެ.

ގާނޫނު ބުނާ ގޮތުން ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކުރުމަށް ފަހު 10،000 މީހުން ޕާޓީއަށް ހަމަވުމުން ސަރުކާރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ކަނޑައަޅާ ފައިސާއިން ބައި އަޅަން ޖެހެ އެވެ. ފައިސާ ހޯދައިގެން ހިންގާ ސިޔާސީ ހަރަކާތަކީ ކޮބައިތޯ ބަލާލުމެއް ނޯވެ އެވެ.

ބަޖެޓުން މިއަހަރު ފައިސާ ލިބޭނެ ކަމަށް އިލެކްޝަންސް އިން ހާމަކޮށްފައިވާ އަދާލަތު ޕާޓީއަށް ބަލާއިރު ވެސް އެ ޕާޓީން ރައްޔިތުންގެ ކުރިމައްޗަށް ނިކުމެ ވޯޓަކުން ހޮވިފައިވާ އެންމެ މެންބަރެއް ވެސް ނެތެވެ. ރިޔާސީ އިންތިޚާބުގައި ވެސް ވާދަކޮށްލުމެއް ވެސް ނެތެވެ.

އޭގެ ބަދަލުގައި އަބަދު ފެންނަނީ ވެރިކަމާ އެންމެ ކައިރިވާނޭހެން ހީވާ ޕާޓީއަކާއެކު ބައިވެގެން އެ ޕާޓީގެ އިސް ބޭފުޅުންނަށް ސަރުކާރުގެ މަގާމުތައް ފަހިކުރުމުގެ މަސައްކަތްކުރާ ތަނެވެ.

އެހެންކަމުން ސަރުކާރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމުގައި ބަލާ މިންގަނޑު މިހާރު އޮންނަ ގޮތަށް ވުރެ ރަނގަޅު ގޮތަކަށް އިސްލާހު ކުރަން ޖެހެ އެވެ. ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި އޮންނަ ފަދައިން އިންތިޚާބުތަކުގައި ރައްޔިތުންގެ ތާއީދު ޕާޓީތަކަށް ލިބޭ ގޮތުގެ މައްޗަށް ބަލައިގެން ފައިސާ ދިނުމަކީ ރަނގަޅު ކަމެއް ކަމަށް ވެދާނެ އެވެ.

އޭރުން ފައިސާ ބޭނުންނަމަ އިންތިޚާބުތަކުގައި ވާދަ ކުރަން ޖެހޭނެ އެވެ. ވޯޓުގެ ނަތީޖާއަށް ބުރަވެ ކޮންމެ ޕާޓީއަކަށް ވެސް ހައްގު މިންވަރު ދިނުމުން ނިމުނީ އެވެ. އޭރުން ނަމެއްގައި ޕާޓީ ހަދައިގެން އެހެން ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ތާއީދުކުރާ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭކަށް ނުޖެހޭނެ އެވެ.