ރާއްޖޭގައި ވިއްކާ ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު، މެކްސިމަމް ރީޓެއިލް ޕްރައިސް (އެމްއާރްޕީ) ކަނޑައަޅަން ނިންމި ތާރީހު ލަސްކޮށްފި އެވެ.

ރާއްޖޭގައި ވިއްކާ އަސާސީ ބޭސްތައް ވިއްކޭނެ އެންމެ ބޮޑު އަގު ކަނޑައެޅައި އެއަށް އަމަލުކުރުމަށް ހެލްތު މިނިސްޓްރީން މީގެ ކުރިން، ނިންމާފައި ވަނީ މިއަހަރު ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. އެހެން ނަމަވެސް އެކަމާ ގުޅިގެން ފާމަސީތަކުގެ އެކި ކަންބޮޑުވުންތައް ހުރުމާ ގުޅިގެން މިނިސްޓްރީން ވަނީ އެ ގަވާއިދު އިސްލާހުކޮށްފަ އެވެ.

އެގޮތުން މިނިސްޓްރީން ވަނީ އެ މިނިސްޓްރީން ފާހަގަކުރާ އަސާސީ ބޭސްތައް، އަންނަ މާޗު މަހުން ފެށިގެން އެމްއާރުޕީއަށް ވުރެ ބޮޑު ނޫން އަގެއްގައި ވިއްކުން ތަންފީޒު ކުރާނެ ކަމަށް ބުނެފަ އެވެ. އަދި އެ ގަވާއިދު ކަނޑައަޅާ ދުވަހުން ފެށިގެން ފާމަސީތަކަށް ބޭސް ގަންނަން އަންނަ މީހުންނަށް ބޭހުގެ އެމްއާރްޕީ ފެންނަން ހުންނަން ޖެހޭނެ ކަމަށް ވެސް އެ މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.

ޑޮކްޓަރީ ބޭސް އަގު ބޮޑުކޮށް ވިއްކުން ހުއްޓުވުމަށްޓަކައި، ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅަން ސަރުކާރުން ނިންމާފައިވާއިރު، ރައްޔިތުން މަޖިލީހުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ސިއްހީ ދާއިރާގައި ދެވޭ ހިދުމަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ކުރެވޭކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން ހެލްތު އިންޝުއަރެންސް ސްކީމް "އާސަންދަ" އަކީ އެއްވެސް ހައްދެއް ނެތި ހުޅުވާލައިފައި އޮންނަ ނިޒާމެއްކަން އަމީރު ވިދާޅުވެފައިވެ އެވެ.

އޭގެ ތެރޭގައި އިސްރާފަށް މަގުފަހިވާ ބައެއް އާދަތައް ހިމެނޭ ކަމަށާއި، އެކަން ހުއްޓުވުމަށްޓަކައި މިއަހަރު ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް މިނިސްޓަރު އަމީރު ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި އެފަދައިން އެކަން ކުރަނީ ދައުލަތުގެ ބަޖެޓުންނާއި، އެކި ކަންކަމަށް ހޭދަވާ ހަރަދު ކުޑަ ކުރެވޭ ގޮތަކަށް ކުޑަކުރުމަށެވެ.

މިނިސްޓަރު ވަނީ ރާއްޖެއަށް އެތެރެކުރެވޭ ޑޮކްޓަރީ ބޭސް އެތެރެކުރުމުގައި ގެންގުޅޭ އުސޫލުތައް އިތުރަށް ހަރުދަނާ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ބޭސް އެތެރެކޮށް ވިއްކުމުގައި އެންމެ އެކަށީގެންވާ ގޮތަށް އުސޫލުތައް ބައްޓަން ކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.