ކުރީގެ ހިންދީ ފިލްމީ ތަރި ސަނާ ޚާން ބަނޑުބޮޑުކަމުގެ ވާހަކަތަކެއް ފެތުރިއްޖެ އެވެ.

ސަނާ ޚާން ބަނޑޮބޮޑުކަމަށް މީސްމީޑިއާގައި ވާހަކަތައް ފެތުރިފައިވާއިރު، ގިނަ ބަޔަކު ވަނީ ސަނާ، އޭނާގެ މީސްމީޑިއާއަށް އެންމެ ފަހުން ހިއްސާކުރަމުން ގެންދާ ފޮޓޯ އަދި ވީޑިއޯތަކުގައި އޭނާ ބަނޑުބޮޑުކަން ހާމަވާ މަންޒަރުތައް ފެންނަކަމަށް ބުނެ އެ ފޮޓޯ އަދި ވީޑިއޯތައް ސޯޝަލްމީޑިއާގައި އާންމުކޮށްފަ އެވެ.

އެހެންނަމަވެސް ސަނާ އާއި އޭނާގެ ފިރިމީހާ އަނަސް، މިހާތަނަށް މިކަން މީޑިއާތަކަށް ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

ސަނާ ޚާން ވަނީ މުފްތީ އަނަސްއާ، 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައި ކައިވެނިކޮށްފަ އެވެ. އަދި އެއަށްފަހު އޭނާގެ ފިރިމީހާގެ ފަރާތުން ދީނީ އިލްމު އިތުރަށް އުނގެނި، ދީނާ ގާތްވަމުން އަންނަ ކަމަށް ސަނާ ވަނީ ބުނެފަ އެވެ.

މީގެ ކުރިން ބޮލީވުޑްގެ ބައެއް ލަވަތަކާއި ފިލްމުތައް ސަނާ ޚާން ކުޅެފައިވާއިރު، ކުއްލިގޮތަކަށް މުފްތީ އަނަސްއާއި ކައިވެނިކުރީ ފައިސާގެ ދަހިވެތިކަމުގައި ކަމަށް ބުނެ އާންމުންގެ ގިނަ ބަޔަކު ވަނީ ސަނާ ޚާންއަށް ފާޑުކިޔާފަ އެވެ.

އެހެންނަމަވެސް ސަނާ ބުނީ، އަނަސްއާ ކައިވެނިކުރުމަކީ ކުއްލި ގޮތަކަަށް ދިމާވި ކަމެއް ނޫންކަމަށެވެ. އަދި އަނަސްފަދަ ހެޔޮލަފާ އޯގާތެރި ފިރިޔަކު ލިބުމަށް ސަނާ އަބަދުވެސް ދުއާ ކުރި ކަމަށާއި، އޭނާގެ ދުއާ މާތްﷲ ގަބޫލު ކުރެއްވީ ކަމަށް ސަނާ ވަނީ ބުނެފަ އެވެ.