ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ފަންނާނު ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސް އަށް ފުރަތަމަ ކުއްޖާ ލިބުމާ ގުޅިގެން ހޮލީވުޑާއި ބޮލީވުޑްގެ ފަންނާނުން ވެސް އަންނަނީ މަރުހަބާ ކިޔަމުންނެވެ.

މިގޮތުން އަނުޝްކާ ޝަރުމާވެސް މި ލިސްޓުގައި ހިމެނޭއިރު، ޕްރިޔަންކާ އާއި ނިކްއަށް އޭނާ މަރުހަބާކީ، އޭނާގެ އިންސްޓަގްރާމް ސްޓޯރީންނެވެ.

އަނުޝްކާ ޕްރިޔަންކާއަށް މަރުހަބާ ކިޔަމުން ބުނީ، ނިދިން މަހުރޫމުވާނެ ރޭތަކަށް ކުރިމަތިލުމަށް ތައްޔާރުވުމަށެވެ. އަދި ނިމުމެއް ނުވާ އުފާވެރިކަމާއި، ހިތްހަމަޖެހުމުގެ އިތުރުން ލޯބި ލިބުމަށް ތައްޔާރުވުމަށްވެސް އޭނާ ބުނެފައިވެ އެވެ.

ޕްރިޔަންކާ އާއި ނިކް އަށް ދަރިއަކު ލިބުނުކަން އާންމުންނަށް ހިއްސާކޮށް ކަށަވަރުކޮށްދީފައި ވަނީ އެ ދެފަންނާނުންގެ އިންސްޓަގްރާމުންނެވެ.

އެގޮތުން ސަރޮގެސީ މެދުވެރިކޮށް ދެ ފަންނާނުން ވެސް ފުރަތަމަ ދަރިފުޅަށް އިއްޔެ މަރުހަބާ ކިޔާފައިވާ ކަމަށާއި، މިދަނޑިވަޅުގައި މީޑިއާތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށް އެ ދެ މީހުން ވަނީ އެދިފަ އެވެ. އެދެފަންނާނުންނަށް ލިބުނީ އަންހެން ކުއްޖެއް ކަމަށް މީޑިއާތަކުން މައުލޫމާތުދެ އެވެ.