އަމިއްލަ ބާރުން ހިނގާ ބިގާވެ ނޫޅެވޭ މީހުންގެ ސިކުނޑީގައި ހަރުކޮށްގެން އެފަދަ މީހުންނަށް ހަރަކާތް ކުރަން އެހީވެދޭ ފަދަ ޗިޕެއްގެ ކްލިނިކަލް ޓްރަޔަލްސް ފަށަން އީލޯން މަސްކް ތައްޔާރު ވަމުން އެބަދެ އެވެ.

ޓެސްލާގެ ވެރިޔާ މަސްކް ޗިޕް ޑިވެލޮޕް ކުރުމަށް އުފެއްދި ކުންފުނި ކަމުގައިވާ ނިއުރޯލިންކުން މިކަން މިހާރު ވަނީ އާންމު ކޮށް އިއުލާން ކޮށްފަ އެވެ.

ނިއުރޯލިންކުން ވަނީ މިފަދަ ޗިޕެއް އުފައްދައި ޖަނަވާރުގައި އެ ޗިޕް ޓެސްޓު ކޮށްފަ އެވެ. އެ ކުންފުނިން ބުނިގޮތުގައި އިންސާނުންގެ ސިކުނޑީގައި ހަރުކުރެވޭ ޗިޕްގެ އެހީގައި ޕެރެލައިޒް ވެފައި ތިބޭ މީހުންނަށް އަމިއްލަޔަށް ކޮމްޕިއުޓަރާއި މޯބައިލް ޑިވައިސް ފަދަ ވަސީލަތްތައް ބޭނުންކުރުމުގެ ގާބިލުކަން ލިބިދޭނެ އެވެ.

ނިއުރޯލިންކްގެ މި ޓެކްނޮލޮޖީގެ ފުރަތަމަ މަރުހަލާގައި އަމާޒުކުރާނީ ޗިޕް ބޭނުން ކޮށްގެން ބްރެއިން ޑިސްއޯޑާ ނުވަތަ ބްރެއިން ޑިޒީސް ހުންނަ ފަރާތްތަކަށް ފަރުވާ ދިނުމަށެވެ. އީލޯން މަސްކްގެ ނަޒަރުގައި ލޮލަށް ނުފެންނަ ގޮތަށް ހަރު ކުރެވޭ މި ޑިވައިސް ބޭނުން ކޮށްގެން ސިކުޑިއާއި މައި ބަދައިގެ މުހިންމު މައްސަލަތަކެއް ހައްލުކުރެވޭނެ އެވެ.

މަސްކްގެ ކުންފުނިން ވަނީ މިބާވަތުގެ ޗިޕް ރާމާ މަކުނަކާއި އޫރެއްގެ ސިކުނޑީގައި ކާމިޔާބު ކަމާއެކު ހަރުކޮށްފަ އެވެ.

"ލޮލަށް ނުފެނުމާއި ކަންފަތަށް އަޑުނީވުމާއި ވާގި ނެތުން ފަދަ މައްސަލަތައް ހައްލު ކުރެވިދާނެ،" 2020 ގައި އޮތް ކުންފުނީގެ ޕްރެޒެންޓޭޝަނެއްގައި ވާހަކަ ދައްކަމުން އީލޯން މަސްކް ބުންޏެވެ. "މުސްތަގުބަލުގައި ހަނދާންތައް ސޭވްކޮށް، ރިޕްލޭ ކޮށްލުމުގެ ކުޅަދާނަކަން ލިބިގެން ދާނެ. އާޚިރުގައި އެ ހަނދާންތައް އެހެން ހަށިގަނޑަކަށް ނުވަތަ ރޮބަޓަކަށް ޑައުންލޯޑު ކުރުމުގެ ކުޅަދާނަ ކަން ވެސް ލިބިދާނެ."

މަސްކް ދެކޭ ގޮތުގައި އޭނާގެ ކުންފުނީގެ މި އީޖާދުގެ ޒަރީއާއިން އިންސާނުނަށް އާދަޔާ ޚިލާފު ފަސޭހަތަކެއް ލިބިގެން ދާނެ އެވެ. މިސާލެއްގެ ގޮތުން ސީދާ ސިކުނޑިއަށް މިއުޒިކް ސްޓްރީމް ކޮށްލުން ފަދަ ކަންކަމުގެ ގާބިލުކަން ލިބި ދިނުމުގެ ފުރުސަތު ބޮޑެވެ.

ނިއުރޯލިންކްގެ ދިރާސާކުރާ ފަރާތަކުން 2019 ވަނަ އަހަރު ތައްޔާރު ކޮށްފައިވާ ކަރުދާހެއްގައި ވާގޮތުން އެ ކުންފުނިން އަލަށް ހިއުމަން ޓްރަޔަލްއަށް ދާން ތައްޔާރުވަމުން އަންނަ ޗިޕަކީ ކުޑަ ފައިސާ ފޮއްޗެއް ވަރުގެ ޗިޕެކެވެ.

ބޮލުގެ ނާށިގަނޑުން ތަންކޮޅެއް ނަގައިގެން ރޮބޯޓެއްގެ އެހީގައި ސިކުނޑިގައި ހަރުކުރެވޭ މި ޗިޕްގެ ސަބަބުން އިތުރު އެއްވެސް ތަދެއް ނުވަތަ އުނދަގުލެއް ނުވާނެ އެވެ.

މަސްކް ބުނި ގޮތުގައި ބޮލުގެ ނާށިގަނޑުގައި ހަރު ކުރެވޭ މި ޑިވައިސް ވަޔަލެސްކޮށް ޗާޖެ ކުރެވޭނެ އެވެ. އެހެންކަމުން އެ ފަދަ މީހަކު ފެންނަ ފެނުމުގައި ވެސް އުޅޭ އުޅުމަކުން ވެސް އެފަދަ ޗިޕެއް ހުރި ކަމެއް ނޭގޭނެ އެވެ.

ނިއުރޯލިންކުން ވަނީ މިފަދަ ޗިޕެއް ޖަހާފައިވާ ރާމާމަކުނެއް އޭގެ އަމިއްލަ ސިކުނޑި ބޭނުން ކޮށްގެން، ވީޑިއޯ ގޭމެއް ކަމަށްވާ "ޕޮންގް" ކުޅޭ ވީޑިއޯއެއް އާންމު ކޮށްފަ އެވެ.