ޖޯނީ ޑެޕް އާއި އޭނާގެ ކުރީގެ އަންހެނުން އެމްބާ ހާޑްއާ ދެމެދު ކޯޓުގައި ކުރިޔަށްދިޔަ މައްސަލަ ޖޯނީ ޑެޕްއާ ދެކޮޅަށް ނިމުމުން "ފެންޓާސްޓިކް ބީސްޓް" ފްރެންޗައިސްއިން ރަސްމީކޮށް އޭނާ އިސްތިއުފާ ދީފި އެވެ.

ގެވެށި އަނިޔާގެ މިމައްސަލައިގެ އެންމެ ފަހު ކޯޓު މަރުހަލާ ނިމިފައިވަނީ މިހަފްތާގަ އެވެ.

"ފެންޓާސްޓިކް ބީސްޓް" ފްރެންޗައިސްގެ ވިލަން ގްރިންޑަލް ވޯލްޑްގެ ރޯލު ކުޅެމުންއައި ތަރި އިސްތިއުފާ ދީފައިވަނީ ފްރެންޗައިސްގެ އެންގުމަށެވެ. މިކަން ޖޯނީ ޑެޕް އިއުލާންކޮށްފައި ވަނީ ޓުވިޓާގައި އިއްޔެ އާންމުކުރި ސްޓޭޓްމަންޓްއެއްގަ އެވެ.

ސްޓޭޓްމަންޓުގައި ޖޯނީ ޑެޕް ބުނެފައިވަނީ އެންމެ ފުރަތަމަ ވެސް ޝުކުރު އަދާކުރަން ބޭނުންވަނީ އޭނާގެ ފަހަތުގައި ތިބި އެންމެހާ ސަޕޯޓަރުންނަށް ކަމަށާއި ފާއިތުވެ ދިޔަ ދެތިން ދުވަހު ލިބެމުން އަންނަ މެސެޖުތަކުން ފޭނުންގެ ލޯތްބާއި ކަންބޮޑުވުން ހުރި މިންވަރު ދޭހަވާ ކަމަށެވެ.

https://www.instagram.com/p/CHQXHimJvAC/

ދެވަނަ ކަމެއްގެ ގޮތުން މިސްޓޭޓްމަންޓުގައި ޖޯނީ ޑެޕް ހާމަކޮށްފައިވަނީ "ފެންޓާސްޓިކް ބީސްޓް" ފްރެންޗައިސްގެ އެދުމުގެ މަތިން އެ ޕްރޮޑަކްޝަން ކުންފުންޏާއެކު އޮތް އެއްބަސްވުން އިހުތިރާމާއެކު ނިމުމަކަށް ގެނެސް، ފެންޓާޓިކް ބީސްޓް ސީކުއަލްގައި އޭނާ ކުޅޭ ގްރިންޑަލް ވޯލްޑް ރޯލުން އިސްތިއުފާ ދޭން ނިންމުމެވެ.

ސްޓޭޓްމަންޓުގައި އިތުރަށް ޖޯނީ ޑެޕް ބުނެފައިވަނީ ކޯޓުން ނިންމި ނިންމުމާއި އެކުވެސް ހަގީގަތް ހާމަކުރުމަށް އޭނާ ކުރަމުން އަންނަ މަސައްކަތް ނިމުމަކަށް ނުގެންނާނެ ކަމަށާއި މިމައްސަލަ އިސްތިއުނާފް ކުރާނެ ކަމަށެވެ.