އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ލިބުމުގެ ޝަރުތު ހަމަވާނީ ސަރުކާރު ހިންގާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީއަށް އެކަނި ކަމަށް ބެލެވިއްޖެ އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަނީ ބަޖެޓު ފާސްކުރާ ތާރީހާ ހަމައަށް 10،000 އަށްވުރެ ގިނަ މެންބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ. އަންނަ އަހަރަށް ލަފާކުރާ 59.7 ބިލިއަން ރުފިޔާގެ ބަޖެޓް މިދިޔަ ހަފުތާގައި ކޮމިޓީން ފާސްކޮށްފައިވާއިރު، މި ފެށޭ ހަފުތާގައި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ބަޖެޓު ފާސްކުރާނެ ކަމަށް ބެލެވެ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިވަގުތު 10،000 މެންބަރުން ހަމަވަނީ ޕީއެންސީއާއި އެމްޑީޕީގައި އެކަންޏެވެ.
ގާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީތަކަށް ދޫކުރަނީ ދައުލަތުގެ ބަޖެޓުގެ އާމްދަނީގެ 0.1 އިންސައްތަ އެވެ. އަންނަ އަހަރުގެ ބަޖެޓުގައި ޕާޓީތަކަށް ޖުމްލަ 35 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، މިހާރު މެންބަރުން ތިބި ނިސްބަތަށް ބަލައި ފައިސާ ބެހިގެންދާނެ ކަމަށް ލަފާކުރެވެނީ ޕީއެންސީއަށް 22 މިލިއަނެއްހާ ރުފިޔާ ލިބޭނެ ކަމަށެވެ. މިއީ ޕާޓީތަކަށް ދޭ ފައިސާގެ 65 އިންސައްތަ އެވެ. އަދި އެމްޑީޕީއަށް 12 މިލިއަނެއްހާ ރުފިޔާ ލިބޭނެ އެވެ. މިއީ ޕާޓީތަކަށް ދޭ ފައިސާގެ 35 އިންސައްތަ އެވެ.
ތިންވަނައަށް އެންމެ މެންބަރުން ގިނަ ޖޭޕީގައި ތިބީ ގާތްގަނޑަކަށް 7،000 މެންބަރުންނެވެ. އެ ޕާޓީއަށް މެންބަރުން އިތުރުވާ ނިސްބަތަށް ބަލާއިރު، ބަޖެޓު ފާސްކުރުމުގެ ކުރިން ބޭނުންވާ އިތުރު 3،000 މެންބަރުން ހަމަކުރުމަކީ ދުރުކަމެކެވެ.
އަދާލަތު ޕާޓީ އަދި އެމްއެންޕީން ކުރެ ކޮންމެ ޕާޓީއެއްގައި ވެސް ތިބީ ގާތްގަނޑަކަށް 5،000 މެންބަރުންނެވެ. ޖޭޕީއާއި އަދާލަތު އަދި އެމްއެންޕީއަކީ މީގެ ކުރިން 10،000 މެންބަރުން ހަމަވެގެން ދައުލަތުގެ ބަޖެޓުން ފައިސާ ލިބިފައިވާ ޕާޓީތަކެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ވެސް ނުވަނީސް، އެ ޕާޓީގެ މެންބަރުންގެ އަދަދު އަނެއްކާ ވެސް ލައްކައަކަށްވުރެ ދަށަށް ގޮސްފައިވާކަން އީސީގެ ހިސާބުތަކުން ވަނީ ދައްކައިފަ އެވެ.
ދަރިން "ފުރިހަމަ"ބަޔަކަށް ހެދުމަށް ކުރާ މަސައްކަތް ގޯސް
ނިއުމޯނިއާ: އާދައިގެ މޫސުމީ ރޯގާއެއް ކަމަށް އަޅާނުލާ ނުހުރޭ!
ވަރަށް ބޮޑަށް ވައި ނުސާފުވެ، މާލެއާއި ކުޅުދުއްފުށި ރަތް އެލާޓް
24 ގަޑިއިރު ނުވަނީސް ޕީއެންސީގެ މެންބަރުންގެ އަދަދު ދަށްވެއްޖެ
ވަޒީފާގެ ބިރާއި ފައިސާ ބަހައިގެން ޕީއެންސީން ރެކޯޑެ ގާއިމްކޮށްފި