ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުންގެ މާލީ ބަޔާން ހުށަހެޅުއްވުމަށް ހަނދާންކޮށްދީފި އެވެ.

ފަނޑިޔާރުންގެ މާލީ ބަޔާނާއި ގުޅޭ ގަވާއިދެއް 2020 ވަނަ އަހަރުގެ ޑިސެމްބަރު 24 ވަނަ ދުވަހުގައި އާންމުކޮށްފައިވާއިރު، އެގަވާއިދުގައި ވާގޮތުން މީލާދީ އަހަރު ނިމި، ފެށޭ އަހަރުގެ ފެބްރުއަރީ މަސް ނިމުމުގެ ކުރިން ހުރިހާ ފަނޑިޔާރުން ވެސް ޖޭއެސްސީއަށް މާލީ ބަޔާން ހުށަހެޅުމަށް ބުނެފައިވެ އެވެ.

އޭގެ އިތުރުން ޖޭއެސްސީން ވަނީ، ފަނޑިޔާރުން މާލީ ބަޔާން ހުށަހަޅަން ހާއްސަކޮށްފައިވާ ފޯމަށް ބައެއް ބަދަލުތައް ގެނައުމާއި ގުޅިގެން އެކަމަށް ޙާއްސަ ސަމާލުކަމެއް ދިނުމަށް ވެސް ހަނދާންކޮށްދީފަ އެވެ.

ޖޭއެސްސީން އިތުރަށް ބުނީ، މިދިޔަ އަހަރު ފަނޑިޔާރުންގެ މަގާމަށް އައްޔަންކުރެއްވި ބޭފުޅުން އައްޔަން ކުރި ތާރީހުން ފެށިގެން މާލީ ބަޔާން ހުށަހެޅޭނެ ކަމަށެވެ. އަދި ނިމުނު އަހަރުގެ ފަހު ދުވަހާއި ހަމައަށް އެބަޔާން ތައްޔާރުކޮށްފައި ވާންޖެހޭނެ ކަމަށް ވެސް ޖޭއެސްސީން ބުނެފައިވެ އެވެ.

2021 ވަނަ އަހަރު ނިމުނުއިރު 184 ބޭފުޅަކު ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި އެވެ. އޭގެ ތެރޭގައި 164 ބޭފުޅުންނަކީ ފިރިހެން ބޭފުޅުންނެވެ. އަދި އަންހެން ބޭފުޅުންގެ ތެރޭގައި ހިމެނެނީ 20 ބޭފުޅެކެވެ.