މަޝްހޫރު ފިލްމީ ތަރިން އައިޝަތު ރިޝްމީގެ އަމިއްލަ ޕްރޮޑަކްޝަން ހައުސިން "އާރްޓޫޒީ" އިން ގެނެސްދޭ ފުރަތަމަ ވެބް ސީރީޒްގެ ޓީޒާ ދައްކާލައިފި އެވެ.

"އާރްޓޫޒީ" އިން ގެނެސްދޭ ރޮމޭންޓިކް ކޮމެޑީ ވެބް ސީރީޒް "ޔާރާ"ގެ ޓީޒާ ދައްކާލީ ރިޝްމީގެ އިންސްޓަގްރާމް މެދުވެރިކޮށް މިމަހު ދެވަނަ ދުވަހު އެވެ. މިވެބް ސީރީޒްގެ ޝޫޓިން ނިމިފައިވާއިރު މިވެބް ސީރީޒް ގެނެސްދިނުމަށް ހަމަޖެހިފައިވަނީ ބައިސްކޯފުނެވެ.

ރިޝްމީ ޕްރޮޑިއުސްކޮށް ބައިސްކޯފުން ގެނެސްދިނުމަށް ތައްޔާރުވާ "ޔާރާ"ގެ ބޮޑު ކާސްޓުގައި ތެރޭގައި ރިޝްމީ އާއި އައްޒަގެ ކުރީގެ ފިރިންނާއި މިހާރުގެ ފިރިން ވެސް ފެންނާނެ އެވެ. ރިޝްމީ މިހާރު ކައިވެނިކޮށްގެން އުޅޭ ރަވީ ފާރޫގާއި އައްޒަގެ ފިރިމީހާ އަބްދުﷲ މުއާޒް (މުއާ) އުޅޭއިރު، ރިޝްމީގެ ކުރީގެ ފިރިމީހާ އަހްމަދު އަޒްމީލް (އަޒޭ) އާއި އައްޒަގެ ކުރީގެ ފިރިމީހާ އިސްމާއިލް ޖުމައިހް ވެސް ފެންނާނެ އެވެ. އަދި ރިޝްމީ އާއި އައްޒަގެ މަންމަ އާމިނަތު ރަޝީދާވެސް މި ސީރީޒުން ފެނިގެންދާނެ އެވެ.

https://www.instagram.com/p/CZeocWUg8Cc/

"ޔާރާ"ގެ ޑައިރެކްޝަންގައި އަހްމަދު އިޤްބާލް، ރަވީ ފާރޫޤް އަދި ރިޝްމީ ވެސް ހަރަކާތްތެރިވާނެ އެވެ.

މީގެ އިތުރުން ބައިސްކޯފުގެ "އެހެނަސް" ވެބް ސީރީޒުން ބެލުންތެރިންގެ ބޮޑު މަގްބޫލުކަމެއް ހޯދި މުހައްމަދު ވިޝާލް (ރޯމަން)، ފާތިމަތު ޝަރާގެ އިތުރުން ހަމަ އެ ސީރީޒުން ފެނިގެންދިޔަ ނަތާޝާ ޖަލީލް، އާމިނަތު ޝަމާނާ، އާމިނަތު ސިލްނާ، މަރިޔަމް ވަހީދާ(ޔަމް) އަދި އަހުމަދު ޝާރިފް އާއި ނުޒުހަތު ޝުޢައިބް ވެސް ފެނިގެން ދާނެ އެވެ.