ވާޖިނީއާގައި ގޮލްފް ކުޅުއްވަން ހުންނަވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިވަނީ އިންތިޚާބުގެ ނަތީޖާއާ ގުޅިގެން ބަޔާނެއް ނެރުއްވާފަ އެވެ.
"އަހަރެމެން އެންމެނަށް ވެސް އެނގޭ ބައިޑެން އަވަސް އަރުވާލައިގެން މޮޅުވިކަން އިއުލާނުކުރާ ސަބަބު. މީޑިއާތަކުން ވެސް ދަނީ އޭނާއަށް އެކަމުގައި އެއްބާރުލުން ދެމުން. ހަގީގަތް ހާމަވާން އެމީހުން ބޭނުމެއް ނުވޭ،" މި ބަޔާން ފެށުމުގެ ގޮތުން ލިޔުއްވާފައިވެ އެވެ.
"ހަގީގަތަކީ މި އިންތިޚާބު ނިމެން އަދި ކައިރި ވެސް ނުވޭ،" އިންތިޚާބާއި ގުޅޭ ރަސްމީ އިދާރާއަކުން ދާއިމީ ނަތީޖާ ހާމަކުރައްވާފައި ނުވާތީ އެކަމަށް އިޝާރާތްކޮށް އެ ބަޔާނުގައިވެ އެވެ.
ކަންމިހެން އޮތުމާއެކު ވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ ކޮންމެ އިންތިޚާބެއްގެ ވެސް ވޯޓު ގުނުން ކުރިއަށްދާ ވަރަކުން މީޑިއާތަކުން އެ ނަތީޖާތައް ބަލައި، ހޮވުނު ފަރާތްތަކުގެ ނަންތައް ކަމާބެހޭ ރަސްމީ ފަރާތްތަކަށް ވުރެ ކުރިން އިއުލާނުކުރާކަމެވެ. އެހެން ކަމުން މިއީ އަލަށް ވާކަމެއް ނޫނެވެ.
މިއާއެކު ޓްރަމްޕް ވަނީ ހޯމަ ދުވަހުން ފެށިގެން ގާނޫނީ ގޮތުން އެ ކުރަންޖެހޭ ކަންތައް ކުރުމަށް ކޯޓަށް ގޮސް، ހައްގުވެރި ފަރާތަށް އިންތިހާބު ކާމިޔާބުކުރެވޭނެ މަގުފަހު ކުރާނެ ކަމަށް ވައުދުވެ ވަޑައިގެންފަ އެވެ.
އިންތިޚާބުގެ ވޯޓު ގުނުން ހުއްޓުވުމަށް އެދި ޓްރަމްޕްގެ ކެމްޕެއިން ޓީމުން ހުށައެޅި އެތައް މައްސަލައެއް ކޯޓުތަކުން ވަނީ ބޭރުކޮށްލާފަ އެވެ.
މީގެ އިތުރުން އެއްވެސް ހެއްކަކާއި ނުލާ ޓްރަމްޕް ވިދާޅުވީ ބައިޑެން ބޭނުންވަނީ ގަވައިދާ ހިލާފަށް ލާފައި ހުރި ވޯޓުތައް ވެސް ގުނުމަށެވެ.
"އެހެން ވީމާ ބައިޑެން ފޮރުވަން މިއުޅެނީ ކޯއްޗެއް؟ އެމެރިކާ މީހުން ބޭނުންވާ ގޮތަށް އިންސާފުވެރިކަމާއެކު ވޯޓު ގުނައި އަދި ޑިމޮކްރެސީގެ އުސޫލުތަކާއެކު މިކަން ކުރިއަށް ގެންދިއުމަށް ފަހު ވަގުތާއި ޖެހެންދެން ވެސް މަސައްކަތް ކުރާނަން،" ޓްރަމްޕްގެ ބަޔާނުގައި ވެ އެވެ.
އިންތިޚާބުގެ އޮފިޝަލުން ވަނީ ވޯޓު ގުނުމުގައި ގަވައިދާ ހިލާފު އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ.