ބޮލީވުޑްގެ މަޝްހޫރު ފަންނާނެއް ކަމަށްވާ ކަންގަނާ ރަނާއުތްގެ ޝޯ ކަމަށްވާ "ލޮކް އަޕް" އަށް ދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް ސުޝްމިތާ ސެންގެ ކުރީގެ ލޯބިވެރިޔާ ރޮހްމަން ޝޯލް ބުނެފި އެވެ.

އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ރޮހްމަން ވަނީ އޭނާގެ ފޮޓޯ ލާފައި އެޑިޓްކޮށްފައިވާ ޕޯސްޓެއް ހިއްސާކޮށްފަ އެވެ. އަދި އެ ޕޯސްޓުގައި ވަނީ ތެދު ވާހަކަތަކެއް ނޫން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އޭނާ އެ ޝޯގައި ބައިވެރި ނުވިނަމަވެސް ޝޯގެ ބައިވެރިންނަށް ހެޔޮ އެދޭ ކަމަށް އޭނާގެ ޕޯސްޓުގައި ބުނެފައިވެ އެވެ.

ކަންގަނާގެ ޝޯއަށް ރޮހްމަން ނުދާ ވާހަކަތައް ދެކެވެން ފަށާފައިވާއިރު، މީގެ ދުވަސްތަކެއް ކުރިންވެސް ހަބަރުތަކުގައި ރޮހްމަންގެ ނަން އާންމުވެފައިވެ އެވެ. އެއީ އޭނާ ގިނަ އަހަރުތަކެއް ވަންދެން އެކީގައި އުޅުނު ލޯބިވެރިޔާ، ސުޝްމިތާއާ ކައިވެނިކުރަން ނިންމާފައިވަނިކޮށް ވަކިވި ވާހަކަތަކާއި ގުޅިގެންނެވެ.

އިންޑިއާގެ ނޫސްތަކަށް މައުލޫމާތުދެމުން ސުޝްމިތާ ބުނީ އެ ދެ މީހުންގެ ލޯބީގެ ގުޅުން ކެނޑުނު ނަމަވެސް، އަބަދުމެ އަބަދަށް އެ ދެ މީހުން ރަހުމަތްތެރިންގެ ގޮތުގައި ދެމިތިބޭނެ ކަމަށެވެ. އެއަށްފަހު ވެސް ދެ މީހުން އެކަނިން ބޭރަށްދަނިކޮށް އާންމުންނަށް ފެނިފައިވެ އެވެ.