އިންޑިއާ ކަނޑުގައި ޗައިނާއިން ބާރުގަދަކުރަމުން އަންނަ މައްސަލާގައި ކަންބޮޑުވުންތަކެއް އުފެދިފައިވާތީ، ދިފާއީ އަދި ސަލާމަތީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ރާއްޖޭގެ އެންމެ އިސް އަސްކަރީ ފަރާތްތަކާއެކު އިންޑިއާގެ ޑިފެންސް ސެކްރެޓަރީ އަޖޭ ކުމާރު މަޝްވަރާތަކެއްކޮށްފި އެވެ.

އިންޑިއާގެ ނޫސްތަކުގައި ބުނެފައި ވަނީ ރާއްޖޭގައި ބޭއްވި ތިންވަނަ ޑިފެންސް ޑައިލޮގްގައި، އިންޑިއާގެ އަސްކަރިއްޔާގެ ވެރިޔާގެ މިދަތުރުފުޅުގައި ކުރިޔަށް ގެންދިޔަ މަޝްވަރާތައް "ވަރަށް އުފެއްދުންތެރި" ކަމަށެވެ.

އިންޑިއާ ކަނޑުގެ ސަރަހައްދުގެ ކަނޑުގެ އަވަށްޓެރި ގައުމުތަކުގެ ތެރޭގައި ހިމެނޭ ރާއްޖެ އާއި އިންޑިއާ ދެމެދުގައި އޮތް ޒަމާންވީ ދިފާއީ އަދި ސަލާމަތީ ގާތް ގުޅުން މި ސަރުކާރުން ދަނީ ވަރަށް ބޮޑަށް ބަދަހިކުރަމުންނެވެ. އެގޮތުން ރާއްޖޭގައި އިންޑިއާ ސިފައިންނަށް ތިބޭ ގޮތަށް އަސްކަރީ ސިއްރު އެއްބަސްވުންތައް ހަދައި، އުތުރު ތިލަފަޅުގައި އިންޑިއާގެ އަސްކަރީ ނޭވަލް ބޭސްއެއް ހަދަން ވެސް ދިވެހި ސަރުކާރުން އެއްބަސްވުމެއް ހަދާފައިވެ އެވެ.

ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ޑިފެންސް ސެކްރެޓަރީ އަޖޭ ކުމާރާއެކު ރާއްޖޭގެ އަސްކަރިއްޔާގެ އިސްވެރިން މަޝްވަރާކުރައްވަނީ. ފޮޓޯ: އެމްއެންޑީއެފް

އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު އަ ބާރަތު ބޫޝަން ބާބޫ ވިދާޅުވީ، އެ މަޝްވަރާތަކުގައި ޓްރާންސް ނޭޝަނަލް ކުށްތައް ހުއްޓުވުމަށް ދެފަރާތް ގުޅިގެން ކުރަމުންދާ މަސައްކަތްތަކާއި، ކެޕޭސިޓީ ބިލްޑިން ފިޔަވަޅުތަކާ ބެހޭގޮތުންނާއި، ސަރަހައްދުގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާ ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރި ކަމަށެވެ. ނަމަވެސް އެ މަޝްވަރާތަކުގެ ތަފުސީލެއް އޭނާ ނުދެއްވަ އެވެ.

ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ޑިފެންސް ސެކްރެޓަރީ އަޖޭ ކުމާރާއި ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް ބައްދަލުކުރައްވަނީ. ފޮޓޯ: އެމްއެންޑީއެފް

"އިންޑިއާގެ ހިލޭ އެހީގެ ދަށުން ބިނާކުރި ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރު ފޭސް އެކެއް އެނެކްސް އިފްތިތާހުކޮށްދެއްވައި، އަލުން ރީފިޓްކޮށްފައިވާ ސީޖީއެސް ހުރަވީ އާ ޑިފެންސް ސެކްރެޓަރީ އަޖޭ ކުމާރު ވަނީ ތިން ވަނަ އިންޑިއާ - މޯލްޑިވްސް ޑިފެންސް ކޯޕަރޭޝަން ޑައިލޮގް އަށްފަހު ހަވާލުކުރައްވާފައި،" އޭނާ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ ޑިފެންސް ކޯޕަރޭޝަން ޑައިލޮގް (ޑީސީޑީ) އަކީ ދެ ގައުމުގެ ދެމެދުގައި ދިފާއީ ދާއިރާއިން "ވަގުތަށް އިހުތިރާމްކުރަން" އެއްބާރުލުން ދިނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެއް ކަމަށެވެ.

ގާނޫނު އަސާސީއާ ހިލާފަށް އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ މައްސަލައިގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ދަނީ އިންޑިއާ ސިފައިން ބޭރުކުރަން ގޮވާލައި "އިންޑިއާ މިލިޓަރީ އައުޓް"ގެ ނަމުގައި ކެމްޕޭނެއް މުޅި ރާއްޖޭގައި ހިންގަމުންނެވެ. މި ކެމްޕޭން ހުއްޓުވުމަށް ސަރުކާރާއި ވެރިކަންކުރާ ކޯލިޝަނުން ގެންދަނީ އެކިގޮތްގޮތުން މަސައްކަތްކުރަމުންނެވެ.