ގިނަ އަދަދެއްގެ ފައިސާއާއެކު ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގެ ހޮޓަލަކުން ދިވެހި ފިރިހެނަކާއި ނޭޕާލުގެ އަންހެނަކު އެ ޤައުމުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 41 އަހަރުގެ ދިވެއްސެއް ކަމަށްވާ ޔުގީތު އިބްރާހީމާއި، ނޭޕާލުގެ ޗިތުވާންގެ ބިސޯނީއަށް ނިސްބަތްވާ އުމުރުން 20 އަހަރުގެ ސްނެހާ ރިމާލް ކިޔާ އަންހެނެކެވެ.

އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ބުދަ ދުވަހުގެ މެންދުރު 1:00 އެހައިކަންހާއިރު، ކަތުމަންޑޫ މެޓްރޮޕޮލިޓަން ސިޓީގެ ތަމޭލް ސަރަހައްދުގައި ހުންނަ "ސްނޯލައިން ހޮޓެލް" އިންނެވެ. އެ މީހުން ތިބި ކޮޓަރި ބަލައިފާސްކުރިއިރު، އެކި ޤައުމުތަކުގެ ފައިސާ ވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި 5 މިލިއަނަށް ވުރެ ގިނަ (5،050،000) ނޭޕާލީ ރުޕީސްއާއި، 4،215 އޮމާން ރިއާލްގެ އިތުރުން ޔޫއޭއީގެ 55 ދިރުހަމް ހިމެނެ އެވެ.

ކަތަމަންޑޫ ޑިސްޓްރިކްޓް ޕޮލިސް އޮފީހުގެ ތަރުޖަމާނު އަދި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ދަން ބަހާދުރް ތާޕާ މައުލޫމާތު ދެއްވި ގޮތުގައި، އެ ފައިސާއަކީ ކޮން ގޮތަކުން ހޯދާފައިވާ ފައިސާއެއްކަން ބުރާސްފަތި ދުވަހުގެ މެންދުރު ފަހާ ހަމައަށްވެސް އެ މީހުންނަށް ބުނެދެވިފައެއް ނުވެ އެވެ.

މީގެއިތުރުން ފުލުހުން ހާމަކުރި ގޮތުގައި، އެ ދެ މީހުންނަކީ ކައިވެނިކުރަން އުޅޭ ދެމަފިރިން ކަމަށް ބުނި ކަމުގައި ވިޔަސް، އެކަން ސާބިތުކޮށްދެވޭނެ އެއްވެސް އިތުބާރު ހުރި ހެއްކެއް މިހާތަނަށް ފެނިފައެއް ނުވެ އެވެ.

މި މައްސަލާގައި މަނީ ލޯންޑަރިންގެ އަމަލެއް ހިމެނޭ ކަމަށް ޝައްކުކުރެވޭތީ، މައްސަލަ ފުންކޮށް ތަހުގީގު ކުރުމަށްޓަކައި އެ ދެ މީހުން ނޭޕާލުގެ ޑިޕާޓްމަންޓް އޮފް މަނީ ލޯންޑަރިން އިންވެސްޓިގޭޝަނާ ހަވާލުކުރުމުގެ އިޖުރާއާތުތައް ފުލުހުން މިހާރު ދަނީ ފުރިހަމަކުރަމުންނެވެ.