ކެންސަރު ބައްޔަށް ފަރުވާ ހޯދައި، އެ ބަލިން މުޅިން ސަލާމަތް ވެފައިވާ ކަމަށް ޑޮކްޓަރުން ބުނުމަކީ ކޮންމެ ބަލި މީހަކަށްވެސް ލިބޭ ބޮޑު ހިތްހަމަޖެހުމެކެވެ.
ނަމަވެސް ބައެއް ފަހަރު، މަސްތަކެއް ނުވަތަ އެތައް އަހަރެއް ފަހުން އަނބުރާ ކެންސަރުގެ އަލާމާތްތައް ފެނި، ބަލި އެނބުރި އައުމަކީ (ރީލޭޕްސް) ވުމަކީ ބަލިމީހުންނާއި އާއިލާތަކަށް ކުރިމަތިވާ ވަރަށް ބޮޑު ބިރުވެރި ކަމެކެވެ.
އިންޑިއާގެ މަޝްހޫރު މެންޑަންޓާ ހޮސްޕިޓަލުގެ މެޑިކަލް އޮންކޮލޮޖީގެ ޗެއާމަން، ޑރ. އަޝޯކް ކުމާރު ވައިދު ވަނީ މިގޮތަށް ކެންސަރު އަނބުރާ އަންނަން މެދުވެރިވާ ސަބަބުތައް ކިޔައިދީފައެވެ.
ކެންސަރު އަނބުރާ އަންނަނީ ކީއްވެ؟
އުމުރުން 41 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ޑރ. އަޝޯކް ވިދާޅުވި ގޮތުގައި، ސާޖަރީ، ކީމޯތެރަޕީ އަދި ރޭޑިއޭޝަން ފަދަ ވަރުގަދަ ފަރުވާތަކަށްފަހު ކެންސަރު އެކުލެވޭ ޓިއުމަރުގެ 99.9 ޕަސެންޓް ނައްތާލެވުނު ނަމަވެސް، ވަރަށް ކުދިކުދި ކެންސަރުގެ ސެލްތަކެއް ހަށިގަނޑުގައި ސަލާމަތުން ހުރެދާނެ އެވެ.
"މިފަދަ ސެލްތަކަށް 'މިނިމަލް ރެސިޑުއަލް ޑިޒީޒް' ނުވަތަ 'ޑޯމަންޓް ކެންސަރު ސެލްސް' ކިޔާ. މި ސެލްތައް އެއްވެސް އަލާމާތެއް ނުދައްކާ އަދި ސްކޭނަކަށް ނުވެސް ނުފެނި އެތައް އަހަރެއް ވަންދެން ހަށިގަނޑުގައި ނިދާފައި ހުރެދާނެ" ޑރ. އަޝޯކް ވިދާޅުވި އެވެ.
މި ސެލްތައް ހަށިގަނޑުގެ ދިފާއީ ނިޒާމަށް ސިއްރު ވެގެން ތިބޭއިރު، އާދައިގެ ފަރުވާތަކުންވެސް އެ ސެލްތަކަށް އަސަރެއް ނުކުރެ އެވެ.
ނަމަވެސް ހަށިގަނޑަށް އަންނަ ބަދަލުތަކެއްގެ ސަބަބުން (ދިފާއީ ނިޒާމަށް ބަދަލު އައުން، ހޯމޯން ބަދަލުވުން ނުވަތަ އިމިއުން ސެލްތަކަށް ޖެނެޓިކް ބަދަލުތަކެއް އައުން) މި "ނިދާފައިވާ" ސެލްތައް އަލުން ހަރަކާތްތެރިވެ، ކެންސަރު ބަލި އަނބުރާ އާދެ އެވެ.
ފުރަތަމަ ދިން ފަރުވާ ނާކާމިޔާބުވީ ކަމުގެ ނިޝާނެއް ނޫން
ބަލި އަނބުރާ އައުމަކީ ފުރަތަމަ ދިން ފަރުވާ ނުވަތަ ޑޮކްޓަރުންގެ މަސައްކަތް ގޯސްވުން ނޫންކަން ޑރ. އަޝޯކް ފާހަގަ ކުރެއްވި އެވެ. ބަލި އަނބުރާ އަންނަނީ ކުރިން ބަލި ހުރި ސަރަހައްދަށް، ކައިރީގައި ހުންނަ ލިމްފް ނޯޑްސްތަކަށް، ނުވަތަ ހަށިގަނޑުގެ އެހެން ގުނަވަންތަކަށެވެ.
ޒަމާނީ ކުރިއެރުންތައް
މިހާރު ޓެކްނޮލޮޖީއަށް އައިސްފައިވާ ކުރިއެރުންތަކާއެކު، ލިކުއިޑް ބައޮޕްސީ އަދި އެމް.އާރް.ޑީ ޓެސްޓިންގް ފަދަ ޒަމާނީ ވަސީލަތްތަކުން، ސްކޭނަކަށް ނުފެންނަހާ ކުދިކުދި ކެންސަރުގެ ބައިތައް ކުރިން ދެނެގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެއާއެކު ކުރިއަށް އޮތް ތަނުގައި މިފަދަ "ނިދާފައިވާ" ސެލްތައް ސީދާ ބަލި ކޮށްލެވޭނެ ބޭސްތައް އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
ކެންސަރުން ސަލާމަތްވެފައިވާ މީހުން ފަސް އަހަރު ފުރުމުން ހުރިހާ ޗެކްއަޕްއެއް ހުއްޓާލުމުގެ ބަދަލުގައި، ދިގު މުއްދަތަކަށް ޑޮކްޓަރުންގެ ލަފަޔާ އެއްގޮތަށް ސިއްހީ ހާލަތު މޮނިޓާ ކުރުމަކީ މުހިއްމު ކަމެއް ކަމަށް ޑރ. އަޝޯކް ލަފާ ދެއްވާފައިވެ އެވެ.
ސައުދީ ޓޭންކަރަކަށް ދިން ހަމަލާއެއްގައި ދެ މީހުން މަރުވެއްޖެ
އުމުރުން ދުވަސްވާ ވަރަކަށް ވަގުތު އަވަހަށް ފާއިތުވާހެން ހީވޭތަ؟