ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ޑޮލަރުގެ މައްސަލައިގައި ރައީސް މުހައްމަދު މުއިއްޒާ މެދު ހިތްހަމަނުޖެހިފައި ތިބި މެންބަރުން އެބަތިބި ކަމަށާއި، މަޖިލީހުގެ އެތެރޭގައި ސިއްރު އިންގިލާބެއް ހިނގަމުންދާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ކޯޓު މަރުހަލާއިން ބޭރުން ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރުމުގެ ގާނޫނީ ބާރު ލިބިފައިވާ ހަމައެކަނި މުއައްސަސާއަކީ ރައްޔިތުންގެ މަޖިލިސް ކަމަށެވެ. އަދި އެފަދަ ބޮޑު ބާރަކާއި ޒިންމާއެއް ހަވާލުވެފައިވާ ބަޔަކަށް ކުރެވޭނެ ކަމެއް ނެތް ކަމަށް ބުނުމަކީ އެ ފަރާތްތަކަށް ވެވޭ އިހުސާންތެރިކަމެއް ކަމަށާއި، އެއީ އެއްވެސް ވަރަކަށް ހަމްދަރުދީ ހައްގުވާ ބައެއް ނޫން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މަޖިލީހުގެ ހުރިހާ މެންބަރުން މި ސަރުކާރާއެކު ސާބިތުވެ ނެތްކަން ހާމަކުރައްވަމުން ޔާމީން ވިދާޅުވީ، ޑޮލަރު މާރުކުރުމުގެ މައްސަލައިގައި ގިނަ މެންބަރުންތަކެއް ނުރުހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ވިޔަފާރިވެރިންނާއި، ސަފާރީ ވިޔަފާރިކޮށްގެން ޑޮލަރު ހޯދާ މެންބަރުން ވެސް ހިމެނޭ ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ.

""މަޖިލީހުގައި ވަރަށް ރުޅި އައިސްފައި ތިބި ބަޔަކު އެބަ ތިބި. އެތަނުގައި މިހާރު އެ ހިނގަނީ ވަރަށް ސައިލެންޓް ކޮށް ހިންގާ އިންގިލާބެއް. ﷲގެ އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ހާލަތު ބަދަލުވާތަން ފެންނާނެ،" ޔާމީން ވިދާޅުވި އެވެ.

މީގެއިތުރުން، މި ސަރުކާރުން ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ) ތަކުން ޒުވާނުން ވަޒީފާއިން ވަކިކުރަމުންދާ މައްސަލައަށް ވެސް ރައީސް ޔާމީން ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އެއީ ރައީސް މުއިއްޒު ގަސްތުގައި ޒުވާނުންނަށް ދެމުންގެންދާ އަނިޔާއެއްގެ ގޮތުގައި ސިފަކުރައްވަމުން، އެމަނިކުފާނުގެ ވެރިކަމެއްގައި ވަޒީފާތަކުން ވަކިކުރެވުނު ހުރިހާ ފަރާތްތަކަށް އަލުން ވަޒީފާ ހަމަޖައްސައިދެއްވާނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވި އެވެ.