ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި، އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުން ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގއ. މާމެންދޫއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް 2026 ޖުލައި މަހުން ފެށިގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މި އޮޕަރޭޝަން ހިންގާފައިވަނީ 2026 ސެޕްޓެމްބަރު 2 ވަނަ ދުވަހު އެވެ. މި އޮޕަރޭޝަނަކީ އަޕާ ސައުތު ޕޮލިސްގެ ގއ. އަތޮޅު ޕޮލިސް ސްޓޭޝަނާއި، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އަދި ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެ އެވެ.
މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ގއ. މާމެންދޫގެ ދެ ގެއެއް ބަލައިފާސްކޮށް، މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫ / ފިޔާތޮށިވިލާ، އަޒުހަދު ނަސީމް (29އ) އަދި ގއ. މާމެންދޫ / ރޯޝަނީގެ، ރިޝްފާން ރާމިޒު (29އ) އެވެ. ފުލުހުން ވިދާޅުވި ގޮތުގައި މި ދެ މީހުންނަކީވެސް މި މަސްތުވާތަކެތީގެ ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ ދެ މީހުންނެވެ.
މި އޮޕަރޭޝަނުގައި ފާސްކުރި ދެ ގެއިން، ވަގުތީ ބަރުދަނުގައި 17.7 ކިލޯ ހުރި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ވަނީ ފެނިފަ އެވެ.
ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެމީހުންގެ ބަންދަށް ކޯޓުން ވަނީ 5 ދުވަހުގެ މުއްދަތެއް ދީފަ އެވެ.
އަޒުހަދު ނަސީމް ވަނީ މި އަހަރުގެ ފެބްރުއަރީ މަހުވެސް މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފަ އެވެ.
މި އޮޕަރޭޝަނާ ގުޅިގެން އިތުރު ތަންތަން ބަލައިފާސްކުރުމުގެ މަސައްކަތް ފުލުހުން އަދިވެސް ދަނީ ކުރަމުންނެވެ. އަދި މި މައްސަލަ އަޕަރ ސައުތު ޕޮލިސް އަދި ޑްރަގް އެންފޯސްމެންޓް ގުޅިގެން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.
ނިދީގައި ވާހަކަ ދެއްކުން: އެހީ ހޯދަންވީ ކިހާ ހިސާބަކުން؟
ތިން ކިލޯގެ މަސްތުވާތަކެއްޗާ އެކު ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަގުން ޑްރަގް އެތެރެކުރަން އުޅުނު 16 މީހަކު ހައްޔަރަށް