ފައިޒާ އާއި ބަޔޯ އެން ޓެކްއިން ކޮވިޑް-19 އަށް އުފެއްދި ވެކްސިން 90 ޕަސެންޓް ކާމިޔާބުކަން އިއުލާނުކޮށްފި އެވެ.
މިކަން ސިފަކޮށްފައި ވަނީ “ސައިންސާއި މުޅި އިންސާނިއްޔަތަށް ވެސް އުފާވެރި ދުވަހެއްގެ ގޮތުގަ އެވެ.
“މަގު ނިމޭ ކޮޅުން ފެނުނު އުންމީދުގެ ހުޅުކޮޅެއް މިއީ،” އެންބީސީއާއި ވާހަކަދައްކަވަމުން ފައިޒާގެ ސީއީއޯ ޑރ. އަލްބާޓް ބޯރްލާ ވިދާޅުވި އެވެ.“އާންމު ސިއްހަތާއި ދުނިޔޭގެ އިގްތިސާދަށް ބަލާލިޔަސް މިއީ މި ފާއިތުވެދިޔަ 100 އަހަރުގެ ތެރޭގައި ވެސް ސިއްހީ ދާއިރާއިން ހޯދުނު އެންމެ ބޮޑު ކާމިޔާބީ،” ޑރ. އަލްބާޓް ވިދާޅުވި އެވެ.
މި ވެކްސިންގެ ކާމިޔާބީ އިއުލާނުކޮށްފައިވާ އިރު ކޮވިޑް-19 ގެ މި ބަލިމަޑުކަމުގައި 1.2 މިލިއަނަށް ވުރެ ގިނަ މީހުން މަރުވެ، ވެކްސިނެއް ހޯދުމަށް ބޭސް އުފައްދާ ކުންފުނިތަކުން ވެސް ކެނޑިނޭޅި މަސައްކަތް ކުރަމުން އެބަދެ އެވެ.
ސައިންސްވެރިން އުންމީދުކުރަމުން އައީ 75 ޕަސެންޓް އިފެކްޓިވް ވެކްސިނެއް ލިބުމެވެ. އެހެން ނަމަވެސް އެމެރިކާގެ ގައިން ގަޔަށް އަރާ ބަލިތަކާ ބެހޭ ޑިޕާޓްމަންޓްގެ ވެރިޔާ ޑރ. އެންތަނީ ފައުސީ ވިދާޅުވެފައި ވަނީ 50 ނުވަތަ 60 ޕަސެންޓް އިފެކްޓިވް ނަމަވެސް އެ ވެކްސިން ބޭނުންކުރެވޭނެ އެވެ.
އެފްޑީއޭގެ ކުރީގެ ކޮމިޝަނާއެއް ކަމަށްވާ ޑރ. ސްކޮޓް ގޮޓެއިލިބް ސީއެންބީސީ އަށް ވިދާޅުވި ގޮތުގައި ޑިސެމްބަރު މަހުގެ ފަހުކޮޅު މިވެކްސިން ދޭން ފެށިގެންދާނެ އެވެ. އަދި 2021 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ގިނަ އަދަދެއްގެ މީހުންނަށް ވެކްސިން ދޭން ފެށޭނެ އެވެ.
ޑަބްލިއުއެޗްއޯގެ ޑައިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޯމް ވިދާޅުވެފައި ވަނީ މި ވެކްސިން އުފެއްދުމުގެ މަސައްކަތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ސެލިއުޓް އަދާކުރައްވާ ކަމަށެވެ. އަދި މިއީ މި ބަލިމަޑުކަން ނިންމާލުމަށް ލިބުނު ގަބޫލުކުރަން ދަތި ސައިންޓިފިކް ހޯދުމެއް ކަމަށް އޭނާ ސިފަކުރައްވާފައިވެ އެވެ. -ސީއެންބީސީ