މުޅި ދުނިޔެއަށް ކުރިމަތިވެފައި މިވާ ޕެންޑަމިކާ ގުޅިގެން އެވޯޑު ހަފްލާތައް ވެސް މިދުވަސްވަރު ބާއްވަމުން ދަނީ ވާޗުއަލް ކޮށެވެ. މިއުސޫލުން އެމްޓީވީގެ ޔޫރަޕިއަން މިޔުޒިކް އެވޯޑު ވެސް މިވަނީ ބާއްވާފަ އެވެ.

ނަމަވެސް މިފަހަރު ތަފާތަކަށް ވީ މިހަފްލާގައި ދުނިޔޭގެ އެކި ހިސާބުތަކުން ރިކޯޑުކޮށްފައިވާ މަންޒަރުތައް ހިމަނާފައި ވުމެވެ.

މިއަހަރުގެ އެވޯޑު މިހަފްލާގައި އެންމެ ވިދުން ގަދަކޮށް ފެނިގެންދިޔައީ ކުރިން ވެސް ހީކުރި ފަދައިން "ބީޓީއެސް" އާއި "ލޭޑީ ގާގާ"ގެ އިތުރުން މިއަހަރުގެ ޝޯގެ ހޯސްޓު "ލިޓްލް މިކްސް" އެވެ.

އެގޮތުން ބެސްޓް ސޯންގް، ބެސްޓް ގްރޫޕް، ބިގެސްޓް ފޭން އަދި ބެސްޓް ވާޗުއަލް ލައިވް ގިގް ކެޓަގަރީ ހިމެނޭ ގޮތަށް ބީޓީއެސް އިން ވަނީ ހަތަރު އެވޯޑެއް ގެންގޮސްފަ އެވެ. ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ބެސްޓް ގްރޫޕް އެވޯޑު ލިބުމާ ގުޅިގެން، ގްރޫޕްގެ މެމްބަރު އާރްއެމް ބުނެފައިވަނީ މިޔުޒިކް މެދުވެރިކޮށް މީހުންނަށް އުއްމީދު ހޯދާ ދިނުމަށް އެ ގްރޫޕުން ހުއްޓުމެއްނެތި ބުރަ މަސައްކަތްތަަކެއް ކުރަމުންގެންދާނެ ކަމަށެވެ.

މި އެވޯޑުގައި 8 ނޮމިނޭޝަނާއެކު އެންމެ ކައިރިން ވާދަކޮށްފައިވާ ލޭޑީ ގާގާއަށް ލިބިފައިވަނީ ބެސްޓް އާޓިސްޓާއި ބެސްޓް ޔޫއެސް އެކްޓް އެވޯޑް އެވެ. މީގެ އިތުރުން ލިޓްލް މިކްސްއިން ވަނީ ބެސްޓް ޕޮޕް އަދި ބެސްޓް ޔޫކޭ އެން އަޔަލޭންޑް އެކްޓް އެވޯޑު ހާސިލްކޮށްގެން މިހަފްލާގެ އެންމެ ކާމިޔާބު އެއް ބޭންޑުގެ ގޮތުގައި ލޭބަލްވެފަ އެވެ.