ކޮވިޑް-19 އަށް ޗައިނާއިން އުފައްދާފައިވާ ވެކްސިންގެ ސީރިއަސް މައްސަލަތަކެއް ދިމާވެ ޓެސްޓްތައް ބްރެޒިލްގައި މެދުކަނޑާލައިފި އެވެ.
މިއީ އޭޝިއާގައި އުފެއްދި ވެކްސިނެއްގެ ޓެސްތްތައް މިފަދައިން ހުއްޓަލަން ޖެހުނު ފުރަތަމަ ފަހަރެވެ.
ޗައިނާގެ ސިނޮވެކް ބަޔޯޓެކް ކުންފުނިން އުފައްދާ ކޮރޯނަވެކްސްގެ ޓެސްޓްތައް ހުއްޓާލާފައި މިވަނީ އޮކްޓޯބަރު 29 ވަނަ ދުވަހު ހިނގައިދިޔަ ކަމަކާ ގުޅިގެން ކަމަށް ބްރެޒިލްގެ ހެލްތު އެޖެންސީ އިން ވަނީ އަންގާރަ ދުވަހު ބުނެފަ އެވެ. އެހެން ނަމަވެސް މިކަމާ ގުޅޭ އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.
މި ޓެސްޓްތައް މެދުކަނޑާލާފައި ވަނީ އޮންނަ ގަވާއިދުގެ ދަށުން ކަމަށާއި އަލުން ފެށުމަށް ބަލަން ޖެހޭ ކަންތައް ބަލަމުންދާ ކަމަށް ވެސް ބްރެޒިލްގެ ހެލްތު އެޖެންސީ އިން ވަނީ ބުނެފަ އެވެ.
ވެކްސިންގެ ބޮޑެތި ޓެސްޓްތައް ހުއްޓާލަން ޖެހުމަކީ އާންމުކަމެކެވެ. އެ ގޮތުން މީގެ ކުރިން އެސްޓްރަޒެނެކާ އާއި ޖޯންސަން އެންޑް ޖޯންސަން ގެ ވެކްސިން ޓެސްޓްތައް ވަނީ މެދުކަނޑާލުމަށް ފަހު އަލުން ފަށާފަ އެވެ.