ގދ. ކާޑެއްދޫ އެއާޕޯޓް ހިންގުން ވިލާ އެއާ ޕްރައިވެޓް ލިމިޓެޑާ އަލުން ސަރުކާރުން މިއަދު ހަވާލުކޮށްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެއާޕޯޓުގެ އެއްބަސްވުމުގައި ވިލާ ގްރޫޕުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ.
ވިލާ އެއާއަށް ކާޑެއްދޫ އެއާޕޯޓް ހިންގަން 50 އަހަރަށް 2013 ވަނަ އަހަރު ދީފައިވަނިކޮށް އެ އެއްބަސްވުން ރައީސް ޔާމީންގެ ސަރުކާރުގައި 2107 ވަނަ އަހަރުގެ ތެރޭގައި ބާތިލުކޮށްފައިވެ އެވެ. އެ އެއްބަސްވުން ބާތިލުކޮށް އެއާޕޯޓް އަތުލަން ސަރުކާރުން ދެއްކި ސަބަބަކީ ސިވިލް އޭވިއޭޝަންގެ މިންގަޑުތަކާއި ހިލާފަށް ހިންގާ ކަމަށް ބުނެ އެވެ.
ވިލާގެ އަތުން ކާޑެއްދޫ އެއާޕޯޓު އަތުލުމުން، މިއަދާ ހަމައަށް އެ އެއާޕޯޓް ހިންގަމުން އައީ ރީޖަނަލް އެއާޕޯޓްސް އިންނެވެ. އެ އެއާޕޯޓުގެ ހިދުމަތްތަކުގެ ފެންވަރު ދަށް ކަމަށާއި އެއާޕޯޓު މަރަމާތު ނުކުރާތީ އެ ތަނުން ހިދުމަތް ހޯދާ ގިނަ ބަޔަކު ޝަކުވާ ކުރެ އެވެ.
ކޯޓުގެ ނިންމުމާއެކު ވިލާ އެއާއިން ވަނީ މި މައްސަލާގައި ސިވިލްކޯޓާއި ހައިކޯޓުގައި ދައުލަތާއި ދެކޮޅަށް ދައުވާކޮށްފަ އެވެ. އެ ދެ ކޯޓުން ވެސް އެ މައްސަލަ ނިންމާފައިވަނީ ވިލާ އެއާ އާ އެއްކޮޅަށެވެ. އަދި އެއްބަސްވުން އުވާލީ ގޯސްކޮށް ކަމަށް ކަނޑައަޅައި އެއާޕޯޓް ވިލާ އާ ހަވާލުކުރުމަށް ވެސް ދެ ކޯޓުން ވެސް ނިންމާފައިވެ އެވެ.
އެ މައްސަލާގައި ދަށުކޯޓްގެ ނިންމުންތައް ސުޕްރީމްކޯޓްގައި އިސްތިއުނާފު ކުރީ ދައުލަތުންނެވެ. މި މައްސަލަ ނިންމާ ސުޕްރީމް ކޯޓުން ނިންމި ނިންމުމުގައި ވެސް ވަނީ ދަށުކޯޓްގެ ނިންމުންތަކަށް ތާއީދުކޮށް އެ ނިންމުންތައް ދަމަހައްޓައިފަ އެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ހުކުމްކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.