ހެޔޮ އަގުގައި ސައިކަލު ވިއްކާނެކަމުގެ ދަޅަދައްކައިގެން ގިނަ އަދަދެއްގެ އާންމުންގެ އަތުން ފައިސާ ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގައި ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް 139 ދައުވާއެއް އުފުލައި، އެ މައްސަލަތައް ކްރިމިނަލް ކޯޓަށް އިއްޔެ ވައްދައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މި މައްސަލައިގައި ދައުވާކޮށްފައިވަނީ ދ. ބަނޑިދޫ، ޕޯލާގްރޭސް، އަހްމަދު އާތިފް ހަސަންގެ މައްޗަށެވެ. އޭނާގެ މައްޗަށް ޓެކުމުގެ ކުށުގެ 139 ދައުވާއެއް ކޮށްފައިވާއިރު، މި ކުށްތައް ޝަރީއަތަށް ސާބިތުވެއްޖެނަމަ، 133 އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެއެވެ.
މި މައްސަލައިގައި އަދަބު މިހާ ބޮޑުވަނީ، ސައިކަލު ގަތުމަށް ފައިސާ ދެއްކި ކޮންމެ މީހެއްގެ މައްސަލަ ވަކި ދައުވާއެއްގެ ގޮތުގައި ކޯޓަށް ހުށަހަޅާފައިވާތީ އެވެ. އެހެންކަމުން، ކޮންމެ ދައުވާއަކަށް ވަކިވަކިން އަދަބު ކަނޑައަޅަމުންދާތީ ޖުމްލަ އަދަބު ބޮޑުވެގެންދެ އެވެ.
ޖަލު އަދަބުގެ އިތުރުން، އޮޅުވާލައިގެން ހޯދާފައިވާ ފައިސާ އަނބުރާ ހޯދައިދިނުމަށްވެސް ޕީޖީ އޮފީހުން ވަނީ އެދިފައެވެ. އެގޮތުން، އަނިޔާ ލިބުނު ފަރާތްތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ 6,250,420.12 ރުފިޔާ އާތިފް އަތުން ނަގައިދިނުމަށް ކޯޓުގައި ވަނީ އެދިފަ އެވެ.
ކިންގްސްޓަންގެ ސައިކަލު ސްކޭމް މައްސަލައިގައި ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވުމާ ގުޅޭ ތަފްސީލަށް ބަލާއިރު، 2023 ވަނަ އަހަރުން ފެށިގެން އެ ކުންފުނި މެދުވެރިކޮށް ހެޔޮ އަގުގައި ސައިކަލު ވިއްކާނެކަމަށް ބުނެ ގިނަ ބައެއްގެ އަތުން ވަނީ ފައިސާ ނަގާފައެވެ. އެހެންނަމަވެސް، އެ ފައިސާ ނެގުމަށްފަހު ސައިކަލު ހަވާލުކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށާއި، އެ ފައިސާ ބޭނުންކޮށްފައިވަނީ އަމިއްލަ ކަންކަމަށް ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.
މި މައްސަލައިގައި އިތުރު ބަޔަކަށް ގެއްލުންވެފައިވާކަން ފާހަގަކޮށް ޕީޖީ އޮފީހުން ބުނީ، ބަދަލު ލިބެންޖެހޭ އިތުރު 11 މީހެއްގެ ބައި އިތުރަށް ތަހުގީގުކުރުމަށް ފުލުހުންނަށް އަންގާފައިވާނެ ކަމަށެވެ. އެ މައްސަލަތަކުގެ ތަހުގީގު ފުރިހަމަވުމުން، އެ ފަރާތްތަކުގެ ބައިގައިވެސް ދައުވާކުރުމާމެދު ނިންމުމެއް ނިންމާނެ ކަމަށް އެ އޮފީހުން ހާމަކުރެއެވެ.
މިއީ ރާއްޖޭގައި ސައިކަލު ވިއްކުމުގެ ނަމުގައި ހިންގާފައިވާ ބޮޑު މަކަރާއި ހީލަތުގެ އަމަލެއްގެ ގޮތުގައި ފާހަގަކުރެވޭ މައްސަލައެކެވެ. އެތައް ބަޔަކު ބުރަ މަސައްކަތުން ހޯދި ފައިސާ މި ކުންފުންޏާ ހަވާލުކޮށް، އެ ފައިސާ ގެއްލުމުގެ ސަބަބުން ވަނީ އިންތިހާއަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ.
އަބަދު ފޯނުގައިތަ؟ ދަރިންގެ ވާހަކަ ދެއްކުމުގެ ހުނަރަށް އަސަރުކުރޭ
ބޭރުގެ އަސްކަރީ ހަރަކާތްތަކާ ދެކޮޅަށް އީރާންގެ އިންޒާރު
8 ގަޑިއިރު އުސޫލުގެ ސަބަބުން ފިލްމުތައް ގެއްލޭ: އަކްޝޭ
