ރާއްޖެ އެތެރެކުރާ ތެޔޮ ޓެސްޓުކޮށް، އޭގެ ކޮލިޓީ ދެނެގަނެވޭނެ ނިޒާމެއް ގާއިމްކުރަން އެސްޓީއޯއިން ފިއުލް ޓެސްޓިން ލެބޯރަޓަރީއެއް ހަދައިފި އެވެ.
އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ގާއިމުކޮށްފައިވާ މި ލެބޯޓްރީ އިފްތިތާހު ކޮށްދެއްވީ އެސްޓީއޯގެ ޗެއާމަން ހާމިދު ނަޝީދު މުހައްމަދު އާއި މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރާ ކުންފުނިން މިއަދު ބުނީ ޕްރޮޑަކްޓް ޓެސްޓިންގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ޖީއީއޯ ކެމް މިޑްލްއީސްޓް ކުންފުނިން އޮޕަރޭޓްކުރާ ގޮތަށް އެސްޓީއޯއިން ހުޅުވި މި ލެބޯޓްރީގެ ސަބަބުން ރާއްޖެ އެތެރެކުރެވޭ ތެޔޮ ވަގުތުން ޓެސްޓުކުރުމަށް މަގުފަހިވެ، މިހާރު ރާއްޖެއިން ބޭރަށް ސާމްޕަލް ފޮނުވައިގެން ޓެސްޓުކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެން ދާނެ ކަމަށެވެ. ހާއްސަގޮތެއްގައި އޭވިއޭޝަން ދާއިރާގައި ބޭނުންކުރާ ޖެޓް ފިއުލް ޝިޕްމަންޓް ރާއްޖެ ގެންނަ ކޮންމެ ފަހަރަކު ރި-ޓެސްޓުކުރުމަށްޓަކައި، ރާއްޖެއިން ބޭރަށް ސާމްޕަލްތައް ފޮނުވުން ނިމުމަކަށް ގެނެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެެވެ.
އެސްޓީއޯ އިން ބުނިގޮތުގައި ކޮލިޓީ ޓެސްޓިންގައި އިންޑިޕެންޑެންސީ އަދި ކްރެޑިބިލިޓީ ހިފެހެއްޓުމަށްޓަކައި އެސްޓީއޯއިން ހަރަދުކޮށްގެން ހުޅުވާފައިވާ މިލެބޯޓްރީ މެނޭޖްކޮށް، ޓެސްޓް ސެޓްފިކެޓްތައް ދޫކުރާނީ ސީދާ ޖިއޯކެމް މިޑްލް އީސްޓުންނެވެ.
މީގެ އިތުރުން، މިލެބޯޓަރީން ރާއްޖެ އެތެރެކުރާ ޕެޓްރޯލް އާއި ޑީސަލްގެ ކީ ޕެރަމީޓާސްތައް ވެސް ޓެސްޓްކުރެވޭނެ އެވެ.
މި ލެބޯޓަރީ ހުޅުވުމާއެކު، ޖީސީސީ އެކްރެޑިޓޭޝަން ސެންޓަރު (ޖީއޭސީ) އިން މި ލެބޯޓަރީއަށް އައިއެސްއޯ އަދި އައިއީސީ 17025:2017 އެކްރެޑިޓޭޝަން ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އެހެންކަމުން މި ލެބޯޓްރީ ވެގެންދާނީ ރާއްޖޭގައި ހުޅުވޭ ދުނިޔޭގެ ފެންވަރުގައި ތެޔޮ ޓެސްޓްކުރާ ތަނެއް ކަމަށާއި މި ލެބޯޓަރީން ދޫކުރާ ޓެސްޓް ސެޓްފިކެޓް ދުނިޔޭގެ ކޮންމެ ތަނަކުން ވެސް ބަލައިގަންނާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
މިފަދަ ލެބޯޓަރީއެއް އެސްޓީއޯ އިން ހަރަދުކޮށްގެން ރާއްޖޭގައި ހުޅުވުމަކީ ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށް އެސްޓީއޯއިން ދެކެ އެވެ.