އައްޑޫގައި ދިރޭ ކުކުޅު އާލާކޮށް ކުކުޅުގެ ވިޔަފާރި ފުޅާކުރުމަށް "ބީޓެކް ޕޯލްޓްރީ ފާމް"ގެ ނަމުގައި ބޮޑު ފާމެއް ހިންގަން ފަށައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން އިސްނަގައިގެން އެ ރަށުގައި ކުކުޅު ގެންގުޅުމަށް ހުޅުވާލި ފުރުސަތު ގައި ބީޓެކު ކުންފުނިން ވަނީ ދިރޭ ކުކުޅު އާލާ ކުރުމުގެ މަސައްކަތް ފަށާފަ އެވެ.
ހިތަދޫ ބަނދަރުގައި ބީޓެކު ކުންފުނިން ހިންގާ މަސް މާރުކޭޓުގައި ދިރޭ ކުކުޅު ވިއްކަން ފެށުމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ކުކުޅު ވިއްކަން ފެށުން އިފުތިހާތުކޮށް ދެއްވާފައި ވަނީ އައްޑޫ މޭޔަރު އަލީ ނިޒާރާއި އައްޑޫގެ ކުރީގެ މޭޔަރު އަދި މިހާރު ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ.
ދިރޭ ކުކުޅު ވިއްކަން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، މިފަދަ ވިޔަފާރި ފުޅާކުރުމަށް އައްޑޫއަށް ދިރޭ ތަކެތި ގެނައުމުގައި މިހާރު މާބޮޑެތި ހުރަސްތަކެއް ނެތް ކަމަށެވެ. އަދި ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި ކަރަންޓީން ފެސިލީޓީއެއް ވެސް އެއްކޮށް ގާއިމުކޮށް މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް ނިޒާރު ވިދާޅުވި އެވެ.
މި ޕައުލްޓަރީ ފާމް ހިންގާ ބީޓެކް ކުންފުނިން މަޢުލޫމާތު ދޭ ގޮތުގައި ފުރަތަމަ ޝިޕްމެންޓުގައި 5،000 ބިސް ގެނެސް ކާމިޔާބުކަމާއި ކުކުޅުތައް އާލާކޮށް، މިހާރު ވަނީ ވިއްކަން ފަށާފަ އެވެ.
ބީޓެކް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަބްދުﷲ ވިދާޅުވި ގޮތުގައި، މިތަނުގައި މިހާރުވެސް ދުވާލެއްގެ މައްޗަށް 1،000 ބިސް ހެޗަރީން ނެރެވޭނެ ނިޒާމު ގާއިމު ކުރެވިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އޮޕަރޭޝަން އިތުރަށް ފުޅާކޮށް ދިރޭ ކުކުޅާއި އެކު ބިސް ވެސް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ގޮތަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އައްޑޫގައި އިންޑަސްޓްރިއަލް ސްކޭލެއްގައި ކުކުޅު ފާމެއް ފަށާފައިވާއިރު، މިއީ ރާއްޖޭގައި ވެސް މިހާ ބޮޑުކޮށް މި މަސައްކަތް ފެށި ފުރަތަމަ ފަހަރެވެ. ބީޓެކް ކުންފުނިން ބުނީ މި ފާމުން ވިއްކާ ކުކުޅުތަކުގެ އަގު ރާއްޖޭގެ ބާޒާރުގައި މިހާރު ވިއްކާ އައިސް ކުކުޅަށް ވުރެ ބޮޑު ނުވާނެ ކަމަށެވެ. އަދި އަބަދުވެސް ތާޒާ ކުކުޅު ހިތަދޫގައި ބަނދަރު ސަރަހައްދުގައި ހުންނަ މާރުކޭޓުން ލިބޭނެ ކަމަށް ބީޓެކުން ބުނެ އެވެ.