ރަސްފަންނުގައި ތަރައްގީކޮށްފައިވާ ޕެވިލިއަންގައި ލެމަންގްރާސްގެ ރެސްޓޯރަންޓެއް ހުޅުވަން ތައްޔާރުވެއްޖެ އެވެ.
އެމްޑަބްލިޔުއެސްސީއިން ބަލަހައްޓަމުން އަންނަ ޕެވިލިއަން ލެމަންގްރާސް އާ ހަވާލުކޮށްފައި ވަނީ މީގެ ހަތް މަސް ކުރިންނެވެ.
ރަސްްފަންނުގައި ލެމަންގްރާސްއިން ޕެވެލިއަން ހިންގުމަށް ނިންމާފައިވަނީ "ޕޮމެލޯ"ގެ ނަމުންނެވެ. އެތަނުގައި 400 މީހުންނަށް އެއްފަހަރާ ހިދުމަތްދެވޭނެ ކަމަށް ލެމަންގްރާސްއިން ބުނެ އެވެ.
ޕެވިލިއަންގެ ފުރަތަމަ ފްލޯ ހާއްސަ ކޮށްފައި ވަނީ ޕޭސްޓްރީ އާއި ލުއި ކާނާގެ ބާވަތްތަކަށެވެ. އޯޑަރު ދީގެން ކެއުމަށް ދެ ވަނަ ފްލޯ ހާއްސަ ކުރާއިރު ތިން ވަނަ ފްލޯގައި އިން ލިބޭނީ ކޮފީ އާއި ބުފޭގެ ހިދުމަތެވެ.
ޕޮމެލޯ ރެސްޓޯރެންޓުގައި ކުޑަކުދިންނަށް ހާއްސަ ޕްލޭ އޭރިއާ އެއްވެސް ހަދާފައިވެ އެވެ.
ލެމަންގްރާސް ގުރޫޕުން މިހާރު ފަސް ރެސްޓޯރަންޓެއް މާލޭގައި އަންނަނީ ހިންގަމުންނެވެ.
ކުރީގެ ސަރުކާރުގައި 13.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން 2016 ވަަނަ އަހަރު ރަސްފަންނުގައި ހެދި ޕެވިލިއަން އެންމެ ފުރަތަމަ ހިންގަން ހަވާލުކުރީ ސިބްކޯ ޕްރައިވެޓް ލިމިޓެޑާ އެވެ. ނަމަވެސް 2019 ވަނަ އަހަރު އެމްޑަބްލިއުއެސްސީން ވަނީ ސިބްކޯއާއެކު ހެދި އެއްބަސްވުން ބާތިލްކޮށްފަ އެވެ. އެކަމަކު އެއްބަސްވުން ބާތިލުކުރުން ފަސްކުރަން ފަހުން ކޯޓުން ނިންމީ އެވެ.
ޕެވިލިއަން ބަންދުކުރުމުގެ ކުރިން އެ ތަނުގައި ދިޔައީ މަޝްހޫރު ރެސްޓޯރެންޓްތަކެއް ހިންގަމުންނެވެ.