ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މަޝްހޫރު ފިލްމީ ތަރި އާމިރު ޚާންއަށް އެންމެ އަގުހުރި ހަދިޔާ ދިނީ އޭނާގެ ކުރީގެ އަންހެނުން ކިރަން ރާއޮ ކަމަށް އާމިރު ބުނެފި އެވެ.

އާމިރު ބުނިގޮތުގައި އޭނާއާ އޭނާގެ އަންހެނުން ވެސް އެކަކު އަނެކަކަށް އިހުތިރާމުކޮށް، ލޯބިވެ އެވެ. ހަމައެހެންމެ، ލޯބީގެ ގޮތުން ނޫނަސް ދެ މީހަކަށް ގުޅުން ބޭއްވިދާނެ ކަމަށާއި، އާމިރާއި ކިރަންގެ ގުޅުމަކީ، ލޯތްބަށް ވުރެ މާ ރަހުމަތްތެރި ގުޅުމެއް ކަމަށް އޭނާ ބުނެފައިވެ އެވެ.

އާމިރަށް އެންމެ ކަމުދާ، އަދި އަގުހުރި ހަދިޔާ ދިނީ އޭނާގެ ކުރީގެ އަންހެނުން ކިރަންކަން ފާހަގަކޮށް އޭނާ ބުނީ، އެ ހަދިޔާތަކަކީ އޭނާގެ ހަޔާތުގައި ދިމާވި އުނދަގޫ ދަނޑިވަޅުގައި ކިރަން ދިން އެއްބާރުލުން ކަމަށެވެ. އަދި އެއީ އެކި ކަންކަމާއި ގުޅިގެން އާމިރަށް ދޭ މޮޅު ހިޔާލުތައް ކަމަށާއި، އެ ހިޔާލުތައް ކިރަން އާމިރަށް ދެނީ އަޑު އަހާލަން ފަސޭހަ ގޮތަކަށް ކަމަށް އާމިރު ވަނީ ބުނެފަ އެވެ.

އާމިރު ބުނިގޮތުގައި ގިނަ ބަޔަކަށް ބުނަން އުނދަގޫ، އަދި އޮޅުން ފިލުވައިދޭން އުނދަގޫ ވާހަކަތައް ކިރަން އަށް ވަރަށް ފަސޭހައިން އާމިރަށް ބުނެދެވެ އެވެ. އަދި އެއީ އެދެމީހުންގެ ގުޅުން ބަދަހިވެ، ހާއްސަވާން މެދުވެރިވި އެއް މުހިންމު ސަބަބުކަމަށް އޭނާ ބުނެފައިވެ އެވެ.

އެ ދެމީހުން 2005 ވަނަ އަހަރު ކައިވެނި ކޮށްފައިވާއިރު، ސަޕޯޓަރުން ސިފަކުރަނީ އެއީ ހަގީގަތުގައި ވެސް ވަރަށް ގުޅޭ ދެ ފަންނާނުންގެ ގޮތުގަ އެވެ. އެހެން ނަމަވެސް ކައިވެނި ނިމުމަކަށް ގެނައުމަށް ފަހު އާމިރު ވަނީ އޭނާ ވަރަށް އަވަހަށް ކައިވެނި ކުރާނެ ހަބަރު މީޑިއާތަކާ ހިއްސާކޮށްފަ އެވެ.