އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް އެޅުމަށް ބާ ޖަމާލުއްދީން އިމާރާތް ހުސްކުރަން ފަށައިފި އެވެ.

އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ޢިމާރާތަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށް ދާއިމީ ސްކޫލް އިމާރާތެއް ލިބެންދެން ވަގުތީ ހައްލެއްގެ ގޮތުގައި ފޮރިން މިނިސްޓްރީ ހިންގި ވަގުތީ އިމާރާތް ވަނީ ހަމަޖައްސާފަ އެވެ. އަރަބިއްޔާގެ އާ އިމާރާތެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމާވަފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބާ ބެހޭ މަރުކަޒު ހުރި ބާ ޖަމާލުއްދީނުގަ އެވެ.

އިލެކްޝަންސް ކޮމިޝަންސްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ހަފްތާ ބަންދުގެ ތެރޭގައި އިމާރާތް ހުސްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގަވާފައިވާ ކަމާށެވެ. އަދި އިމާރާތުގައި އިލެކްޝަންސް ކޮމިޝަންގެ ގިނަ އަދަދެއްގެ ސަމާނު ހުރުމުން އެ ތަކެތި ވަގުތީ ގޮތުން އަރަބިއްޔާގެ އިމާރާތަށް ބަދަލު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ނަމަވެސް އެ އިދާރާގައި މަސައްކަތް ކުރާ މުވައްޒިފުންނަށް މިވަގުތަށް މަސައްކަތްކުރާނެ ތަނެއް ނެތް. ތަނެއް ހޯދުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރާނެ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮމިޝަނުން މަސައްކަތް ކުރަމުންދަނީ، އޮފީސް ހިންގޭނެ ވަރުގެ ޖާގައެއް ހޯދުމަށް ކަމަށާއި، އެ މަސައްކަތް ކޮމިޝަނުން މިހާރު ވެސް ކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް ވެސް އިންތިޚާބުތަކެއް ހުރުމުން، އިންތިޚާބުތަކާބެހޭ ކަންކަން މިވަގުތު ކޮމިޝަންގެ މައި އިދާރާގައި ކުރުމަށް ނިންމާފައިވާ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.

ބައު ޖަމާލުއްދީނަކީ އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް ބޭއްވި އިންތިޚާބުތަކުގެ ހުރިހާ ފައިލްތަކައި، ހަރުމުދަލެއް ހުރި އިމާރާތެވެ. އަދި އިންތިޚާބާ ބެހޭ މުހިންމު ތިން ސެކްޝަނެއްގެ މަސައްކަތް ވެސް ކުރިއަށްދަނީ ބާ ޖަމާލުއްދީނަ އެވެ.

އަރަބިއްޔާއަށް ދިމާވެފައިވާ ޖާގައިގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ބާ ޖަމާލުއްދީނުގެ ބިމުގައި ޖާގަ ތަނަވަސް އައު އިމާރާތެއް ހަދަން ސަރުކާރުން ނިންމަވާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. މިގޮތަށް ނިންމެވިކަން ރައީސް އިއުލާންކުރެއްވީ ސްކޫލްގެ ބެލެނިވެރިން މުޒާހަރާކޮށް އަދި ޝަކުވާކުރަން ފެށުމުން އަރަބިއްޔާގެ ޕީޓީއޭގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށްފަހު އެވެ.

އަރަބިއްޔާގެ ދަރިވަރުން އެހެންތަނަކަށް ބަދަލުކުރަން ޖެހުނީ އެ ސްކޫލުގެ އިމާރާތުގެ ހާލަތަށް ބަލާއިރު އެއީ ކިޔަވައިދޭން އެންމެ ރައްކާތެރި ތަނެއް ކަމަށް ނުވާތީ އެވެ.

ބާޖަމާލުއްދީންގެ ނަމުން މަޝްހޫރު އިމާރާތުގައި އެންމެ ފުރަތަމަ ހިންގީ ޖަމާލުއްދީން ސްކޫލެވެ. އެ ތަން ވަރަށް ބޮޑަށް ބާވެ، ހަލާކުވުމުން ޖަމާލުއްދީން ސްކޫލްގެ ދަރިވަރުންނަށް އެ އިމާރާތާ ޖެހިގެން އާ ސްކޫލެއް ހަދައިދީ ދަރިވަރުން ބަދަލުކުރި އެވެ.

އެއަށްފަހު، ބާ ޖަމާލުއްދީން އިމާރާތް ބޭނުންކުރީ ގައުމީ ޔުނިވާސިޓީގެ ކޯސްތައް ހިންގުމަށެވެ. ނަމަވެސް އެތަން ބޭނުންކުރުމަށް ނުރައްކާވެފައިވާ ކަމަށް ބުނެ ކުރީގެެ ސަރުކާރުން އެމްއެންޔޫ އެތަނުން ބޭރުކުރީ އެވެ. އޭގެ ފަހުން، އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިންތިޚާބީ މަރުކަޒުގެ ގޮތުގައި އެ ތަން ބޭނުންކުރަން ފެށި އެވެ.