ތުރުކީއަށް އުފަން ދެ ސައިންސްވެރިން ކަމަށްވާ ޑރ. އުގޫރް ސާހިން އާއި އަނބިކަނބަލުން ޑރ.އޮޒްލެމް ތުރޭޝީގެ މުޅި ދިރިއުޅުން ހުސްކޮށްފައި ވަނީ ކެންސަރާއި ގަޔަން ގަޔަށް އަރާ ބަލި ތަކަށް ފަރުވާ ކުރުމަށެވެ. އަދި ކެންސަރަށް ފަރުވާއެއް ހޯދުމަށްޓަކައި ޕާސަނަލައިޒްޑް އިމިއުނޯތެރަޕީ ފަރުވާއެއް ހޯދުމަށް އެތަށް އަހަރެއް ހޭދަކޮށްފައިވެ އެވެ.

މޮޑިފައިޑް ޖެނެޓިކް ކޯޑާ ބެހޭގޮތުން އެ ދެމަފިރިން ހެދި ދިރާސާއާއެކު ކޮވިޑް-19ގެ މި ޕެންޑެމިކްގެ ތެރޭގައި އެ ދެމަފިރިންނަށް ލިބިގެން ދިޔައީ ދުނިިޔޭގެ އެންމެ ފުރަތަމަ ކޮރޯނާވައިރަހުގެ ވެކްސިނެއް ހޯދުމުގެ ޝަރަފެވެ.

މިހާރު ޖަރުމަނުގެ މުސްލިމް ރައްޔިތުން ކަމަށްވާ ސާހީން، 55، އަދި އަންހެނުން ތުރޭޝީ، 53، ބަޔޯ އެން ޓެކް ކުންފުނި އުފެއްދީ 2008 ވަނަ އަހަރުގަ އެވެ. އެ ކުންފުނީގެ ޕާޓްނަރެއް ކަމަށްވާ އެމެރިކާގެ ފައިޒާ ޕާމަސޫޓިކަލް ކުންފުނިން ވަނީ އެމީހުން އުފެއްދި ކޮރޯނާވައިރަހުގެ ވެކްސިން 90 އިންސައްތަ އިފެކްޓިވް ކަމުގެ އުފާވެރި ހަބަރު މިދިޔަ ހޯމަ ދުވަހު އިއުލާނުކޮށްފަ އެވެ.

މި ވެކްސިންގައި ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށްޓަކާ ބޭނުންކުރެވިފައިވަނީ މީގެ ކުރިން ބޭނުންކޮށްފައި ނުވާ ޓެކްނޮލޮޖީ އެއް ކަމަށްވާ މެސެންޖާ އާރްއެންއޭ ނުވަތަ އެމްއާރްއެންއޭ އެވެ.

އަންގާރަ ދުވަހު ރިޕޯޓަރުންނާއެކު ފޯން ކޯލެއްގައި ޑރ.ސާހީން ބުނެފައި ވަނީ މިހާރު ވެކްސިނަކުން ކޮވިޑް-19 އިން ރައްކާތެރިވެވޭނެ ކަން އެނގުމަކީ މުޅި ދުނިޔެއަށް ވެސް ލިބިގެންދާނެ އުފާވެރި ހަބަރެކެވެ.

މީގެ އިތުރުން ސިއެންއެންއާ ވާހަކަ ދައްކަމުން ފައިޒާގެ ސީއީއޯ ބުނި ގޮތުގައި މިއީ މި ފާއިތުވެދިޔަ 100 އަހަރުގެ ތެރޭގައި ވެސް ސައިންސްގެ ރޮނގުން ހޯދުނު އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީ އެވެ.

މި ކާމިޔާބުގެ ފަހަތުގައި ތިބި ހަގީގީ ބާނީންނަނީ ޑރ. ސާހީންގެ ދެމަފިރިންނެވެ.

އެ ދެމަފިރިން ވަނީ 2001 ވަނަ އަހަރު ކެންސަރާ ހަނގުރާމަކުރާ އެންޓިބޮޑީސް އުފެއްދުމަށް ގެނީމެޑް ފާމަސޫޓިކަލްސްގެ ނަމުގައި ކުންފުންޏެއް އުފައްދާފަ އެވެ. އެހެން ނަމަވެސް 2016 ވަނަ އަހަރު 1.4 ބިލިއަން ޑޮލަރަށް ވަނީ އެ ކުންފުނި ވިއްކާލާފަ އެވެ.

ޗީފް އެގްޒެކެޓިކް ސާހީން އާއި ޗީފް މެޑިކަލް އޮފިސާ ތުރޭޝީ ވަނީ ޖަރުމަނުގެ އެންމެ މުއްސަދި 100 މީހުންގެ ލިސްޓުގައި ވެސް ހިމެނިފަ އެވެ. އަންގާރަ ދުވަހު އެ ދެމަފިރިންގެ ކުންފުނީގެ މާކެޓް އަގު ވަނީ 25.72 ބިލިއަން ޑޮލަރަށް އަރާފަ އެވެ. އެއީ މިދިޔަ އަހަރު ހުރި 4.6 ބިލިއަން ޑޮލަރާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ވަރުގެ ކުރިއެރުމެކެވެ.

ސާހީން ޖަރުމަނަށް ދިރިއުޅުން ބަދަލުކޮށްފައިވަނީ އުމުރުން ހަތަރު އަހަރުގަ އެވެ. އޭރު އޭނާގެ ބައްޕަ މަސައްކަތް ކުރަމުން ދިޔައީ އެ ގައުމުގެ ފޯޑް ފެކްޓަރީގައި ކަމަށް ރޮއިޓާސް އިން ރިޕޯޓުކޮށްފައިވެ އެވެ.

ތުރުކީގެ ފިޒިޝިއަން އެއްގެ ދަރިފުޅު ޓުރޭޝީއާއި ސާހީން ބައްދަލުވެފައިވަނީ އެ ދެމީހުންގެ ވެސް ތައުލީމީ ހަޔާތުގެ ތެރެއިންނެވެ. އެ ދެމެދުގައިވާ ގުޅުން ވަރުގަދަ ވެގެން ދިޔައީ ދެމީހުންގެ ހިތުގައިވެސް ކެންސަރާއި މެދު ދިރާސާކުރުމަށް އޮތް ޝައުގުގެ ސަބަބުންނެވެ. ރޮއިޓާސް އިން ރިޕޯޓުކުރި ގޮތުގައި ކައިވެނި ކުރަން އޮތް ދުވަސް ފެށިގެން އައި އިރުވެސް އެ ދެމަފިރިން ތިބީ ލެބޯޓްރީގަ އެވެ.

ދުނިޔޭގައި ކޮރޯނާވައިރަސް ފެތުރެން ފެށުމާއި އެކު ބަޔޯޓެކުން ވަނީ ވެކްސިނެއް ހޯދުމުގެ މަސައްކަތަށް 500 މުވައްޒަފުން ހަމަޖެއްސި އެވެ. އަދި މާޗް މަހުގެ ތެރޭގައި ފައިޒާއާއި އެކު ޕާޓްނާޝިޕެއް ހަދާ އެ މަސައްކަތް އިތުރަށް ވަރުގަދަ ކުރި އެވެ.

ސާހީންގެ އުންމީދަކީ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ލިބުމުން 2021 ވަނަ އަހަރު ނިމުމުގެ ކުރިން ވެކްސިނުގެ 1.3 ބިލިއަން ޑޯޒް އުފެއްދުމެވެ. -ސީއެންއެން