އިންޑިއާ އައުޓްގެ ނަމުގައި ކުރިޔަށް ގެންދާ ހަރަކާތް ކުރިޔަށް ގެންދަނީ އިންޑިއާ އާއެކު މި ސަރުކާރުން ހަދާފައިވާ އެއްބަސްވުންތަކުގައި ފޮރުވިފައިވާ "ނުރައްކާތެރި ސިއްރުތައް" އެނގިވަޑައިގަންނަވާތީ ކަމަށް އިދިކޮޅު ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ޅ. ކުރެންދޫ ބައި އިލެކްޝަންގެ ކެމްޕޭން ހަރަކާތަށް ފަހު، ޅ. ނައިފަރަށް ވަޑައިގެން މިއަދު ހަވީރު އެ ރަށުގައި ބޭއްވި "އިންޑިއާ އައުޓް" ހަރަކާތުގައި ރައީސް ޔާމީން ވިދާޅުވީ މި ހަރަކާތް ހިންގަވަން އެމަނިކުފާނު އިސްކޮށް ހުންނެވި ސަބަބަކީ އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުންތަކުގެ ނުރައްކާ އެނގިވަޑައިގަންނަވާތީ ކަމަށެވެ.

"ދިވެހި ރައްޔިތުންގެ ހައްގުތަކަށް ކިހާ ވަރެއްގެ ތަނަވަސް ކަމެއް ގެނެސްދޭ އެގްރީމަންޓްތަކެއް ކަމެއް ދިވެހި ރައްޔިތުންނަށް ނޭނގި މި ކަން އެނގެންވީ ހިޖޯރީންނައްތަ؟ ދިވެހި ރައްޔިތުންނަށް އެކަން އެނގެން ޖެހެނީ, މީގެ ނުރައްކާ އެނގޭތީ ތެދުވެ މި ވާހަކަ މި ދައްކަނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރަޝިއާއި ޔޫކްރޭންގައި ހިނގަމުންދާ ހަނގުރާމައަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އެ ގޮތަށް ރާއްޖެއަށް އަރައިގެންފިނަމަ ރާއްޖެ ސަލާމަތް ކުރަން ނޭޓޯއިންނާއި ޔޫރަޕްގެ ގައުމުތަކުން ނާންނާނެ ކަމަށެވެ.

"މި ބިން ދެކެ ލޯބި ވާނީ އަހަރެމެން. މި ބިމުގައި ކަންކަން ނިންމާނީ ވެސް އަހަރެމެން،" އެމަނިކުފާނު ވިދާޅުވި އެވެ.

މި ބިން ދެކެ ލޯބި ވާނީ އަހަރެމެން. މި ބިމުގައި ކަންކަން ނިންމާނީ ވެސް އަހަރެމެން،

ރައީސް ޔާމީން ވިދާޅުވީ މި އެއްބަސްވުންތައް މި އޮތް ގޮތުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ވެސް ކޮންޓްރޯލް ކުރަނީ އިންޑިއާއިން ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދީ ސަރަހައްދާއި އޭގެ ބޭރު ވެސް އެކިއެކި ނަންނަމުގައި އިންޑިއާއަށް ދީފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ދުރާލާ އެ އެގްރީމެންޓުތައް ތަންފީޒު ކުރަން އިންޑިއާ ސިފައިނުން މިތާ އެ ތިބީ. ދެން އަންނަ ސަރުކާރަކީ އެމްޑީޕީ ސަރުކާރަކަށް ނުވެދާނެ. ދެން އަންނަ ސަރުކާރަކުން އެ އެގްރީމެންޓުތައް ބާތިލުކުރާނެ ކަން އެނގޭތީ އެކަން ކުރިޔަ ނުދޭން،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މި ގޮތަށް މި ކަން ވާން ނައިފަރުގެ ރައްޔިތުން ވެސް ބޭނުން ނުވާނެ ކަމަށެވެ.

"ނައިފަރުން މި ކަމަށް ބުނާނީ ކީކޭތޯ، ހަމަ [އިންޑިއާ ސިފައިން] ފައިބާށޭ ބުނާނީ،" ރައީސް ޔާމިން ވިދާޅުވި އެވެ.

މީގެ އިތުރުން މީގެ ކުރިން އުތުރު ތިލަފަޅާ ބެހޭ ގޮތުން އެމަނިކުފާނު ދެއްކެވި ވާހަކަތައް ޑިފެންސް މިނިސްޓްރީން ދޮގުކުރުމާއި ގުޅިގެން ވެސް އެމަނިކުފާނު ވަނީ ވަރުގަދަ ރައްދެއް ދެއްވާފަ އެވެ. މިގޮތުން ޑިފެންސް މިނިސްޓްރީން އަންނަނީ މަތިމައްޗަށް ދޮގު ހަދަމުން ކަމަށާއި ކިތަންމެ ވާހަކައެއް ދެއްކިއަސް އުތުރުތިލަފަޅަކީ ސަރުކާރުގެ ބާރު ހިނގާ، ދިވެހި ސިފައިންގެ ބާރު ހިނގާ ތަނަކަށް ނުވާނެ ކަމަށެވެ.

އިންޑިއާ އައުޓް ހަރަކާތް އިދިކޮޅުން ރައީސް ޔާމީނާއެކު ކ. އަތޮޅާއި ށ. އަތޮޅާއި، ރ. އަތޮޅާއި، އދ. އަތޮޅާއި، ފ. އަތޮޅުގެ އިތުރުން ގއ. އަތޮޅުގައި ވެސް ކުރިއަށް ގެންދިޔަ އެވެ. ރައީސް ޔާމީން އެންމެ ފަހުން ބައިވެރިވެވަޑައިގެންނެވީ އދ. މަހިބަދޫގައި ބޭއްވި ހަރަކާތުގަ އެވެ.

ރައީސް ޔާމީން ވިދާޅުވީ، ފުރަތަމަ ވެރިކަމުގައި ވެސް ޝަރުއީ ނިޒާމުގެ ތެރެއަށް އަތްބާނައި ގަޑުބަޑުކޮށްލި ކަމަށެވެ. މި ވެރިކަމުގައި އަދި މާބޮޑަށް ޖުޑިޝަރީ ތެރެއަށް އަތް ބާނައި ގާނޫނުތަކާ ހިލާފުވަމުންދާ ތަން ފެންނަމުންދާ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމްޑީޕީން މި ގައުމާ ހަވާލުވާ ކޮންމެ ފަހަރަކު ވެސް ގާނޫނުން ރައްޔިތުންނަށް ލިބިދީފައިވާ ބާރުތައް ކަނޑުވާލަ އެވެ. ވެރިކަމުގައި އެ ޕާޓީގެ މަސައްކަތަކަށް ވެފައި އޮންނަނީ ދިވެހިން ގަބޫލުކުރަމުން އަންނަ އުސޫލުތަކަށް ގޮންޖަހައި ރައްޔިތުންގެ ނުރުހުމުގައި އެކަންކަން ބަދަލުކުރަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން ތުހުމަތުކުރެއްވި ގޮތުގައި އެމްޑީޕީން އުޅެނީ ރާއްޖޭގެ މިނިވަންކަން ނަގާލައި، އިސްލާމްދީން ނޫން އެހެން ދީންތަކަށް ފުރުސަތުދީ، އެއްވެސް އުސޫލެއް އަދި ހައްދެއް ނެތި މީހުންނަށް އުޅުމުގެ މިނިވަންކަން ދިނުމަށެވެ. އެއީ ދިވެހިން ގަބޫލުކުރާނެ ގޮތެއް ނޫން ކަން، މާ ކުރިން ރައްޔިތުންގެ ބައިވެރިވުމާ އެކު ހެދި ގާނޫނުތަކާއި އުސޫލުތަކުން އެނގެން އެބަ އޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ގައިމު ކަމެއް ވެގެންދެއްތޯ ޖުޑިޝަރީ ތެރެއަށް އަތް ބާނައިގެން ފުރަތަމަ، ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަންނަވައިގެން ވެސް އެކަން ކުރެއްވި. އޭގެ ފަހުން މިހާރު ވެސް މި ފެންނަނީ ހަމަ އެކަން އެއަށް ވުރެ ފާޅުކަން ބޮޑުކޮށް، އެއަށް ވުރެ މާ ޝާމިލުކޮށް، ކެރިގެން ކުރާތަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ގައިމު ކަމެއް ވެގެންދެއްތޯ ޖުޑިޝަރީ ތެރެއަށް އަތް ބާނައިގެން ފުރަތަމަ، ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަންނަވައިގެން ވެސް އެކަން ކުރެއްވި. އޭގެ ފަހުން މިހާރު ވެސް މި ފެންނަނީ ހަމަ އެކަން އެއަށް ވުރެ ފާޅުކަން ބޮޑުކޮށް، އެއަށް ވުރެ މާ ޝާމިލުކޮށް، ކެރިގެން ކުރާތަން،
ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ވެރިކަމެއްގައި ތިން ބާރު އޮންނަ އިރު، ފުރަތަމަ ދެ ބާރު ކަމަށްވާ ރައީސް އާއި ރައްޔިތުންގެ މަޖިލީހުން ކުރާ ގާނޫނާ ހިލާފު ކަންކަން ހުއްޓުވުމުގެ ޒިންމާ އުފުލަން ޖެހެނީ ގައުމުގެ ތިން ވަނަ ބާރު ކަމަށްވާ އަދުލު އިންސާފު ގާއިމްކުރާ ފަރާތްތަކުން ކަމަށްވާއިރު، އެކަން ކުރައްވަން ތިއްބެވި ފަނޑިޔާރުންނަށް އެމްޑީޕީގެ ރޭވުންތެރިކަން ވަރަށް ރަނގަޅަށް އެނގެން ޖެހޭ ކަމަށެވެ.

"އެއީ ރައްޔިތުންގެ އެންމެ ވަރުގަދަ ބާރު، ނޫނީ އެ ބާރަކަށް ރައްޔިތުން ހުރިހާ ކަމެއް ބަރޯސާކޮށް، އެ ބާރުގެ ފަރާތުން، މި ސިޔާސީ ދެ ބާރު ކަމަށްވާ ވެރިކަން ކުރާ ބާރާއި މަޖިލިސްގެ ބާރުން ކުރާ ކަންކަމުގެ ތެރޭގައި ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް ކަންކަން ގެންދިޔަ ނުދިނުމަށް، އިސްލާމްދީން ރާއްޖޭގައި އޮތުމަށްޓަކައި އެންމެ ވަރުގަދަ ބާރެއް ދީފައި އޮންނަނީ އެ ބާރަށް،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެމްޑީޕީން މަސައްކަތް ކުރަނީ ޖުޑިޝަރީގެ ތެރެއަށް އަތްބާނައިގެން ކަންކަން ކުރަން ކަމަށް ތުހުމަތުކުރައްވައި ރައީސް ޔާމީން ވިދާޅުވީ އެކަމުން އެންމެ ސާފުކޮށް އެނގޭ އެއް ކަމަކީ އެމްޑީޕީ އަކީ އުސޫލެއް ގަބޫލުކުރާ ޕާޓީއެއް ނޫން ކަމަށެވެ.

"ލައްކަ ގިނަ މޮޅު ވާހަކަދައްކައިގެން [އެމްޑީޕީ] ވެރިކަަމަށް އަންނަނީ. އައުމަށް ފަހު، ހުރިހާ އުސޫލުތަކެއް މުގުރާލައިފައި އެންމެ ހުދުމުހުތާރުކޮށް މިހާތަނަށް ކޮންމެ ފަހަރަކު ވެރިކަން ކޮށްފައި ދިޔައީ އެމްޑީޕީގެ ފަރާތުން،" ރައީސް ޔާމީން ވިދާޅުވި އެވެ.

އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް، ޔަމީން އިސްވެ ހުންނަވައި ކުރައްވާ ކެމްޕެއިންގައި ކުރެންދުއަަށް ފަހު އެ އަތޮޅު ނައިފަރަށް ވެސް ވަޑައިގަތެވެ.

ކުރެންދު އަށް ރައީސް ޔާމީން ވަޑައިގެންނެވި އިރު، އެ ރަށުގެ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި އިލެކްޝަނަށް ވެސް އަންނަނީ ތައްޔާރުވަމުންނެވެ. މި މަހު 26 ގައި ބާއްވާ އެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ކެންޑިޑޭޓަކު ވެސް ވާދަކުރެ އެވެ.