ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު މިހާރު އޮތް ހާލަތާ މެދު ވިސްނާއިރު, ބައިނަލްއަގްވާމީ މުޖުތަމައުގެ އެހީތެރިކަމާ ނުލައި ރާއްޖެ ފަދަ ގައުމުތަަކަށް ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތުން އަރައިގަންނަން ދަތިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ތިން ވަނަ ޕެރިސް ޕީސް ފޯރަމް އިފްތިތާޙުކުރުމުގެ ގޮތުން އޮންލައިންކޮށް ބޭއްވި ޚާއްސަ ޙަފުލާގައި ތަގުރީރު ކުރައްވަމުން ރައީސް ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ދުނިޔެއަށް ކުރިމަތިމެވައިވާ ޙާލަތުގެ އަސަރު އެންމެ ބޮޑަށް ކުރަމުންދާ އެއް ބަޔަކީ ކުދި ޖަޒީރާ ގައުމުތަކުގެ ރައްޔިތުން ކަމަށެވެ.
އެކި ގައުމުތަކުގެ ލީޑަރުން ބައިވެރިވެވަޑައިގެންނެވި މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ, ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ ޙާލަތާއި އެ ގައުމުތަކުގެ ކުރިމަގަަށް އޮތް ހުރަސްތައް ވަޒަންވެގެން ގޮސްފައިވާ ކަމަށެވެ. މި ގޮތުން, ދިވެހި ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ފަތުރުވެރިކަމަށް ބަރޯސާވެފައިވާ މި ރާއްޖޭގެ ބޯޑަރުތައް ފަތުރުވެރިންނަށް ބަންދުކުރަން ޖެހުނު ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މި ބަލި ފެތުރުން ކޮންޓްރޯލް ކުރެވެމުންދާ މިންވަރަށް ބަލައި ރާއްޖޭގެ ބޯޑަރު މިހާރު ހުޅުވައިލާފައިވާކަން ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ, ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު މިހާރު އޮތް ޙާލަތާ މެދު ވިސްނާއިރު, ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަމާ ނުލައި ރާއްޖެ ފަދަ ޤައުމުތަަކަށް ކުރިމަތިވެފައިވާ އިގްތިސާދީ ޙާލަތުން އަރައިގަންނަން ދަތިވާނެ ކަމަށެވެ. މި ގޮތުން, ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް މާލީ ގޮތުންނާއި ފަންނީ ދާއިރާއިން އެހީތެރިކަން ބޭނުންވާ ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.
މި މޭރުމުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ, މިއީ ކުދި ޖަޒީރާ ޤައުމުތަކުގެ ޙާލަތާ މެދު ބައިނަލްއަޤްވާމީ މުޖުތަމައުން އިތުރަށް ވިސްނަން ޖެހިފައިވާ ދަނޑިވަޅެއް ކަން ފާހަގަކުރައްވާފަ އެވެ. މި ގޮތުން, ކޮވިޑް-19 ގެ ޙާލަތުން ކުރިއަށް އޮތް އަހަރެއް ނުވަތަ ދެ އަހަރުގެ ތެރޭގައި މިންޖުވެވުނު ނަމަވެސް, މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އެ ގައުމުތަކަށް ކުރިމަތިވެފައިވާ ނުރައްކާތެރިކަމުގެ މަތިން ހަނދުމަ ނައްތައިލެވެން ނެތް ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ. އަދި, އެއީ އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ކޯވިޑް-19 އަށްވުރެ ވެސް ނުރައްކާތެރި ބިރުވެރިކަމެއްގެ ގޮތުގައި ސިފަކުރެެއްވި އެވެ.
އެ މަނިކުފާނުގެ ވާހަކަފުޅު ނިންމަވައިލައްވަމުން މުހިންމު ދެ ކަމެއްގެ މައްޗަށް އަލިއަޅުއްވައިލެއްވި އެވެ. މި ގޮތުން, ކޯވިޑް-19 ގެ ޙާލަތާއެކު މުހިންމު ދެ ފިލާވަޅެއް އަޅުގަނޑުމެން ލިބިގަންނަން ޖެހޭކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ, ފުރަތަމަ ކަމަކީ ދުނިޔެއަށް ކުރިމަތިވާ މި ފަދަ އެކިއެކި ކާރިސާތަކަކީ ޤައުމުތަކުގެ ބޯޑަރުތަކަށް އިޙުތިރާމުކުރާ, ނުވަތަ ވަކި ގައުމަކާމެދު ތަފާކުރާ ކާރިސާތަކެއް ނޫން ކަމަށެވެ. އަދި, ދެވަނަ ފިލާވަޅެއްގެ ގޮތުގައި އެ މަނިކުފާނު ފާހަގަކުރެއްވީ, ދުނިޔޭގެ ހުރިހާ ޤައުމަކާއި ހުރިހާ ރައްޔިތުން އެކުގައި އަތުގުޅުވައިލައިގެން މެނުވީ މިފަދަ ކާރިސާތަކުން ސަލާމަތް ނުވެވޭނެ ކަމެވެ. އަދި, މުޅި ދުނިޔޭގެ ކުރިމަގު ރައްކާތެރިކޮށް, ކުރިއަށް ޖީލުތަކަށް ފޯރުކޮށްދެވޭނީ މި ގޮތުގައި މަސައްކަތްކޮށްގެން ކަމުގައި އެ މަނިކުފާނުގެ ތަގުރީރުގައި ހަނދުމަކޮށްދެއްވި އެވެ.