ކޮމިއުނިކޭޝަންސް މިނިސްޓަރަކަށް މުހައްމަދު މަލީހް ޖަމާލް ހުންނެވިއިރު އެ މިނިސްޓްރީގައި އޭނާގެ ކޮޓަރި އާއި އޮފީސް ހިންގާ އިމާރާތުގެ ބީ ބްލޮކް މަރާމާތުކުރުމަށް މާލިއްޔަތު ގާނޫނާ ހިލާފަށް 795،000ރ. ސަރުކާރުގެ ބަޖެޓުން ހަރަދުކުރި ކަމަށް އިއްޔެ ނެރުނު އޮޑިޓް ރިޕޯޓުގައި ހިމަނާފައިވާ މައުލޫމާތުތައް މަލީހް މިއަދު ދޮގުކުރައްވައިފި އެވެ.
އޮޑިޓުގައި ހުރި ވާހަކަތަކުން ދިފާއުވެވަޑައިގަންނަވަމުން މަލީހް ވިދާޅުވީ އެއީ "އޮޅުވާލައިގެން ނެރެފައިވާ އެމްޑީޕީ ކޮލިޓީގެ ރިޕޯޓެއް" ކަމަށެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ރިޕޯޓުގެ ފަހަތުގައި އޮތީ ސިޔާސީ މަގްސަދެކެވެ.
އޮޑިޓް އޮފީހުން އާއްމުކުރި ކޮމިއުނިކޭޝަންސް މިނިސްޓްރީގެ 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި މަލީހުގެ ކޮޓަރި މަރާމާތުކުރުމުގެ މަސައްކަތުގެ ތަފްސީލުތައް ހިމަނާފައިވެ އެވެ. އެ މަސައްކަތާ ގުޅޭ ވަރަށް ގިނަ ކަންކަން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފަށް ކޮށްފައިވާ ކަމަށް އެ މައުލޫމާތުތަކުގައިވެ އެވެ.
އޮޑިޓް އޮފީހުގެ ރިޕޯޓުގައި ވާގޮތުން ކޮމިއުނިކޭޝަންސް މިނިސްޓަރަކަށް މަލީހް ހުންނެވި އިރު އެ މިނިސްޓްރީގައި އޭނާގެ ކޮޓަރި އާއި އެ ތަނާ ގުޅުވައިގެން ހަމަ އެ ޑިޒައިނާ އެއްގޮތަށް ބްލޮކް-ބީ މަރާމާތު ކުރުމަށް 795،000ރ. ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްފައިވެ އެވެ. އަދި މަރާމާތު ކުރުމުގެ ކަންކަމުގެ ތެރެއިން ބައެއް ކަންކަން މާލިއްޔަތު ގާނޫނާ ހިލާފަށް ކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
ކޮމިއުނިކޭޝަން މިނިސްޓްރީގެ ކޮޓަރި މަރާމާތު ކުރުމުގެ މަސައްކަތް ހަވާލުކުރީ 25 ދުވަހުގެ ތެރޭގައި ނިންމުމަށް ކަމަށް ވިޔަސް، މަސައްކަތް ނިންމީ އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުން ކަމަށް އޮޑިޓުގައި ބުނެފައިވެ އެވެ.މާލިއްޔަތު ގާނޫނުގެ ދަށުން، އެގްރީމެންޓްކުރި މަސައްކަތް ލަސްވާ ނަމަ، ގެއްލުމުގެ އަގު ދައްކަން ޖެހެ އެވެ.
ކޮޓަރި ހެދުމުގެ މަސައްކަތް ލަސްވުމުގެ ބަދަލުގެ ގޮތުގައި 119،000ރ.އަށް ވުރެ ބޮޑު އަދަދެއް އެރި އިރު، އެ މިންވަރު މަސައްކަތުގެ އަގުން އުނިކޮށްފައެއް ނުވާ ކަމަށް އަދި މާލިއްޔަތު ގާނޫނުގައި އޮންނަ ގޮތުން، ކުރުވާ މަސައްކަތުގެ އަގު 250،000ރ. އަށް ވުރެ ބޮޑު ނަމަ، ހުށަހަޅާ ކޮންމެ ބިލަކުން އެ ބިލެއްގެ ޖުމްލަ އަގުގެ ފަސް ޕަސެންޓް ރިޓެންޝަން ފައިސާގެ ގޮތުގައި އުނިކުރަން ޖެހެ އެވެ. އެކަމަކު ކޮމިއުނިކޭޝަންސް މިނިސްޓްރީގެ ކޮޓަރި މަރާމާތު ކުރުމުގެ މަސައްކަތަށް ހުށަހަޅާފައިވާ ބިލްތަކަށް ފައިސާ ދެއްކި އިރު، ރިޓެންޝަން ފައިސާ އުނިކޮށްފައި ނުވާކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.
މަލީހު ވިދާޅުވީ އެމްޑީޕީގެ ދަޑިފަނުގެ ތަރައްގީ އާއި ދެކޮޅު ކަމަށެވެ. އަދި ސަރުކާރުގެ އެހެން އޮފީސްތައް ނަމޫނާއަކަށް ބަލަން ކަމުދާ ގޮތަށް ޚަރަދުކުޑަކޮށް ނިންމާފަ އިން ފުރިހަމަ އޮފީހަކަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓްރީ ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މާލިއްޔަތު ގާނޫނާއި ޚިލާފު އެއްވެސް ކަމެއް ނޯންނާނެ. ކުށަކަށްވީ ބޮޑުކުލީގައި ތަނެއް ކުއްޔަށް ހިފައިގެން ނުދިއުން،" މަލީހު ވިދާޅުވި އެވެ.