1962 ވަނަ އަހަރު އެމެރިކާގެ ރައީސް ޖޭއެފް ކެނެޑީގެ އޯޑަރަށް ކިއުބާގެ ސަރަހައްދުގެ ކަނޑު "ކަރަންޓީން" ކުރެވުނެވެ. ބޭނުމަކީ ރަޝިޔާގެ އިތުރު މިސައިލްތައް ކިއުބާއަށް ވާސިލްވިޔަ ނުދިނުމެވެ.

މި ޚާއްސަ އޮޕަރޭޝަނަށް ކިއުބާގެ ކަނޑުގެ މަގު ބަންދުކުރުމޭ ބުނުމުގެ ބަދަލުގައި ކަރަންޓީން މި ބަސް ބޭނުން ކުރެވުނީ ވަރަށް ވިސްނުން ތެރިކަމާއެކު އެވެ. ރަޝިޔާ އާ ދެކޮޅަށް ހަނގުރާމަ އިއުލާންކުރިކަމުގެ ތުހުމަތުން ބަރީއަވުމަށެވެ.

ރައީސް ކެނެޑީ ކިއުބާގެ ކަނޑުގެ ސަރަހައްދު ކަރަންޓީންކުރުމުގެ އަމުރުފުޅު ނެރުއްވުމުގެ ކުރިން ކެބިނެޓާއި ސަލާމަތީ ބާރުތަކުގެ ވެރިންގެ ޚާއްސަ ބައްދަލުވުމެއް އޮތެވެ. ބޭނުމަކީ ކިއުބާގައި ރަޝިޔާގެ ނިއުކްލިއާ މިސައިލްތަކެއް ބެހެއްޓި ޚަބަރުލިބުމާއެކު އެކަމާމެދު އަޅަން ފެންނަ ފިޔަވަޅަކާ މެދު މަޝްވަރާކުރުމެވެ.

މި މަޝަވަރާގައި ކެނެޑީއަށް ލަފާ އެރުވީ ކިއުބާގައި ރަޝިޔާގެ މިސައިލް ހުރި ހިސާބަށް ވައިގެ ހަމަލާ ދިނުމަށެވެ. އެއަށްފަހު ކިއުބާ ހިފުމަށެވެ. އެހެން ނަމަވެސް ކިއުބާއަށް ހަމަލަ ދިނުމަކީ ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ ފެށުން ކަމުގައި ވެދާނެ ކަމަށް ބައްލަވައި ކަނޑުގެ ސަރަހައްދު ކަރަންޓީނު ކުރުމުގެ ނަމުގައި ރަޝިޔާގެ މިސައިލްތައް ކިއުބާއަށް ވާސިލްނުވާނެ ގޮތަށް އަމަލު ކުރައްވަން ކެނެޑީ ނިންމެވި އެވެ.

ރައީސް ކެނެޑީ ކިއުބާގެ ކަނޑުގެ ސަރަހައްދު ގާޑުކުރައްވަން ފެއްޓެވީ ކިއުބާގައި ރަޝިޔާގެ ނިއުކްލިއާ މިސައިލްތަކެއް ބެހެއްޓުމުގެ ސިއްރު މުއާމަލާތެއް ފެށުމުން އެކަމަކީ އެމެރިކާގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމުގައި ފެނިވަޑައި ގެންނެވުމުންނެވެ.

ރަޝިޔާ އިން ކިއުބާގައި މިސައިލް ބަހައްޓަން ޖެހުނީ ކިއުބާގެ ކޮމިއުނިސްޓް ރިވޮލިއުޝަނާ ދެކޮޅަށް އެމެރިކާއިން އަޅަމުން ދިޔަ ފިޔަވަޅުގެ ތެރެއިން ކިއުބާ ހިފުމަށް ދެވުނު ހަމަލައެއް ނާކާމިޔާބުވި ހިސާބުން ކިއުބާގެ ރައީސް ފިޑެލް ކާސްޓްރޯ ރަޝިޔާގެ އެހީއަށް އެދިވަޑައިގެންނެވުމުންނެވެ.

ރަޝިޔާއިން މި ފިޔަވަޅު އެޅުމުގެ ދެވަނަ ސަބަބަކީ ނޭޓޯގެ ގައުމުތައް ކަމުގައިވާ އިޓަލީ އާއި ތުރުކީގައި އެމެރިކާއިން ނިއުކްލިއާ މިސައިލް ބެހެއްޓުމުން އެކަމަށް ރައްދު ދިނުމެވެ. އެމެރިކާއަށް ރަޝިޔާގެ މި އަމަލު ބަލައެއް ނުގަނެވުނެވެ.

ފިނި ހަނގުރާމައިގެ އެންމެ ފޯރިގަދަ ދުވަސްވަރު ކިއުބާގައި ރަޝިޔާގެ ނިއުކްލިއާ ހަތިޔާރު ބެހެއްޓުން އެމެރިކާއަށްވީ އެ މީހުންގެ ސަލާމަތީ ރަތްރޮގު ހުރަސް ކުރަން އުޅުންކަމުގަ އެވެ. އެހެންކަމުން ކޮންމެ އަގެއްގައި ވެސް ރަޝިޔާ ހުއްޓުވަން އެމެރިކާ ބޭނުންވި އެވެ.

ކިއުބާގެ މައްސަލައިގައި ރަޝިޔާ އާއި އެމެރިކާ ކުރިމަތިލުންތަކަކަށް ދިއުމުގެ ބަދަލުގައި އިށީނީ މޭޒު ދޮށުގަ އެވެ. ތަފާތު އެތައް ބުރެއްގެ ވާހަކައަށްފަހު އެމެރިކާއިން އިޓަލީ އާއި ތުރުކީގައި ބެހެއްޓި ނިއުކްލިއާ މިސައިލްތައް ނަގަން އެއްބަސްވި އެވެ. ބަދަލުގައި ރަޝިޔާ އިން ކިއުބާގެ މިސައިލް ޕްރޮގްރާމް ހުޓާލި އެވެ.

ކިއުބާގެ މިސައިލް ޕްރޮގްރާމާ ގުޅިގެން އުފެދުނު މައްސަލަތައް ހައްލުވިތާ 60 އަހަރު ފަހުން ރަޝިޔާ އާއި އެމެރިކާ މިވަނީ ނިއުކްލިއާ މިސައިލްތަކުގެ މައްސަލައިގައި އިތުރު ކުރިމަތިލުމަކަށް ގޮސްފަ އެވެ.

އެމެރިކާއިން ނޭޓޯ ފުޅާކޮށް ރަޝިޔާގެ އަވައްޓެރި އިރުމަތީ ޔޫރަޕްގެ ގައުމުތަކުގައި ނިއުކްލިއާ މިސައިލް ބަހައްޓަމުންދާ މަންޒަރު ބަލަން ނޯންނާނެކަމުގެ އިންޒާރު ރަޝިޔާ އިން ދިން ކަމުގައި ވިޔަސް އެ އަޑު ނޭޓޯއިން ވެސް އެމެރިކާ އިން އަހާކަށް ބޭނުމެއް ނުވި އެވެ.

ޕޮލެންޑުގައި ނޭޓޯގެ ދިފާއީ މަރުކަޒަކާއި އެމެރިކާގެ މިސައިލްތައް ބެހެއްޓި ގޮތަށް ކުރިން ރަޝިޔާގެ ބައެއްގެ ގޮތުގައި އޮތް ޔުކުރޭނާ މެދު އަމަލުނުކުރުމަށް ރަޝިޔާގެ ރައީސް ވްލަޑިމީރް ޕޫޓިން އެދި ވަޑައިގެންނެވި އެދި ވަޑައިގެންނެވުމަށް ވެސް އެދެވޭ ޖަވާބެއް ނުލިބުނެވެ. ޕޫޓިންގެ ނަޒަރުގައި ޔުކުރޭނަކީ ރަޝިޔާގެ ރަތް ރޮނގެވެ. އެ ރޮނގު ހުރަސް ކުރަން އެއްވެސް ހާލެއްގައި އެމެރިކާއަށް ހުއްދައެއް ނުދެވޭނެ އެވެ. ރަޝިޔާގެ އެ ވާހަކައަށް އެމެރިކާއިން ވެސް ޔުކުރޭނުން ވެސް ދިނީ ބީރު ކަންފަތެކެވެ. ނަތީޖާއެއްގެ ގޮތުން ފެށުނު ޔުކްރޭން ހަނގުރާމަ މިހާރު ކުރިޔަށް ދަނީ އެވެ.

ކިއުބާގައި ރަޝިޔާގެ މިސައިލްތައް ބެހެއްޓުން ހުއްޓުވަން އެމެރިކާ އިން ކުރި މަސައްކަތުގައި ދެކެވުނު ވާހަކައިން ދެ ފަރާތުން ވެސް ދޫދީ އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމްކުރުމުގެ ނަތީޖާއެއްގެ ގޮތުން ދުނިޔެ ހަނގުރާމައަކުން ސަލާމަތްވި އެވެ. ނަމަވެސް ޔުކްރޭންގެ މައްސަލައިގައި އެމެރިކާގެ ގޮތުގައި ހިފެހެއްޓުމާއި ބޮޑާކަން އިސްކުރުމުގެ ނަތީޖާއެއްގެ ގޮތުން ފެށުނު ހަނގުރާމަ ޔުކްރޭނުގައި މިހާރު މިވަނީ ފެށިފަ އެވެ. ހަނގުރާމައިގެ ނަތީޖާއަށްވާނެ ގޮތް އަދި އަންދަޒާކޮށްލަން ވެސް ނޭނގެ އެވެ.