އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު ދެވަނައިގެ ހާލުކޮޅު ދެރަވެ ގަނޑުވަރުކޮޅު ތެރޭގައި ފުރޮޅުލީ ގޮނޑިއެއް ބޭނުން ކުރައްވާ ކަމަށް އަޑު ފެތުރިއްޖެ އެވެ.

ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އުމުރުން 95 އަހަރުގެ އެލިޒަބަތުއަށް ހިނގާބިނގާވެ އުޅުއްވަން ދަތިވުމުގެ ސަބަބުން މިހާރު އުޅުއްވަނީ ފުރޮޅުލީ ގޮނޑިއެއްގަ އެވެ.

"ރާނީއަށް 96 އަހަރު ފުރެން ދެން އޮތީ މަދު ހަފްތާއެއް. ސިއްހީ ގޮތުން ގޮންޖެހުންތަކެއް ކުރިމަތިވާނެ" ޝާހީ އާއިލާގެ ކަންކަން ދިރާސާ ކުރައްވާ ބޭފުޅަކު ވިދާޅުވި އެވެ.

ފުރޮޅުލީ ގޮނޑިއެއް ބޭނުން ކުރެއްވި ނަމަވެސް އެގޮތަށް އާއްމުންގެ ތެރެއަށް ނުކުމެ ވަޑައިގަންނަވަން އެކަމަނާ ބޭނުންފުޅު ނުވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މިފަހުން ރާނީ ވަޑައިގަންނަވަން ހުރި ހަފްލާތައް ކެންސަލްކޮށް ނުވަތަ އޮންލައިންކޮށް ކުރިއަށް ގެންދަވަން ނިންމުމުގެ މައިގަނޑު ސަބަބަކީ މިއީ ކަމަށްވެ އެވެ. އަދި އާއްމުންގެ ތެރެއަށް ނުކުންނަވާ މަދު ފަހަރަކު ވެސް އެކަމަނާ ހުންނަވަނީ ދަނޑިގަނޑެއްގެ އެހީގަ އެވެ.

އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު ދެވަނަ

މިކަމާ ގުޅިގެން ޝާހީ މަސްދަރަކުން ބުނީ ރާނީ ފުރޮޅުލީ ގޮނޑިއެއް ބޭނުން ކުރެއްވެވި ނަމަވެސް އެއީ މަޖުބޫރު ވެގެން ކުރައްވާ ކަމެއް ނޫން ކަމަށެވެ.

މިދިޔަ އޮކްޓޯބަރު މަހު އެލިޒަބަތުގެ ހާލުކޮޅު ދެރަވެ ހޮސްޕިޓަލުގައި ވެސް އެކަމަނާ ވަނީ ދުވަސްތަކެއް ހޭދަ ކޮށްފަ އެވެ.

ދެން އެންމެ އަވަހަށް އާއްމުންގެ ތެރެއަށް އެލިޒަބަތު ނުކުންނަވަން ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހު ޕްރިންސް ފިލިޕްގެ ހަނދާނުގައި ބާއްވާ ހަފްލާ އަކަށެވެ.