ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސް އަށް ލިބުނު ފުރަތަމަ ކުއްޖާއަށް ކިޔާނެ ނަމެއް އަދިވެސް ހަމަނުޖެހޭކަން ހާމަވެއްޖެ އެވެ.

ޕްރިޔަންކާ އާއި ނިކް އަށް ދަރިއަކު ލިބުނުކަން އާންމުންނަށް ހިއްސާކޮށް ކަށަވަރުކޮށްދީފައި ވަނީ އެ ދެ ތަރިންގެ އިންސްޓަގްރާމުންނެވެ.

ސަރޮގެސީ މެދުވެރިކޮށް ދެ ފަންނާނުން ވެސް ފުރަތަމަ ދަރިފުޅަށް މަރުހަބާ ކިޔާފައިވާ ކަމަށާއި، މިދަނޑިވަޅުގައި މީޑިއާތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށް އެ ދެ މީހުން ވަނީ އެދިފަ އެވެ. އެދެ މީހުންނަށް ލިބުނީ އަންހެން ކުއްޖެއް ކަމަށް މީޑިއާތަކުން ބުނެ އެވެ.

ނަމަވެސް މިހާތަނަށް އެކުއްޖާއަށް ކިޔާނެ ނަމެއް ހަމަޖެހިފައި ނުވާކަން ހާމަވެފައިވާއިރު، ޕްރިޔަންކާގެ ގާތް މީހަކު އިންޑިއާގެ ނޫހަކަށް މައުލޫމާތު ދެމުން ބުނީ، އެދެމަފިރިންނަށް ލިބުނު ދަރިފުޅަށް ނަމެއް ކިޔުމަށް ވަރަށް ގިނަ ހިޔާލު މީހުން ދީފައިވާ ކަމަށެވެ.

ނަމަވެސް ހިތް ހަމަޖެހޭ ނަމެއް މިހާތަނަށް ފެނިފައި ނުވުމުން ނަން ކިޔުމަށް މާ ބޮޑަށް ނޫޅޭ ކަމަށް އޭނާ ބުނެފައިވެ އެވެ. އަދި ޕްރިޔަންކާ ވަނީ، އަވަސް އަރުވާލައިގެން ދަރިފުޅުގެ ނަން ކިޔަން ބޭނުން ނުވާކަމަށް ބުނެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.