ރަޝިއާއިން އުފައްދާ ޓެސްޓު ކޮށްފައިވާ ކޮވިޑް-19ގެ ވެކްސިނުން ހަށިގަނޑުގައި ނިއުޓްރަލައިޒިން އެންޓިބޮޑީސް އުފައްދާކަމަށް މެޑިކަލް ޖާނަލްއެއް ކަމަށްވާ ލެންސެޓްގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން ދައްކައިފި އެވެ.

"ސްޕަޓްނިކް"ގެ ނަން ދެވިފައިވާ މި ވެކްސިން ދިނުމުން ކޮންމެ ވެސް ވަރަކަށް ހުން އައުން ފަދަ އަލާމާތްތައް ފެނުނަސް އިތުރު މާބޮޑު ސައިޑް އިފެކްޓެއް ނުފެންނަ ކަމަށްވެ އެވެ.

ވެކްސިންގެ ޓެސްޓް މަރުހަލާގެ ފޭސް އެކަކާއި ދޭއްގައި ބައިވެރިވި 76 މީހުންގެ ހަށިގަނޑުން ވެސް ވަނީ ދިފާއީ އިޖާބަދީ، އެންޓިބޮޑީސް އުފައްދާފަ އެވެ. ލެންސެޓްގައި ޝާއިއުކުރި މި ދިރާސާގައި އިތުރަށް ބުނެފައިވާ ގޮތުގައި އާންމުކޮށް ކޮވިޑް-19 ޖެހިފައި ރަނގަޅުވާ މީހުންގެ ހަށިގަނޑުގައި ހުންނަ ވަރށް އެންޓިބޮޑީސް މި ވެކްސިނުން އުފައްދައިދެ އެވެ.

މި ދިރާސާގައި ބައިވެރިވި ސައިންސްވެރިން ބުނެފައިވާ ގޮތުގައި އަދި އުންމީދީ ނަތީޖާތަކެއް ފެނިފައިވީ ނަމަވެސް ވެކްސިންގެ ރައްކާތެރިކަމާއި، ކޮވިޑް-19 އިން ރައްކާތެރިކޮށްދޭނެ ކަން ޔަގީން ކުރެވޭނީ ފޭސް ތިނެއްގެ ޓެސްޓުތަކުގައި ގިނަ އަދަދެއްގެ ބަޔަކަށް ވެކްސިން ޓެސްޓު ކުރުމަށް ފަހުގަ އެވެ. -ސީއެންއެން