މާލޭގެ މާރުކޭޓުތަކާއި ރަށްރަށުގެ ހޮޅުއަށިތަކާއި ގޭގޭގެ ސިޓިންރޫމް ކަމަށް ވިޔަސް ރޯދަ މަހުގެ މެންދުރުގެ ވަކި ގަޑިއަކުން މުޅި ރާއްޖެ ގުގުމައިލާފައި އެއް އަޑަކުން "ކީރިތި ރަސޫލާގެ ސިޔަރަތު" އަޑު އިވެމުން ދިޔަ ޒަމާންތަކެއް ދިޔަ އެވެ. ހާޖަރާގޭ، އަލްމަރުހޫމް މުހައްމަދު ތައުފީގުގެ ރަން އަޑުން ސިޔަރަތު އަހާ ނުލައި ރޯދަ ފުރިހަމަ ނުވި ދުވަސްވަރެއް ވެސް ދިޔަ އެވެ.

ސިޔަރަތުގެ އެކި ބައިބައި ވަކިވަކިން ހިތު ދަސްވިޔަސް ކޮންމެ ދުވަހަކު ވެސް އެ އަޑު އަހަން ގިނަ ބަޔަކު އާދަޔާ ޚިލާފު ޝައުގު ވެރިކަމެއް ދިނެވެ. މި ބަލާޣާތްތެރި ދީނީ އަދަބީ މަސައްކަތް ދިވެހިންނާ ހަމަޔަށް ގެނެސްދެއްވީ އިތުރު ތައާރަފަކަށް ބޭނުން ނުވާ މަޝްހޫރު ދީނީ އިލްމުވެރިޔާ އަލްމަރުހޫމް މަރުހޫމު ހުސެއިން ސަލާހުއްދީނެވެ.

ސަލާހުއްދީން މި ބޮޑު މަސައްކަތްޕުޅު ކުރެއްވުމަށް ނިޔަތްގަންނަވައި ފެށްޓެވީ ވަރަށް މުހިންމު ސަބަބަކާ ހުރެ އެވެ. އެއީ ސަލާމާއި ޞަލަވާތްލެއްވި ކީރިތި ނަބިއްޔާގެ ހަޔާތްޕުޅު އެނގިގެން މެނުވީ އެކަލޭގެފާނު ގެންނެވި ދީނަށް ފުރިހަމަޔަށް އުޅެވޭކަށް ނޯންނާނެތީ އެވެ. ސަލާހުއްދީނުގެ ބޭނުންފުޅަކަށްވީ، ދިވެހިންނަށް ރަސޫލާގެ ސިޔަރަތުން ކޮންމެ ވެސް މިންވަރެއް އޮޅުންފިލާނެ ގޮތް ހައްދަވައިދެއްވުމެވެ.

"އެކަލޭގެފާނު އުޅުއްވި ގޮތްކޮޅުތަކާއި ކުރެއްވި ކަންތައްތަކާއި ނުދެނެހުރެގެން އިގުތިދާވެ، ތަބާވާ ހުށީ ކޮން ގޮތަކުން ހެއްޔެވެ." ސިޔަރަތު އެނގުމުގެ ބޭނުން ތެރިކަމާ ބެހެގޮތުން ސަލާހުއްދީނު ލިޔުއްވާފައިވެ އެވެ. އޭގެ ފަހުގައި އެމަނިކުފާނު އެކަން ކޮނޑުފުޅުގައި އެޅުއްވި ސަބަބު ވެސް ސިޔަރަތު ފަށްޓަވަމުން ވަނީ ބަޔާން ކޮށްދެއްވާފަ އެވެ.

"އެންމެންނަކަށް ބޭރު ބަސްބަސް އުނގެނިނެއް މިފަދަކަންތައް ދެނެގަތުމެއް ތަނަވަސްވެގެން ނުވާ ހުއްޓެވެ. މިކަމަށްޓަކައި މިރާއްޖޭގައި އަރަބި ކަލާމު އުނގެނިވަޑައިގެން ތިއްބަވާ ބޭކަލުންގެ މައްޗަށް އިތުރު އެކަލޭގެފާނުގެ ސިޔަރަތު ކޮންމެ ވެސް މިންވަރަކަށް ދިވެހި ބަހަށް ތަރުޖަމާކުރުމަކީ ކިފާޔަތުގެ ފަރުޟެއް ކަމުގައި ނޫނީ ނިކަމެތި އަޅާޔަކަށް ނުފެނެ އެވެ." ސިޔަރަތު ފައްޓަވަމުން ސަލާހުއްދީން ވިދާޅުވެފައިވެ އެވެ.

ރާއްޖޭގައި ތިބި އަރަބި ބަހުގެ އިލްމު އުނގެނިގެން ތިބި މީސްތަކުންގެ ބޮޅުގައި އެޅިފައި އޮތްކަމުގައި ސަލާހުއްދީން ދެކެވަޑައިގެންނެވި ކިފާޔަތުގެ ފަރުޟު އަދާކުރެއްވުމަށް އެމަނިކުފާނު ނިކުންނެވީ ވަރަށް ވަރުގަދަ އަޒުމަކާ އެކުގަ އެވެ. މާތްﷲގެ ހަޒުރަތުން އެކަމަށް ވާގި އެދިވަޑައިގެން އެތަކެއް ދުވަހު ދުއާ ދެންނެވުމަށް ފަހު މަސައްކަތަށް ކުރިމަތިލެއްވިއިރު ތަރުޖަމާ ކުރައްވާނެ މައިގަނޑު ދެ ފޮތެއްކަމުގައި އެމަނިކުފާނު ނިންމެވީ މައްކާގެ އިލްމުވެރިއެއް ކަމަށްވާ ވާ ޝެއިޚް އަހުމަދު ޒައިނީ ދަހްލާނުގެ "ސިޔަރަތުއް ނަބަވިއްޔާ" އޭ ކިޔުނު ފޮތާއި މިސްރުގެ އިލްމުވެރިޔެއް ކަމަށްވާ ޝޭޚް މުހަންމަދު އަލް ޙިޟުރީ ބިކްގެ "ނޫރުލް ޔަގީން ފީ ސިޔަރަތި ސައްޔިދިލް މުރުސަލީން" މި ދެ ފޮތެވެ. މި ދެފޮތަކީ ވެސް އިސްލާމީ ތާރީޚާ ރަސޫލާގެ ހަޔާތްޕުޅާ ބެހޭ ގޮތުން އިސްލާމީ ދުނިޔޭގައި ދަރިވަރުންނަށް އުނގަންނައި ދިނުމަށް ބޭނުން ކުރެވޭ ދެފޮތެވެ.

"ސިޔަރަތުއް ނަބަވިއްޔާ" އޭ ކިޔުނު ފޮތް ލިޔުއްވި މައްކާގެ އިލްމުވެރިއެއް ކަމަށްވާ ޝެއިޚް އަހުމަދު ޒައިނީ ދަހްލާން.

ޝެއިޚް ޒައިނީ ދަހްލާނަކީ މައްކާގައި އުސްމާނީ ޚިލާފަތުން ކަނޑައަޅުއަވާފައި ހުންނެވި ދެ ހަރަމްގެ އިމާމެވެ. އިލްމީ ގޮތުން ވަރަށް ފުންނާބު އުސް ޝާފިޢީ މަޒުހަބުގެ ދީނީ އިލްމުވެރިއެކެވެ. އިސްލާމް ދީނާ އިސްލާމީ ތާރީޚާ ބެހޭ ގޮތުން އެތަކެއް ފޮތެއް އެމަނިކުފާނު ލިޔުއްވި އެވެ. އެ ދުވަސްވަރަކީ ހިޖާޒުކަރައަށް ވައްހާބީންގެ ނުފޫޒު ފެތުރެން ފެށި ދުވަސްވަރެވެ.

އެމަނިކުފާނު ލިޔުއްވި ފޮތް، ފިތުނަތު އަލް ވައްހާބިއްޔާ، އަކީ އިސްލާމް ދީނަށް ވައްހާބީންގެ ނުރައްކާތެރި ކަމާ ބެހޭ ގޮތުން ލިޔުއްވި ވަރަށް މަޝްހޫރު ފޮތެކެވެ.

ޒައިނީ ދަހުލާންގެ އިލްމު ވެރިކަމުގެ އަސަރު ސަލާހުއްދީނަށް ވަނީ ލިބިވަޑައިގެންފަ އެވެ. ސަލާހުއްދީނުގެ އެންމެ އިސް މުދައްރިސް ކަމުގައިވާ އައްޝައިޚު މުހައްމަދު ޖަމާލުއްދީނުލް މުލަކީ (ނައިބު ތުއްތު) އަކީ ޒައިނީ ދަހުލާންގެ ދަރިވަރެކެވެ.

ސަލާހުއްދީންގެ ސިޔަރަތުގައި، އެމަނިކުފާނު އަސްލަކަސް ބެއްލެވި އެއް ފޮތް ކަމުގައިވާ ޒައިނީ ދަހުލާންގެ ސިޔަރަތު އެކަލޭގެފާނު ލިޔުއްވަން ޖެހި ވަޑައިގެންނެވި ސަބަބު ބަޔާން ކުރައްވައި ވަނީ ލިޔުއްވާފަ އެވެ.

މައިގަނޑު ސަބަބެއްކަމުގައި ދަހުލާން ލިޔުއްވާފައި ވަނީ އެ ދުވަސްވަރު ލިޔެވިފައިހުރި އެކި އެކި ސަިޔަރަތު ފޮތްތަކުގައި ހުރި ވާހަކަތަކުގެ ދިގުކަމާ ހުރެ އެ ފޮތްތައް ކިޔާ އާންމު މީހަކަށް ރަސޫލާގެ ސިޔަރަތުގެ ވާހަކަ ފަސޭހައިން ހިތް މައްޗަށް ގެންނަން އުނދަގޫ ވާތީ އެފަދަ ފޮތް ފޮތުގައި ހުރި ވާހަކަ ކުރުކޮށް އެއް ފޮތެއްގައި ލިޔެލުމެވެ. ބޭނުމަކީ އެންމެ އާދައިގެ މީހާއަށް ވެސް އެ ފޮތް ކިޔައިގެން ރަސޫލާގެ ހަޔާތް ރަނގަޅަށް ސިފަވާނެ ގޮތް ހެއްދެވުމެވެ. ދިވެހި ބަހަށް ސަލާހުއްދީން ތަރުޖަމާކުރެއްވި ސިޔަރަތު ކިޔާލުމުން އެ ވިދާޅުވެފައިވާ މަގުސަދު ހާސިލްވެފައިވާކަން ވަރަށް ރަނގަޅަށް އެނގެ އެވެ.

ކިފާޔަތުގެ ފަރުޟެއްކަމުގައި ދެކެވަޑައިގެން ސަލާހުއްދީނު ލިޔުއްވި ސިޔަރަތަކީ އެފޮތެއްގެ ސަބަބުން ދިވެހިންގެ ހިތްތަކަށް އިސްލާމް ދީނާ އެ ދީން ފާޅު ކުރެއްވުނު ގޮތާ އެދީން ފެތުރިގެން އައި ގޮތް ވަރަށް ރަނގަޅަށް އޮޅުން ފިލައިގެން ދިޔަ ވަސީލަތަކަށް ވަނީ ވެފަ އެވެ. ސިޔަރަތު ލިޔެވުނު ދުވަހުން ފެށިގެން އެތަކެއް ޒަމާންތަކެއް ވަންދެން އެފޮތުގެ މަގުބޫލު ކަމަށް ދެގޮތެއް ނައިސް އޮތުމުގެ އެންމެ ބޮޑު ސަބަބަކީ ފޮތުގައި ރަސޫލާގެ ހަޔާތް ސިފަކޮށްދިބުމަށް ސަލާހުއްދީނު ބޭނުން ކުރައްވާފއިވާ ބަލާޣާތްތެރި ބަސް މަގެވެ.

އެ ފޮތް ކިޔާއިރު ނުވަތަ އަޑު އަހާއިރު ކީރިތި ރަސޫލާގެ ހަޔާތްޕުޅު ލޮލަށް ސިފަވަމުންދާ ކަމުގެ އިހުސާސްކުރެވޭ ކުރެވުމަކީ އެކަމުގެ ހެތްކެކެވެ.

ސަލާހުއްދީންގެ އެ އިލްމީ، އަދަބީ މަސައްކަތުގެ ފައިދާ ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑަށް ކޮށްފި އެވެ. ޒަމާނުން ދުވަސްވުމަކުން އެފޮތުގެ މުހިންމުކަން ކުޑައެއް ނުވެ އެވެ.