ރަންބީރު ކަޕޫރާއި އާލިއާ ބަޓްއަކީ ބޮލީވުޑްގައި މި ވަގުތު އެންމެ ނަން މަޝްހޫރު އެއް ޖޯޑެވެ.

ދެ ތަރިންގެ ލޯބީގެ ގުޅުމުގެ ވާހަކަތައް ސޯޝަލް މީޑިއާއާއި އާންމުންގެ ތެރޭގައި ދެކެވޭއިރު، ދެ ތަރިން ކައިވެނީގެ ވާހަކަތަކަކީ މިވަގުތު އެންމެ ގަދަޔައް ބޮލީވުޑްގައި ދެކެވެމުންދާ ވާހަކަތަކެވެ.

މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ކައިވެނީގެ ރަސްމިއްޔާތުތައް ކުރިއަށް ދާކަން ރިޕޯޓުތަކުން އެނގިފައިވާއިރު، ކައިވެންޏަށް ރަންބީރުގެ ކުރީގެ ލޯބިވެރިން ކަމަށްވާ ދީޕިކާ ޕަޑުކޯން އާއި ކެޓްރީނާ ކެއިފްއަށް ވެސް ދައުވަތުދީފައިވާ ކަން ވަނީ ހާމަވެފަ އެވެ.

ރަންބީރުގެ ކުރީގެ ލޯބިވެރިންނާއެކު ގުޅުން ނިމިގެން ދިއުން ވަނީ ގިނަ ބައެއްގެ ނަފްރަތު ރަންބީރަށް އަމާޒުވި ކަމަކަށެވެ. އެގޮތުން އޭނާގެ ކުރީގެ ލޯބިވެރިންނަށް އޮޅުވާލުމާ ގުޅިގެން އާންމުން ވަނީ ރަންބީރަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އެކަމުގެ އަސަރު އޭނާ ކުޅޭ ފިލްމުތަކަށް ވެސް ކޮށްފައިވެ އެވެ.

އެހެން ނަމަވެސް ހުރިހާ ފަންނާނުންނެއް ވެސް މިހާރު އެކަންކަން ހަނދާން ނައްތާލައި، ދިރިއުޅުމުގައި ކުރިއަށް ގޮސްފައިވާ ކަމަށް އިންޑިއާގެ ރިޕޯޓުތަކުން ބުނެ އެވެ.

ހަމައެހެންމެ އާލިއާއާ ރަންބީރުގެ ކުރީގެ ލޯބިވެރިންނާ ވެސް ގުޅުން ގޯސް ނޫންކަމަށް ރިޕޯޓުތަކުން ބުނެ އެވެ. އެގޮތުން އާލިއާއާ ދީޕިކާއާ އެކި ޕްލެޓްފޯމް ތަކުގައި އެކީގައި ފެންނައިރު، އާލިއާ ދަނީ ކެޓްރީނާއާ އެކުގައި ފިލްމެއް ކުޅުމަށް ވެސް ތައްޔާރުވަމުންނެވެ.