1.2 މިލިއަން މީހުން ދިރިއުޅޭ މެލޭޝިއާގެ ކުއަލަ ލަމްޕޫރާއި ސެލަންގޯގައި ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލުކޮށް އެނބުރި އާންމު ހާލަތަށް ރުޖޫއަވުމަށް އިތުރު ހަތަރު ވަރަކަށް ދުވަސް ނަގާފާނެކަމަށް އެއާ ސެލަންގޯގެ ޗީފް އެގްޒެކެޓިވް އޮފިސާ ސުހައިމީ ކަމަރަލްޒަމާން ވިދާލުވެއްޖެ އެވެ.

ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަމަވުން ސުހައިމީ ވިދާޅުވި ގޮތުގައި ސުންގައި ސެލަންގޯ ފޭސް އެކެއް، ދޭއް، ތިނެއް އަދި ރަންޓައު ޕަންޖަންގް ވޯޓާ ޓްރީޓްމެންޓް ޕްލާންޓް ތަކުން އަނބުރާ ފެނުގެ ހިދުމަތްދޭން ފެށޭނީ ތްރެޝްހޯލް އޮޑާ ނަންބަ (ޓަން)، ސުމެއްގައި ޖެހިޖެހިގެން ތިން ފަހަރު ރިކޯޑް ކުރެވުމުންނެވެ.

"މިއަދު 2:30 އާއި ހަމަޔަށް ޕޮލިއުޝަން ލެވެލް ޑިޓެކްޓް ކުރެވިފައި ހުރީ 1 ޓަން ގައި، އެއީ ރައްކާތެރި އަދަދެއް ނޫން. ޕްލާންޓްތަކުގެ ހިދުމަތް ނުފެށި ލަސްވަނީ އެ ސަބަބަށް ޓަކައި،" އޭނާ ވިދާޅުވި އެވެ.

"ދިމާވެގެން މިއުޅޭ މައްސަލައިގެ ކުޑަ ބޮޑުމިނެއް ގިނަ މީހުންނަކަށް ނޭނގޭ. މިއީ ކުޑަ ކަމެއް ނޫން. އަހަރެމެން ބޭނުމެއް ނުވޭ 1 ޓަން ގައި ޕޮލިއުޓްވެފައި ހުރި ފެން ސަޕްލައި ކުރާކަށް. ބޭނުންކުރާ މީހުންނަށް އެއްވެސް ވަހެއް ހުރި ފެނެއް އަހަރެމެން ސަޕްލައިއެއް ނުކުރާނަން."

ސުހައިމީ ވިދާޅުވި ގޮތުގައި ކޮންމެ 30 މިނުޓަކުން ފެން ޓެސްޓްކުރެވެމުން ދާނެ ކަމަށެވެ.

"އަހަރެމެންގެ އުންމީދަކީ އަވަހަށް އެ އަދަދު ސުމަކަށް ދިއުން. އިއްޔެ ތިނެއްގައި ހުރެފަ މިއަދު އެކަކަށް އެ ވެއްޓުވީ. އެއީ ކުރިއެރުމެއް، އެހެން ނަމަވެސް ޔަގީންކަމާއި އެކު އެއްވެސް އެއްޗެއް ބުނަން މިވަގުތު ދަތި، ސަބަބަކީ އެ އަދަދު ބިނާވެގެންވަނީ ކޯރުގެ ފެންދެމޭ ގޮތާއި ފެން ޑައިލޫޓް ވާ މިންވަރުގެ މައްޗަށް ކަމުގައި ވާތީ،" އޭނާ ވިދާޅުވި އެވެ.

ސެލަންގޯގެ ޗީފް މިނިސްޓަ އަމީރުއްދީން ޝަރީ ވިދާޅުވި ގޮތުގައި ފެން ތަޢައްޔަރުވުމަށް މެދުވެރިވީ ފެކްޓަރީ އަކުން ސުންގައި ގޮންގް ކިޔާ ކޯރަށް ނުރައްކާތެރި ސޯލްވެންޓެއް ދޫވުމުގެ ސަބަބުންނެވެ. އެ ފެކްޓަރީތަކުގެ ތެރެއިން އެއް ފެކްޓަރީ މިހާރު ވަނީ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެނެވި، ދެ ހަފްތާގެ މުއްދަތަކަށް ބަންދުކޮށްފަ އެވެ. --ޗެނަލް ނިއުސް އޭޝިއާ