މިފްކޯގެ މައި ސްޓޯރޭޖު ހުންނަ ކޫއްޑޫގެ ކެޕޭސިޓީ އިތުރުނުވާތީ އެެކަމާ ގުޅިގެން ފިޝަރީޒް މިނިސްޓަރ ޑރ. ހުސެއި ރަޝީދު ހަސަން މަޖިލީހަށް ހާޒިރު ކުރުމަށް ވިލިނގިލި ދާިއރާގެ މެމްބަރު ސައުދު ހުސެއިން ހުށައަޅުއްވައިފި އެވެ.

ސައުދު ކުރެއްވި ޓުވީޓެއްގައި ވަނީ ކޫއްޑޫގެ ކެޕޭސިޓީ އިތުރުނުކުރެވޭ މައްސަލަ އާއި ކޭނިން ފެކްޓްރީ ގާއިމް ނުކުރެވިގެންއުޅޭ މައްސަލައާއި އަދި މަސްވެރިކަން ރަގަޅު ދުވަސްވަރު މަސްނުކިރޭ މައްސަލަ ހައްލު ކުރުމަށް ކުރެވޭ މަސައްކަތްތަކާއި ބެހޭ ގޮތުން ފިޟަރީޒް މިނިސްޓަރާއި ސުވާލުކުރުމަށް ހުށައަޅާފައިވާ ކަމަށެވެ. އަދި ހަމައެއާއެކު މަސްވެރިކަން ރަނގަޅު ދުވަސްވަރު މަސްނުކިރޭ މައްސަލަ ހައްލު ކުރުމަށް ކުރެވެނީ ކޮން މަސައްކަތެއްތޯ އޮޅުންފިލުވުމަށްވެސް ހުށައަޅާފައިވެ އެވެ.

މި ދުވަސްވަރު ދެކުނުގެ މަސްވެރިކަން ރަނގަޅުވެ، އެތައް ސަތޭކަ ޓަނެއްގެ މަސް ބާނައިގެން ދޯނިތައް ވަނީ މަސްކިރުވުމަށް ކޫއްޑުއަށް ޖަމާވެފައެވެ. ނަމަވެސް ކޫއްޑޫގެ ކެޕޭސިޓީ ފުރޭތީ މިފްކޯއިން ނިންމީ ކޮންމެ ދޯންޏަކުން ކޮންޓްރޯލްކޮށްގެން 5 ޓަނުގެ މަސް ކިރުމަށެވެ. މި މައްސަލައިގައި މަސްވެރިން ދަނީ އެ މީހުން ބާނާފައިވާ މަސް އެއްކޮށް، އެއްފަހަރާ ކިރޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ގޮވާލައި ކޫއްޑޫގައި އިހުތިޖާޖް ކުރަމުންނެވެ. ކޫއްޑޫ ހިމެނޭ ގޮތުން އެ ސަރަހައްދުން މިފްކޯއަށް ދުވާލެއްގެ މައްޗަށް ކިރެނީ 500 ޓަނުގެ މަހެވެ.

މަސްވެރިން ޑިމާންޑު ކުރަމުން އަންނަނީ އެ މީހުން ބާނާފައިހުރި ހުރިހާ މަހެއް ކިރުމަށެވެ. އަދި އެގޮތަށް މަސް ނުކިރާނަމަ ކޫއްޑޫއަށް މަސް ނުކިރާނެ ކަމަށް ވެސް މަސްވެރިން ދަނީ ބުނަމުންނެވެ. ނަމަވެސް މިހާރު ކުރިމަތިވެފައިވާ މައްސަލައަކީ ކިރުވާ މަސް ފްރީޒް ކުރެވޭނެ ކެޕޭސިޓީ ކޫއްޑޫގައި މަދުވުމެވެ. އެ ކެޕޭސިޓީ ބޮޑުކޮށްގެން ނޫނީ އިތުރު މަސް ނުގަނެވޭނެ ކަމަށް މިފްކޯއިން ބުނެ އެވެ.