އުމުރުން ދުވަސްވާ ވަރަކަށް ވަރަށް އަވަހަށް ފާއިތުވާހެން ނުވަތަ އަހަރުތައް "ދުވެފައި" ދާހެން އިހުސާސްވޭ ހެއްޔެވެ؟ މިއީ އެކަނި ތިމާއަށް ކުރެވޭ އިހުސާސެއް ނޫނެވެ.
މިއީ ގިނަ ބަޔަކަށް އިހުސާސް ކުރެވެމުންދާ ކަމެކެވެ. މަޝްހޫރު ހިތުގެ ސާޖަން ޑރ. ޖެރެމީ ލަންޑަން ވަނީ މިގޮތަށް ވަގުތު އަވަސްވާހެން ހީވާ ސަބަބު ސައިންޓިފިކް ގޮތުން ކިޔައިދީފައެވެ.
އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއެއްގައި، 25 އަހަރުގެ ތަޖުރިބާ ހުރި ކާޑިއޯތޮރާސިކް ސާޖަން ޑރ. ޖެރެމީ ވިދާޅުވީ، އުމުރުން ދުވަސްވުމުން ވަގުތު އަވަސްވާކަމަށް ހީވާ ހީވުމަށް ސައިންޓިފިކް ނަމެއް އޮންނަ ކަމަށެވެ. އެއީ "ރިމެނިސެންސް ބަމްޕް" އެވެ.
ރިމިނިސެންސް ބަމްޕް އަކީ ކޮން އެއްޗެއް؟
ރިމިނިސެންސް ބަމްޕް ކަމަށް ބުނަނީ، އުމުރުން ދުވަސްވާއިރު މީހުންނަށް ޅަފަތުގެ އުމުރާއި ޒުވާން އުމުރުގެ (ހާއްސަކޮށް އުމުރުން 18 އަރާއި 25 އަހަރާ ދެމެދުގެ) ހަނދާންތައް ވަރަށް ތާޒާކޮށް އަދި ގިނައިން ހަނދާންވުމުގެ ހާލަތަށެވެ.
މިކަމާ ގުޅޭގޮތުން ޑރ. ޖެރެމީ ވިދާޅުވީ އުމުރުން 70 އަހަރުގެ މީހެއްގެ ކައިރީގައި އޭނާގެ ހަޔާތުގެ ވާހަކަ ކިޔައިދޭން އެދިއްޖެނަމަ، އެ ވާހަކަތައް އުމުރުގެ ހުރިހާ ދުވަސްތަކަކަށް ހަމަހަމައަށް ބެހިގެން ނުދާނެ ކަމަށާއި ގިނަ ވާހަކަތައް ހުންނާނީ އުމުރުން 18 އާއި 25 އަހަރާ ދެމެދުގެ ދުވަސްވަރަށް ބިނާވެފައި ކަމަށެވެ.
ސަބަބަކީ އެ ދުވަސްވަރަކީ އާ ތަޖުރިބާތަކާއި ފުރަތަމަ ފަހަރަށް ކުރާ ކަންކަން (ފުރަތަމަ ވަޒީފާ، ކޮލެޖް ނިންމުން، އާއިލާއާ ވަކިން ދިރިއުޅެން ފެށުން ފަދަ ކަންކަން) އެންމެ ގިނަ ދުވަސްވަރަށް ވުން ކަމަށް ޑރ. ޖެރެމީ ފާހަގަކުރެއްވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އުމުރުން ދުވަސްވާ ވަރަކަށް މީހުންގެ ދިރިއުޅުން އާދައިގެ ރޫޓީނަކަށް ބަދަލުވެ، ދުވަސްތައް އެއްގޮތަކަށް ހޭދަވާން ފަށާ ކަމަށެވެ.
އެއާއެކު ސިކުނޑި "އޮޓޯ ޕައިލޮޓް" މޯޑަކަށް ގޮސް، 10 އަހަރު ދުވަސް ވެސް ހީވަނީ އެންމެ ހަފުތާ ބަންދެއްހެން ކަމަށް އޭނާ ވިދާޅުވި އެވެ.
މި ކަން ބަދަލު ކުރެވިދާނެ ތަ؟
ޑރ، ޖެރެމީ ފާހަގަ ކުރެއްވި ގޮތުގައި، ޒުވާން ދުވަސްވަރު އެކަނި މިފަދަ ހަނދާންތައް ހުންނަ ސަބަބަކީ އޭރު އާ ތަޖުރިބާތައް ގިނަ ވުމެވެ. މާނައަކީ އުމުރުން ދުވަސްވި ނަމަވެސް، އާ ކަންކަން ދަސްކޮށް، އާ ތަންތަނަށް ގޮސް، އާ ތަޖުރިބާތައް ކުރާނަމަ މިކަން ބަދަލުކޮށްލެވިދާނެއެވެ.
"އޮޓޯޕައިލޮޓަކީ އަމިއްލައަށް ކަންކަން ވެގެންދާ ގޮތް. ނަމަވެސް އާ ކަންކަން ތަޖުރިބާ ކޮށްގެން ދިރިއުޅުމަށް ބަދަލުތަކެއް ގެނެސްގެން ވަގުތު އިތުރަށް މާނަހުރި ގޮތަކަށް ހޭދަ ކުރެވިދާނެ. ވަގުތު އަވަސްވަނީއެއް ނޫން، ބަދަލުވީ ތިމާ ދިރިއުޅުމުގައި ވަގުތު ހޭދަކުރާ ގޮތް" ޑރ. ޖެރެމީ ވިދާޅުވި އެވެ.
ސައުދީ ޓޭންކަރަކަށް ދިން ހަމަލާއެއްގައި ދެ މީހުން މަރުވެއްޖެ