ކުނި މެނޭޖުކުރުމުގެ ބިލާއި އިތުރު ދެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށް ފޮނުވައިފި އެވެ.

އެ އޮފީހުން މިރޭ ބުނީ ކުނި މެނޭޖް ކުރުމުގެ ބިލް ހުށަހެޅުމުގެ ބޭނުމަކީ ރާއްޖޭގައި ކުނި މެނޭޖުކުރުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ރާވައި، ހިންގައި، އެ ކަންކަން ބެލެހެއްޓުމަށްޓަކައި، އަންނަނިވި ކަންކަން ހިމެނޭ ގޮތުން ކުނި މެނޭޖުކުރުމުގެ އުސޫލުތަކާއި މިންގަނޑުތަކާއި އިޖުރާއަތުގެ މައްޗަށް އެކުލެވޭ ގާނޫނީ އޮނިގަނޑެއް ކަނޑައެޅުން ކަމަށެވެ.

އެ ބިލްގެ މަގުސަދުތަކުގެ ތެރޭގައި ކުނީގެ ސަބަބުން ތިމާވެށި ތަޣައްޔަރުވުމާއި، ތިމާވެއްޓަށް ލިބޭ ގެއްލުން ހުއްޓުވުމާއި ކުނި މެނޭޖުކުރުމުގެ އާންމު ބޭނުންތަކުގެ ހިދުމަތް އެކުލަވާލުމުގެ އިތުރުން ކުނި މެނޭޖުކުރުމުގެ އާންމު ބޭނުންތަކުގެ ހިދުމަތް ލިބިގަންނަ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ޒިންމާ ކަނޑައެޅުން ހިމެނެ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ހުށަހެޅީ ހެކިބަސްދޭ ފަރާތްތައް ޙިމާޔަތްކުރުމާގުޅޭ ތަފްޞީލީ އުސޫލުތަކެއް ކަނޑައެޅުމަށާއި ކުށަށް އިޢުތިރާފުވާ ފަރާތްތަކާ އެކު އިއުތިރާފުގެ އެއްބަސްވުން ވެވޭނެ ޙާލަތްތަކާއި އެކަން ކުރުމުގައި ޢަމަލުކުރާނެ އިޖުރާއަތުތައް އިތުރަށް ތަފްޞީލުކޮށް ބަޔާންކުރު ކަމަށެވެ. އަދި އެ ނޫން ވެސް ޖިނާއީ އަދުލުގެ ނިޒާމުގެ އެކިއެކި އިޖުރާއަތުތައް ހިންގުމުގަ އާއި ގާނޫނޫ ތަންފީޒު ކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަކީ ވެސް އެ ބިލް ހުށަހެޅުމުގެ މަގްސަދެކެވެ.

މާލިއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހުށަހެޅީ ދައުލަތުގެ ދަރަންޏަށް ފައިސާ ނެގުމާއި ގެރެންޓީ ދިނުމާގުޅޭ އުސޫލުތަކާއި ދައުލަތުގެ ފައިސާއިން ޚާއްސަ އެހީ ދިނުމާގުޅޭ އުސޫލުތަކާއި ދައުލަތުގެ ފައިސާ ހިސާބުކުރުމާއި އަހަރީ ބަޖެޓު އެކުލަވާލުމާ ގުޅޭ އުސޫލުތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމެވެ.

އަދި ދައުލަތުގެ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑާއި އެ ފަންޑު ހިންގުމާގުޅޭ އުސޫލުތައް ޤާނޫނުގައި ބަޔާންކުރުމަށާއި ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމު ހިންގާނެ ގޮތުގެ އުސޫލުތައް ޤާނޫނުގައި ބަޔާންކުރުމަށާއި، ޤާނޫނާ ޚިލާފުވާ ޙާލަތްތަކުގައި އެފަދަ ފަރާތްތަކާމެދު ފިޔަވަޅުއެޅުމާ ގުޅޭ ގޮތުން ކަނޑައެޅިފައިވާ އުސޫލުތައް އިޞްލާހުކުރުމަށާއި ޤާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަކީ ވެސް އެ ބިލް ހުށަހެޅުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.