އާދުވަހަކަށް އިރު އަރައި ދުނިޔެ އަލިވެއްޖެ އެވެ. މީހުންތައް އެކި ކޮޅުކޮޅު މައްޗަށް ދުވަން ފަށައި ރަށުތެރެ ހަލަބޮލި ކޮށްފި އެވެ. ރިންގު ވަމުން ދިޔަ އެލާމް ނިއްވައިލުމަށް ފަހު އޭނާ އަނެއްފަރާތަށް އެނބުރިލި އެވެ. މޫނު މަތީގައި ބާލީސް އަޅައި އެނދަށް ހަމަޖެހިލި އެވެ. އެއީ ފަސް މިނެޓުން ފަސް މިނެޓުން އޭނާ ހަމަޖެއްސި އެލާމް ތަކުގެ ތެރެއިން ތިންވަނަ އެލާމެވެ. ހެނދުނުގެ އެ އަރާމު ނިދިކޮޅު ގެއްލުވާލަން ބޭނުން ނުވާތީ ކޮންމެ ފަހަރަކު ވެސް އެލާމް ކަނޑައިލުމަށް ފަހު އޮވެވެނީ އެވެ.

މަޑު ނިންޖަކުން ލޯމެރިފައި އޮއްވައި ސިއްސައިގެން ގޮސް ތެދުވެވުނީ ކަމެއް ހަނދާން ވެގެންނެވެ. ސިހިފައި ފޯނުން ގަޑި ބަލާލިއިރު ކަމަކުދާކަށް ނެތެވެ. ގަޑިޖެހެން ތިރީސް މިނެޓަށް ވެއްޖެ އެވެ. އިންޓަރވިއުއަށް ގަޑި ޖެހޭކަށް އޭނާ ބޭނުމެއް ނުވެ އެވެ. އެ އިންޓަވިއުއަކީ އެތައް ދުވަހެއްގެ އިންތިޒާރަށް ފަހު ލިބުނު ފުރުޞަތަކަށް ވާތީ އެ ފުރުޞަތު ނަގައިލުމަކީ އެއްވެސް ޙާލެއްގައި އޭނާ ބޭނުންވާ ގޮތެއް ނޫނެވެ. އެހެންކަމުން ގައިމަތީ އޮތް ރަޖާގަނޑު އެއްލައިލުމަށް ފަހު އޭނާ ފާޚާނާއަށް ވަނުމަށް އަވަސްވެގަތެވެ.

ފެންވަރައި ތައްޔާރުވެގެން ސިޓިންރޫމަށް ނުކުމެވުނުއިރު މަންމައާއި ދޮންބެ ހެނދުނުގެ ނާސްތާއަށް އިންސާފުކުރަން ކާ މޭޒުދޮށުގައި ތިއްބެވެ. ނާސްތާކުރަން މަޑުކޮށްފިނަމަ ލަސްވާނެކަން އެނގޭތީ އޭނާ މިސްރާބުޖެހީ ގެއިން ނުކުންނާށެވެ. ބާރު ހިނގުމެއްގައި އޭނާ ނުކުތީ ބޭކާރު ވާހަކައެއް އެގަޑީގައި މަންމަމެން މީހަކު ފަށާފާނެތީ އެއިން ރެކެން ވެގެންނެވެ. ނާސްތާއަށް އެމީހުންނާ ބައިވެރިވާން މަންމަ ދިން ދަޢުވަތު އަޑު އިވުނު ކަމުގައިވިޔަސް އެ ވަގުތު އޭނާ ގަޞްދުކުރީ އެ އަޑަށް ބީރު ކަންފަތެއް ދޭށެވެ. އިންޓަވިއު އިން އެނބުރި އައިސް މަންމައާ އެކު ވަގުތު ހޭދަ ކޮށްލުމުގެ ނިޔަތުގަ އެވެ.

ގެއިން ނުކުމެ ސައިކަލަށް އަރަން އުޅެނިކޮށް ކޮނޑުގައި މީހަކު އަތް ޖަހައިލުމުން ބަލައިލިއިރު އެއީ އޭނާގެ އެންމެ ގާތް ރަޙުމަތްތެރިންގެ ތެރެއިން އެކެކެވެ. ބައްދަލު ނުވާތާ ދުވަސްތަކެއް ވެފައިވުމާއެކު އެ ރަޙްމަތްތެރިޔާ އޭނާއަށް ކޮފީއަކަށް ދަޢުވަތު ދިނެވެ. އެހެން ނަމަވެސް ވަގުތުގެ ނާޒުކު ކަމާއެކު ފަހުން ދިމާ ކުރާނީ ކަމަށް ބުނެ އޭނާ އަވަސްވެގަތީ އިންޓަވިއު އޮތް އޮފީހަށް ދިއުމަށެވެ.

ހުޅުމާލެ ތެރޭގައި ދުއްވި ނަމަވެސް އާއްމުކޮށް އޭނާ އަޅާ ހެލްމެޓު ނުގެނެވޭކަން އެނގުނީ ސައިކަލު ސްޓާޓް ކޮށްލި ފަހުންނެވެ. އަވަސް ކުރަން އުޅެންޏާ ހައްތާހާ ވާނީ ލަހޭ އޭނާގެ ހިތަށް އެރި އެވެ. އެންމެ ފަހަރަކު ހެލްމެޓް ނާޅައި ދިޔަޔަސް ރަނގަޅުވާނެ ކަމަށް ނިންމައި ސައިކަލުގައި އޭނާ ނައްޓައިލި އެވެ. ހުޅުމާލޭގެ ބޮޑުމަގުން ދުއްވައިފައި ދިޔައިރު މެންދުރު ނަމާދަށް ބަންގި ގޮވާ އަޑު އިވެ އެވެ. ބޮޑު މިސްކިތް ކުރިމަތިން ސައިކަލުގައި ހުރަސްކުރީ އިންޓަވިއު ނިންމާލުމަށް ފަހު މިސްކިތަށް އަރަން ހިތުލައިގެންނެވެ.

ދުއްވުނު އެންމެ ބާރަށް ދުއްވައިފައި ގޮސް އިންޓަވިއު އޮތް އޮފީހަށް އޭނާއަށް ވަދެވުނުއިރު ގަޑިޖެހެން އަދި ފަސް މިނެޓު އޮތެވެ. ހިތްހަމަ ޖެހުމުގެ ނޭވާއެއް އޭނާ ލީ ބޭނުންވި ގޮތަށް ގަޑިނުޖެހި އިންޓަވިއުއަށް އާދެވުނީތީ އެވެ. އެހެނީ އެވަޒީފާއަކީ އޭނާ ނުހަނު ބޭނުންވާ ވަޒީފާ އެކެވެ. އެއީ ސްކޫލު ނިމުނީއްސުރެ ހިތުލައިގެން އުޅުނު އޭނާގެ "ޑްރީމް ޖޮބް" އެވެ. އެ ދިގު އިންތިޒާރުގެ ނިމުން މިއަދު މިއޮތީ އައިސްފައެވެ. ލޮބީގައި ހުރި ސޯފާގައި އިށީނދެލައިގެން އޭނާގެ ނަން ގޮވާނެ ވަގުތެއްގެ އިންތިޒާރުގައި އިންއިރު އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އޭގެ ކުރީރޭ އެ އިންޓަވިއުއަށް ޓަކައި ކުރި ތައްޔާރީތަކުގެ އުސްއަލި ތަކެވެ. ހިތުތެރޭގައި ސިފަވަމުން ދިޔައީ އެ ވަޒީފާ ލިބިއްޖެނަމަ އޭނާގެ ދިރިއުޅުން ހުންނާނެ ގޮތެވެ.

ސައިލެންޓަށް ލާން ހަނދާން ނެތިފައި އޮތް ފޯނު ރިންގު ވާން ފެށީ އެވަގުތު އެވެ. އަވަސް އަވަހަށް ފޯނު ކަނޑައިލީ ގުޅަނީ ރައްޓެހިވެގެން އުޅޭ ލޯބިވެރިޔާ ކަމަށް ވިޔަސް އެވަގުތަކީ ފޯނަށް ޖަވާބު ދޭން އެންމެ އެކަށޭނަ ވަގުތަކަށް ނުވާތީ އެވެ. އެކޮޅުން ތަކުރާރުކޮށް ގުޅާނެކަން އެނގޭތީ އޭނާ ފޯނު ނިއްވައިލީ ދެވަނަ ވިސްނުމަކާ ނުލަ އެވެ. މާ ގިނައިރުތަކެއް ނުވެ އޭނާގެ ނަން ގޮވައިފި އެވެ. މަޑު ހިނގުމެއްގައި އިންޓަވިއު ކޮޓަރިއަށް އޭނާ ވަނީ ހެޔޮ ގޮތެއް މިންވަރު ކުރެއްވުން އެދި ހިތާހިތުން ދުޢާ ކުރަމުންނެވެ.

އޭގެ ވިއްސަކަށް މިނެޓު ފަހުން އެކޮޓަރިން އޭނާ ނުކުތީ ހިނިތުންވުމަކާއި އެކީގަ އެވެ. ހީކުރިވަރަށް ވުރެ އިންޓަވިއު ދިޔައީ މާ ރަނގަޅަށެވެ. އޭނާގެ ޤާބިލިއްޔަތުކަން އޮފީހުގެ އިސްވެރިންނަށް ސާބިތު ކޮށްދެވުމާއެކު ވަގުތުން އެ ވަޒީފާ އޭނާއަށް ހުށައެޅީ އެއަށްވުރެ ރަނގަޅު ދެވަނަ މީހަކު ނުލިބޭނެކަމަށް މެނޭޖްމަންޓަށް ވިސްނުނީމަ އެވެ. އެ އުފާވެރި ޚަބަރު އާއިލާއާ ޙިއްސާ ކުރުމަށް ޓަކައި ގެއަށް ދިއުމަށް އޭނާ ހިނގައިގަތެވެ. ގައިމު ވެސް މިއަދަކީ އޭނާއާ މެދު މަންމައާއި ދޮންބެ ފަޚުރުވެރިވާނެ ދުވަހެކެވެ.

ބޮޑުމަގުން އޭނާ ދުއްވައިފައި ދިޔައީ ނުހަނު ހަމަޖެހިލައިގެން އާދައިގެ ބާރު މިނެއްގަ އެވެ. ކުރިއަށް އޮތް އުޖާލާ މުސްތަޤްބަލް ހިތަށް ސިފަ ކުރަމުންނެވެ. ދެން ވީ ޒަވާޖުގެ ޙަޔާތެއް ފަށަން އުޅޭށެވެ. މިހާތަނަށް ވެސް ކައިވެނި ފަސްކުރަމުން އައީ އެ ވަޒީފާގެ އުއްމީދުގަ އެވެ. ފޮނި ޚިޔާލުތަކެއްގައި އިނދެ ދުއްވަމުން ދަނިކޮށް އޭނާގެ ޙަޔާތަށް ޖެހި އެންމެ ބޮޑު ރާޅު ބިންދާލީ ފަހަތުން އައި ބަރު އުޅަނދެއް ކޮންޓްރޯލް ނުވެ އޭނާގެ ސައިކަލުގައި ޖެހުމުންނެވެ. ވިއްސައިގެން ގޮސް އޭނާ ޖެހުނީ މާދުރުގައި ހުރި ފާރެއްގައެވެ. މޫނު މައްޗަށް އަނދިރިވެ ޚަބަރު ހުސްވަމުން ދިޔައިރު ވަޒީފާގެ ކޮންޓްރެކްޓާއި އެހެނިހެން ލިޔުންތައް މަގުމައްޗަށް ވިއްސިވިހާލި ވެފައި ވަނިކޮށް އޭނާއަށް ފެނުނެވެ.

އޭނާއަށް ހޭވެރިކަންވީ ހޮސްޕިޓަލެއްގެ އެނދުމަތީގައި އޮއްވަ އެވެ. ބޮލަށް ބާރުކޮށް ބޭސްގަނޑެއް އޮޅާފައި ހުރިއިރު ގައިގެ އެތަންމިތަނަށް ހޮޅި ގުޅާފައި ހުއުޓެވެ. އެނދުގެ ވަށައިގެން އާއިލާއާއި ރަޙުމަތްތެރިންގެ އިތުރުން ލޯބިވެރިޔާ ވެސް ހުރިކަން އޭނާއަށް އެނގެ އެވެ. ތަންކޮޅެއް ދުރުން ދޮންބެ ކޮންމެ ވެސް މީހަކާ ވާހަކަ ދައްކާ އަޑު އިވެ އެވެ. ހީވާ ގޮތުން އެއީ ޑޮކްޓަރެވެ. އޭނާގެ ސިކުނޑިއަށް ލޭއެޅިފައިވާ ކަމަށާއި ލިބިފައިވާ ގެއްލުމުގެ ސަބަބުން އުމުރު ދުވަހު ނުހިނގޭ ގޮތް މެދުވެރިވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ޑޮކްޓަރ ބުނި އަޑު އޭނާއަށް އިވުނެވެ. އަދި ވީހާވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ދިއުމަށް ލަފާދީ އެކަމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމަށް ވެސް ޑޮކްޓަރު ބުންޏެވެ.

އެނބުރި އޭނާގެ އެނދު ކައިރިއަށް އައިސް އެންމެ ފަހުގެ ތަފުޞީލުތައް އެންމެންނާ ޙިއްސާ ކުރިއިރު ދޮންބެގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަތައް ފައިބަމުން ދިޔައެވެ. މިލާފައިވާ މޫނުތައް ފެނި އެ އެންމެންގެ ތަޞައްލީއަށް ޓަކައި ކޮންމެ މީހެއްގެ ގައިގައި ބާރަށް ބައްދާލަން ކިތަންމެ ބޭނުން ވިޔަސް ކުރާނީ ކީއް ހެއްޔެވެ؟ މިއަދު އޭނާ ވަނީ އެކަމަށް ނުކުޅެދިފައެވެ. ލޮލުން ކުރެވޭ އިޝާރާތެއް ފިޔަވައި އިތުރު ހަރަކާތެއް ގެންނާނެހާ ބާރެއް އޭނާގެ ހަށިގަނޑުގައި މިއަދަކު ނެތެވެ.

ކުއްލިއަކަށް އޭނާގެ ހިތަށް އައީ އެދުވަހު ހެނދުނު ކަންވީގޮތެވެ. އަވަހަށް ނިދައި ހޭލައި ލިބިފައި އޮތް ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުނު ނަމަ އެވެ. އާއިލާއާ އެކު ހެނދުނުގެ އެ ނާސްތާ ކުރެވުނު ނަމައޭ އޭނާ ހިތަށް އެރި އެވެ. ގެއިން ނުކުތުމުގެ ކުރިން މަންމައާ ވާހަކަދައްކާ ހީސަމާސާ ކޮށްލެވުނު ނަމަ ކިހައި ރަނގަޅު ހެއްޔެވެ؟ މިވަޤުތު މަންމައަށް ކުރަމުން ދިޔަ އަސަރު ލުއިވީސްކަން ޔަޤީނެވެ.

މަގުމަތިން ދިމާވި އެ ރަޙުމަތްތެރިޔާއާ އެކު އިތުރު ވަގުތުކޮޅެއް ހޭދަ ނުކުރެވުނީތީ އޭނާ ދެރަވި އެވެ. އެހެނީ މިވަގުތު އެންމެ ގާތުގައި ހުރީ އެ ރަޙުމަތްތެރިޔާ އެވެ. ހެލްމެޓު ނެތްކަން އެނގުނު ހިސާބުން ގެއަށް ގޮސް އެ ހިފައިގެން ނުދެވުނީތީ އޭނާ ހިތާމަ ކުރި އެވެ. ގައިމު ހެލްމެޓް އެޅުނު ނަމަ މިވަޤުތު އޭނާ އެ އޮތް ޙާލު ކުޑަ ނަމަވެސް ރަނގަޅުވީހެވެ. ދިޔަ މަގުމަތީގައި ޖަމާޢަތުގައި މެންދުރު ނަމާދު ކުރެވުނު ނަމަ ކޮންފަދަ ހެއްޔެވެ؟ ދެން ދުވަހަކު ވެސް އޭނާއަށް ޖަމާޢަތެއްގައި ނަމާދު ކުރުމުގެ ނަޞީބު ނުލިބުމަކީ ވެސް ވެދާނެ ކަމެކެވެ. ލޯބިވެރިޔާގެ ފޯނަށް ޖަވާބުދީ ލޯބިވާވަރު ހާމަކޮށްދެވުނު ނަމައީ ކިހައި ރަނގަޅު ހެއްޔެވެ؟ އެ ފުރުޞަތު އޭނާއަށް ދެން ލިބޭނެބާއެވެ؟

ވަގުތު ސަލާމަތް ކުރުމުގެ ނިޔަތުގައި އޭނާއަށް ފަރުވާ ކުޑަ ކުރެވުނު ކަންކަމަށް ޓަކައި މިހާރު އޭނާ ދެރަވެއެވެ. ދުނިޔަވީ އެދުމަކަށް ޓަކައި ލިބިފައިވި ނިޢުމަތްތަކަށް ޝުކުރު ނުކުރެވުނީތީ މިހާރު އޭނާ ހިތާމަ ކުރެއެވެ.

ވިސްނާލަބަލާށެވެ. އެދުވަހުގެ އިރު އެރީ އޭނާއަށް އާ އުއްމީދުތަކަކާ އެކުގަ އެވެ. ދެކެމުން އައި ފޮނި ހުވަފެންތައް ޙަޤީޤަތަކަށް ވުމުގެ ކޮޅުމަތި ދައްކަމުންނެވެ. ނަމަވެސް ތަޤުދީރުގެ ނިޔާ ދެކިބަލާށެވެ. ޙަޔާތުގެ އޮއިވަރު ބަދަލުވީ ހަމަ ކުއްލިއަކަށެވެ. އެސްފިޔަ ޖަހާލާހައި މަދު ސިކުންތު ކޮޅެއްގެ ތެރޭގަ އެވެ. މުޅި އުމުރު އޭނާ ހޭދަކުރީ އެ ވަޒީފާގެ އުއްމީދުގަ އެވެ. ނަމަވެސް މިއަދު އެ ވަޒީފާއިން އޭނާއަށް އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟ ލިބޭނީ ކޮން އުފަލެއް ހެއްޔެވެ؟ މާދަމާ ވެސް އެ މަޤާމަށް އޭނާގެ ބަދަލުގައި އެހެން މީހަކު ޢައްޔަން ކޮށްފާނެ އެވެ. ހިތަށް އެރި އެވެ. ދާއިމަށް ދެމިގެން ނުދާނެ ވަޒީފާއެއްގެ ދަހިވެތިކަމުގައި އޭނާއަށް ގެއްލިގެން ދިޔައީ ކިހާ މަތިވެރި ނިޢުމަތްތަކެއް ބާވައެވެ؟ އެ ނިޢުމަތްތަކަށް ޝުކުރުކޮށް ޤަދަރުކުރާނެ ދެވަނަ ފުރުޞަތެއް އޭނާއަށް ލިބޭނެ ބާވައެވެ؟

ލިބިއްޖެނަމަ އެ ފުރުޞަތު އޭނާ ގެއްލުވާ ނުލާނެކަން ޤައިމެވެ. މައިންބައިންނާއި ޢާއިލާގެ މުހިއްމުކަން ވިސްނުނީތީއެވެ. ރަޙުމަތްތެރި ކަމުގެ އަގު ވަޒަން ކުރެވުނީތީ އެވެ. ލޯތްބަކީ ހެޔޮ ނަޞީބެއްކަން މޭރުންވީމަ އެވެ. ދީނީ ވާޖިބުތަކަކީ ފަސްކުރުން ހެޔޮވާވަރުގެ ކަމެއް ނޫންކަން އެނގުނީތީ އެވެ. ނަމަވެސް.... އެ ހުރިހާ ކަމެއް އޭނާއަށް ވިސްނުނުއިރު ވަޤުތު ފާއިތު ނުވޭބާވަ އެވެ؟ އެ ފިލާވަޅުން ޢިބުރަތް ޙާޞިލްވިއިރު އޭނާގެ ޙަޔާތުގެ ހުޅުކޮޅު ނުނިވޭނެބާވަ އެވެ؟ އަމިއްލަ ނަފުސާއި އޭނާ ހިތާހިތުން އެ ސުވާލުތައް ކުރަމުން ދިޔައިރު ފެންނަމުން ދިޔަ މަންޒަރު ފުސްވެ ދެލޯ މެރެމުން ދިޔަ އެވެ.

ކުއްލިއަކަށް އޭނާގެ ހަށިގަނޑަށް ގުޅާފައިހުރި މެޝިންތަކުގެ އަޑުގަދަ ވެއްޖެ އެވެ. ނޭވާ ނުލެވި މަރަށް ތެޅެން ފަށައިފި އެވެ. އިސާހިތަކު ސިއްޙީ އެހީތެރިން އޭނާގެ ވަށައިގެން ހޭލަމޭލަވާން ފަށައިފި އެވެ. އާއިލާގެ މެމްބަރުން ދުރަށް ޖައްސައި ސިއްޙީ އެހީ ލިބެންހުރި އެންމެ ފުރިހަމައަށް އޭނާއަށް ލިބެން ފަށައިފި އެވެ. އިރުކޮޅަކަށްފަހު އޭނާގެ އިސް ޑޮކްޓަރު ބޭސްފަރުވާގެ ކޮޓަރިން ނުކުމެއްޖެ އެވެ. ކެތްމެދުވެ ހާސްވެފައި ތިބި އޭނާގެ ދަނެތިބީންގެ ކައިރީގައި ގޮސް ހުއްޓުނުއިރު ޑޮކްޓަރުގެ މޫނުމަތިން މޮޅިވެރިކަން ފާޅުވަމުން ދިޔަ އެވެ.

މަޑުމައިތިރިކަމާއެކު އެޚަބަރު އާއިލާއާ ޙިއްސާ ކުރިއެވެ. އެއާއެކު އެންމެންގެ ލޮލުން ވެސް ކަރުނަތައް ފައިބައިގަތެވެ. އޭނާގެ މަންމައަށް ގިސްލާ ރޮވެން ފެށުނުއިރު ލޯބިވެރިޔާ ހުރިތަނަށް ކަކޫ މައްޗަށް ތިރިވެވުނީ ބޭއިޚުތިޔާރުގަ އެވެ. ކެތްތެރިވުމަށް ނަޞޭޙަތްތެރި ވުމަށްފަހު ޑޮކްޓަރު އެނބުރި ދިޔަ އެވެ. އާނއެކެވެ. އެ ޒުވާން ފުރާނަ މި ދުނިޔެއަށް އަލްވަދާއު ކީ އެވެ. އެ ވަގުތީ މެހެމާނަށް މިދުނިޔޭގައި ކަނޑައެޅުނު އަޖަލު ހަމަވީ އެވެ. ދިރިއުޅުމުގެ ހަގީގީ މަގްސަދު ނޭނގި ވަގުތު ފާއިތުވީ އެވެ.

އެކުވެރީންނޭވެ! ޙަޔާތަކީ ދެވަނަ ފަހަރަށް ލިބޭނެ ފުރުޞަތެއް ނޫނެވެ. ވަޤުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ! އާއިލާއާއި ގާތް މީހުންނާއެކު ހޭދަކުރަން ލިބޭ ފުރުޞަތެއް ދޫކޮށްނުލާށެވެ! ފުރާނައަކީ އެންމެ މާތް ނިޢުމަތެވެ. އެއަށް ރައްކާތެރިވާށެވެ! ދުނިޔަވީ އެދުންތަކަށް ޓަކައި ދީނީ ވާޖިބުތައް ނާޅާށެވެ! މާދަމާ ވެސް ހެއްދެވި ފަރާތަށް ރުޖޫޢަވާން ޖެހިދާނެ އެވެ.

ލިބޭ ކޮންމެ ފުރުޞަތެއްގައި ނިޢުމަތްތަކަށް ޝުކުރު ކުރާށެވެ! އެހެނީ ތިބާއަކީ ކިހާ ނަޞީބު ގަދަ މީހެއްކަން އިޙްސާސްވާނީ އެ ނިޢުމަތްތަކުން މަޙްރޫމް ވެފައިވާ ބަޔަކަށެވެ. މުދަލާއި ފައިސާއަކީ ވަގުތީ އުފާތަކެއްކަން ޔަޤީނެވެ. ދުނިޔޭގެ ދާއިމަށް ދެމިގެންދާނީ އާއިލީ ގުޅުންތަކާއި ހިތުގެ ގުޅުންތަކެވެ. އާޚިރަތަށް ދެމި އޮންނާނީ ﷲގެ ވަޖުހުފުޅަށް ޓަކައި ކުރެވުނު ހެޔޮ ޢަމަލެކެވެ. އެ ކަންކަމަށް ފަރުވާތެރިވާށެވެ! ވަޤުތު ފާއިތު ނުވަނީސް އިޞްލާޙު ވަމާ ހެއްޔެވެ؟ ދެދުނިޔޭގެ ބާއްޖަވެރިކަން އޮތީ އެގޮތުގެ މަތީންނެވެ.