ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މިއަދު އިހުސާސް ކުރެވުނު ފިނި ހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ މިއަދު އެންމެ ހޫނު ގަދަވީ ހުޅުލެ އާއި ހދ. ހަނިމާދުއަށް ކަމަށެވެ. ހުޅުލޭގެ ފިނިހޫނުމިން ހުރީ 33.5 ޑިގްރީ ސެލްސިއަސްގައެވެ. އަދި އިހުސާސްވާ ފިނިހޫނު މިން ހުރީ 43.3 ޑިގްރީ ސެލްސިއަަސްގައި ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

ހަނިމާދޫގެ ފިނިހޫނުމިން ހުރީ 32 ޑިގްރީ ސެލްސިއަސްގައި ކަމަށާއި އެރަށުގެ އިހުސާސް ކުރެވޭ ފިނިހޫނުމިން ހުރީ 41.9 ޑިގްރީ ސެލްސިއަސްގައި ކަމަށް ވެސް މެޓު އޮފީހުން ބުންޏެވެ.

ލ. ކައްދޫ، ގދ. ކާޑެއްދޫ އަދި ސ. ގަމު ސަރަހައްދުގައި އިހުސާސް ކުރެވޭ ފިނިހޫނުމިން ވެސް 40 ޑިގްރީ ސެލްސިއަސް އާ ކައިރި ކޮށްފައިވެއެވެ.

މެޓް އޮފީހުން ބުނީ ޖުމްލަކޮށް ހުރިހާ ސަރަހައްދެއްގެ މޫސުން ރަނގަޅުވާނެ ކަމަށެވެ. ނަމަވެސް އުތުރުގެ ބައެއް ރަށްތަކަށް ކޮންމެވެސް މިންވަރަކަށް ވާރޭ ވެހޭނެ ކަމަށް އެ އޮފީހުން ބުންޏެވެ.