އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނެރުނު ގަރާރަކީ ގާނޫނު އަސާސީއާ ޚިލާފު ގަރާރެއް ކަމަށް ގިނަ އަދަދެއްގެ ގާނޫނީ ވަކީލުން ވިދާޅުވެއްޖެ އެވެ.

އެގޮތުން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާޔާ ހަވާލާ ދިނުމަކުން ބާތިލް ގަރާރެއް ޞައްޙަވާނެ ގޮތެއް ނޯންނާނެ ކަމަށެވެ.

"މުޠުލަޤު ސިފައެއްގައި ޤާނޫނުއަސާސީއާ ޚިލާފު، ތިޔަ ޤަރާރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ބާރު ހިނގާ އެއްވެސް ސަރަޙައްދެއްގައި ޤާނޫނީގޮތުން ތަންފީޒު ކުރެވޭނެ ޤަރާރެއް ނޫން،" ޑރ. އަހްމަދު ވިދާޅުވި އެވެ.

މަޝްހޫރު ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ހަނިކުރެވޭނެ އަދި ހުއްޓުވޭނެ ކަމެއް ނޫން ކަމަށެވެ.

ކުރީގެ ނައިބު ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގާނޫނީ ޓީމުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ހުވާކުރެއްވީ ޤާނޫނު ނަގަހައްޓަން ކަމަށާއި ޤާނޫނު ހެދުމުގެ ބާރު އެމަނިކުފާނަށް ލިބިގެން ނުވާ ކަމަށެވެ.

އިންޑިއާގެ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމާ ދެކޮޅަށް އަޑުއުފުލުން ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރަކީ ބާތިލް އެއްޗެއް ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީން ވަނީ ނިންމާފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސޮއިކުރައްވާ ނެރެފައިވާ ގަރާރުގައި ބުނެފައި ވަނީ އިންޑިއާ މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ގައުމީ ސަލާމަތާ ބެހޭ މަޖީލީހުގެ ބައްދަލުވުމުގައި ކަނޑައަޅާފައިވާ ކަމަށެވެ.

މިގަރާރުގައި އިތުރަށް ބުނެފައިވަނީ ދިވެހި ސަރުކާރުގެ ސިޔާސަތަކީ، ގާނޫނުއަސާސީސީން ކަށަވަރުކޮށްދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމަށް ދެވޭނެ އެންމެ ފުޅާމިނެއްގައި ޖާގަދީ، ޑިމޮކްރަޓިކް މުޖުތަމަޢުތަކުގައި ޢަމަލުކުރަމުންދާ އަސާސްތައް ދެމެހެއްޓުން ކަމަށް ފާހަގަކޮށްފައިވެއެވެ.

"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ލިބިދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައި، އިންޑިޔާއާ ދެކޮޅަށް ހިންގާ ކެމްޕޭނަކީ، ދިވެހިރާއްޖޭގެ ސުލްހަ މަސަލަސްކަން ނަގައިލުމުގެ ނިޔަތުގައި، ދިވެހިރާއްޖެއާ އިންޑިޔާއާއެކު އޮތް ޒަމާންވީ ބަދަހި ގުޅުމަށާއި، ރާއްޖޭގެ ތަރައްގީއަށާއި މި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމާއި އަމަންއަމާންކަން ދެމެހެއްޓުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުރަމުންދާ މުހިންމު މަސައްކަތްތަކަށް ހުރަސްއެޅުމަށް ރާވައިގެން ހިންގަމުންގެންދާ ކެމްޕޭނެއް" އިންޑިއާ އައުޓް ކެމްޕޭން ހުއްޓުވުމަށް ރައީސް ނެރުއްވި ގަރާރުގައި ބުނެފައިވެ އެވެ.

މި ހަރަކާތުގެ ސަބަބުން ރާއްޖޭގެ އަމަންއަމާންކަން ނަގައިލައި، ރާއްޖޭގެ އިގްތިސޯދީ ރައްކާތެރިކަމާއި އިޖުތިމާއީ ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަން ޖެހޭނެ ކަމެއް ކަމަށް ގަބޫލުކުރެއްވޭ ކަމަށް ވެސް ރައީސް ވަނީ ފާހަގަކުރައްވައިފަ އެވެ. އަދި ވަކިން ހާއްސަކޮށް ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެ އެކަހެރިވެ، އިތުބާރު ގެއްލި އަދި ދައުލަތުން ގެންގުޅެމުން އަންނަ ހާރިޖީ ސިޔާސަތުތައް ރޫޅުމުގެ އިތުރުން، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ނުރައްކާ ކުރިމަތިވެދާނެ ކަމަށް ވެސް ފާހަގަކުރެއްވޭ ކަމަށް ބަޔާންކުރައްވާފައިވެ އެވެ.

އިންޑިއާ މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ގައުމީ ސަލާމަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާކަން ފާހަގަ ކުރައްވަމުން ގަރާރުގައި ބުނެފައިވަނީ މި ހަރަކާތަކީ ރާއްޖޭގެ އެކިއެކި ކަންކަކޮޅުގައި އޮތް އަމަންއަމާންކަމާއި ދާޚިލީ ހަމަޖެހުން ނަގައިލައި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ގެއްލުވައިލައި، ރާއްޖޭގެ އިގްތިސާދީ ރައްކާތެރިކަމާއި އިޖުތިމާއީ ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަން ޖެހޭނެ ކަމެއް ކަމުގައި ގަބޫލުކުރެވޭ ކަމަށެވެ.