ތެލަގޫ އަދި ތަމަޅަ ފިލްމުތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ކާޖަލް އަގަރްވާލްއަށް ވިހަން އުޅުނު ދުވަސްތަކުގައި ވޭނާ ކުރިމަތިލާން ޖެހުނުކަމަށް އޭނާ ބުނެފި އެވެ.

ކާޖަލް އަގަރްވާލާއި، އޭނާގެ ފިރިމީހާ ގޯތަމް ކިޗްލޫ ލޯބީގެ ގޮތުން ގުޅި ކައިވެނިކުރީ 2020 ވަނަ އަހަރު އެވެ. އަދި އެއަށްފަހު ކާޖަލް ބަނޑު ބޮޑު ކަމަށް ސޯޝަލް މީޑިއާގައި އެކި ފަހަރުމަތިން ވާހަކަދެކެވިފައިވެ އެވެ.

މީގެ ދުވަސްތަކެއް ކުރިން އާންމުނަށް އޭނާ ބަނޑުބޮޑުކަން ހިއްސާކޮށްފައިވާއިރު، ކާޖަލް ވަނީ އޭނާގެ ބަނޑުބޮޑު ދުވަސްތަކުގައި ވަރަށް ވޭން ތަހައްމަލް ކުރަމުން ގެންދިޔަކަމަށް ބުނެފަ އެވެ. އަދި ހުރިހާ ކަމެއްވެސް ކުރެވެނީ އެންމެ ރަނގަޅަށްކަން ޔަގީންނުކުރެވޭތީ އެކަމާއި ހާސްވެ އަބަދުވެސް ކަންބޮޑުވެފައި ހުންނަކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ބަނޑުބޮޑުވުމާ ގުޅިގެން ކާޖަލް ވަނީ އޭނާގެ މަސައްކަތްތަކުން ދުވަސްކޮޅަކަށް ޗުއްޓީ ނަގާފަ އެވެ.

ބަނޑުބޮޑު ދުވަސްވަރު އާއިލާއާ އެކީގައި ގިނަ ވަގުތު ހޭދަކޮށް ހެދުމަށް ބޭނުންވާ ކަމަށާއި، ދެން އޭނާ މަސައްކަތް ކުރިއަށް ގެންދާނީ ދަރިފުޅު އުފަންވުމުން ކަމަށް ކާޖަލް މީގެ ކުރިން ބުނެފައިވެ އެވެ.