ރާއްޖޭގައި ތިބި ބޭރު ސިފައިން ފޭބުމަށް ގޮވާލައި އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ބެނާތަކުގައި ސްޕެލިން ބަދަލުކޮށް، އިދިކޮޅު ކޯލިޝަނުން އަނެއްކާ ވެސް ހަރުކުރަން ފަށައިފި އެވެ.

އިދިކޮޅުން ބެނާތައް އަނެއްކާވެސް ހަރުކުރަން ފަށާފައިވަނީ މާލޭގެ އެކި ގެތަކުގައި ސްޕެލިން ބަދަލުކުރުމަށްފަހު ދަމާފައިވާ "އިންޑިއާ އައުޓް" ބެނާތައް ފުލުހުން ނަގާފައިވަނިކޮށެވެ.

އިދިކޮޅުން ހިންގާ އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ގަރާރެއް ނެރުއްވާފައިވާއިރު، އެޕާޓީން ރޭ ކުރި ޓްވީޓެއްގައި ވަނީ ބިރުދެއްކުމަށް ސަރުކާރުން ނެރޭ އެފަދަ ގަރާރަކުން އެ ހަރަކާތް ނުހުއްޓުވޭނެ ކަމަށް ބުނެފަ އެވެ.

ޕީޕީއެމުން އިތުރަށް ބުނީ މިފަހަރު "އިންޑިއާ އައުޓް" ބެނާ ޖަހާފައި ވަނީ ހެންވޭރުގެ ގެއެއްގައި ކަމަށެވެ.

މިކަމާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ބުނީ އެއީ ފިތުނަވެރި އަމަލެއް ކަމަށެވެ.

މީގެ ކުރިންވެސް މާލެ ސިޓީގައި ބާއްވަން އުޅުނު "އިންޑިއާ އައުޓް" ހަރަކާތްތައް ފުލުހުން ވަނީ ހުއްޓުވާފަ އެވެ.

އިންޑިއާ އައުޓް ހަރަކާތަށް ސަރުކާރުން ހުރަސް އަޅަމުން ދިޔަނަމަވެސް، އެ ހަރަކާތް ދަނީ ދުވަހަކަށް ވުރެ ދުވަހެއް ވަރުގަދަ ވަމުންނެވެ.