ގެއަކަށް ވަދެ ފޯނެއް ވަގަށް ނެގި މީހަކު ހޯދަން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ.

ފުލުހުންގެ ޓުވީޓާގައި އެ މީހާގެ ފޮޓޯ އާންމުކޮށްފައިވާއިރު، އެކަމާ ގުޅިގެން ފުލުހުން ބުނީ، ވީޑިއޯއިން ފެންނަނީ މިމަހުގެ ހަތް ވަނަ ދުވަހުގެ ވަގުތެއްގައި މާފަންނުގައި ހުރި ގެއަކަށް ވަދެ އެގެއިން ފޯނެއް ނަގާފައިވާ މީހެއް ކަމަށެވެ. އަދި މާފަންނު ޕޮލިހުން އެ މައްސަލަ ބަލަމުން ގެންދާ ކަމަށާއި، ނަމަވެސް އޭނާ ހޯދުމަށް ފުލުހުން މިހާތަނަށް ކުރި މަސައްކަތުގައި ކާކުކަން ދެނެގަނެވިފައި ނުވާތީ އޭނާ ހޯދަން އިއުލާނުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން އިތުރަށް ވަނީ އެމީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ މާފަންނު ޕޮލިސް ނަންބަރަށް ގުޅައިގެން އެ މައްސަލަ ހިއްސާކޮށްދިނުމަށް އެދިފަ އެވެ.

ފަހަކަށް އައިސް ވައްކަމާއި ފޭރުމުގެ މައްސަލަތައް މާލޭގައި ވަނީ ވަރަށް ބޮޑަށް އާންމުވެފަ އެވެ. މިފަދަ މައްސަލަތައް މަދުކުރުމަށް އަމިއްލަ ފަރުދީ ޒިންމާ އަދާކުރުމަށް ވެސް ފުލުހުން އަބަދުވެސް އިލްތިމާސްކުރެ އެވެ.