ރާއްޖޭގެ ޢަދުލު އިންޞާފުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، އެ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި، ކޯޓުތަކުގެ ޤާނޫނާއި، ފަނޑިޔާރުންގެ ޤާނޫނު އިޞްލާޙު ކުރުމަށްޓަކައި ކަމާގުޅޭ ބިލުތައް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފި އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނިގޮތުގައި ކޯޓުތަކުގެ ޤާނޫނަށް ގެނައުމަށް ސަރުކާރުން ހުށަހަޅާ މައިގަނޑު އިޞްލާހުތަކުގެ ތެރޭގައި ޝަރުޢީ ކޯޓުތައް އެކުލެވިގެންވާ ގޮތަށް ބަދަލުތަކެއް ގެނެސް، ރާއްޖޭގެ އެކި ސަރަޙައްދުކުގައި ޤާއިމުކުރެވޭ ޖުޑީޝަލް ޑިސްޓްރިކްޓްތަކެއްގައި ޑިސްޓްރިކްޓް ކޯޓު އުފެއްދުން ހިމެނެ އެވެ. އަދި ވަކިވަކި ކޯޓުތަކަށް މެޖިސްޓްރޭޓުން ޢައްޔަންކުރާ ގޮތަށް މިހާރު އޮންނަ އުސޫލު ބަދަލުކޮށް، ކޮންމެ ޖުޑީޝަލް ދާއިރާއެއްގައި ކަނޑައެޅޭ ވަކި ޢަދަދެއްގެ ސާކިޓްތަކެއް ޤާއިމުކޮށް، މެޖިސްޓްރޭޓުން ޢައްޔަންކުރާނީ ކަނޑައެޅޭ ސާކިޓްތަކަކަށް ކަމުގައި ހަމަޖެއްސުން ވެސް ހިމެނެ އެވެ.

ފަނޑިޔާރުންގެ ޤާނޫނު އިޞްލާޙުކުރުމުގެ މައިގަނޑު ބޭނުމަކީ، ފަނޑިޔާރުންނަކީ ފަނޑިޔާރުކަމުގެ މަޤާމާއި ޝަރުޢީ ދާއިރާގެ މުސްތަޤިއްލުކަން ދެމެހެއްޓޭނެ ފަދައަކުން އަދި ޝަރުޢީ ދާއިރާގެ އިތުބާރު ދެމެހެއްޓޭނެ ގޮތަށް މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކެއްކަން ކަށަވަރުކުރުމަށްޓަކައި ކަމާގުޅޭ އުސޫލުތައް ޤާނޫނުގައި ކަނޑައެޅުމަށާއި، ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބެލުމާގުޅޭގޮތުން ޤާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތައް އިތުރަށް ތަފްޞީލުކުރުމަށާއި، ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ޤާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތައް އިޞްލާޙުކުރުމަށާއި، ފަނޑިޔާރުން ވިޔަފާރިކުރުމާއި މާލީ މުޢާމަލާތްތައް ކުރުމާގުޅޭ އުސޫލުތަކާއި މާލީ ބަޔާން ހުށަހެޅުމާގުޅޭ އުސޫލުތައް އިތުރަށް ތަފްޞީލުކުރުމަށްޓަކައި އެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުން ކަމަށް އެ އޮފީހުން ބުންޏެވެ.

ރާއްޖޭގެ ޝަރުޢީ ދާއިރާ އިޞްލާޙުކުރުމަކީ، އިޖްތިމާޢީ ޢަދުލުވެރިކަމުގެ ދާއިރާއިން ސަރުކާރުން ވެފައިވާ އެންމެ ބޮޑު އެއް ވަޢުދެވެ.