އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުސް، މޭރީ ގްރޭސްގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މޭރީގެ ފިރިމީހާއަށް ކުރާ ތުހުމަތުތަކަށް އޭނާ އިންކާރުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކުރީ މޭރީގެ ފިރިމީހާ މާވިން އެސް.ވައި ވާގަސް އާއި އޭނާގެ ލޯބިވެރިޔާ ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އެވެ.

މި މައްސަލައާ ގުޅިގެން ދައުވާ އިއްވުމާއި ޖަވާބުދާރީވުމަށް އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ބާއްވާފައިވާއިރު، ދިފާއުން ވަނީ މާވިން، މޭރީ މަރާލީ މާވިން ނޫން ކަމަށް ބުނެފަ އެވެ. އަދި މޭރީއަށް ދުވަހަކު ވެސް ޖިސްމާނީ ގޮތުން ހާނިއްކައެއް ދީފައިނުވާނެ ކަމަށް ދިފާއުން ބުނެފައިވެ އެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުން ބުނީ މާވިންގެ ފޯނުން މީހަކު މަރައިލާނެ ގޮތްތައް ހޯދުމަށް އިންޓަނެޓުގައި ދިރާސާކޮށްފައިވާ ކަމަށް ފޮރެންސިކް ރިޕޯޓުތަކުން ހެކިދޭ ކަމަށެވެ. އަދި އެ ހާދިސާ ހިނގި ވަގުތު އެތަނުގައި ހުރީ މާވިން އެކަނި ކަމަށް އޭނާ އަމިއްލައަށް އިއުތިރާފުވެފައިވާ ކަމަށް ވެސް ދައުލަތުން ވަނީ ބުނެފަ އެވެ.

މި މައްސަލަ ދިގުލައިގެން ދިއުމާ ގުޅިގެން ހެކި ހާމަކުރުމަށް އަޑުއެހުން ތާވަލުކުރީ އަންނަ މަހުގެ 10 ވަނަ ދުވަހަށެވެ.

މޭރީގެ ފިރިމީހާ ކަމަށްވާ މާވިންއަށް ދައުލަތުން ދައުވާ އުފުލާއިވާއިރު، އޭނާގެ މައްޗަށް ކުރީ އެނގި ހުރެ މީހަކު މެރުމުގެ ދައުވާ އެވެ.

ގްރޭސްގެ މަރުގެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް އޭނާގެ ހަށިގަނޑުގެ ޕޯސްމޯޓަމް ހެދީ އިންޑިޔާއަށް ފޮނުވައިގެންނެވެ. އެ ޕޯސްޓްމޯޓަމް އިން ދެއްކީ މޭރީ މަރުވީ ނޭވާ ހާސްކޮށްލުމުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ގްރޭސްއާއި އޭނާގެ ފިރިމީހާގެ ކައިވެންޏަށް ފަސް އަހަރުވެފައިވާއިރު، އެ ދެމަފިރިންނަށް ކުއްޖަކު ވެސް ލިބިފައިވެ އެވެ. އެހެން ނަމަވެސް އެ ދެމަފިރިންގެ މެދުގައި މައްސަލަތަކެއް ޖެހެމުންދިޔަ ކަމަށް އައިޖީއެމްއެޗްގައި މަސައްކަތްކުރާ ނަރުހުންގެ ފަރާތުން ފުލުހުންގެ ތަހުގީގަށް ހާމަވެފައިވެ އެވެ.

މިގޮތުން މި މައްސަލަތައް އިތުރަށް ގޯސްވާން ފެށީ ގްރޭސްގެ ފިރިމީހާ، ލަމްހާއާ ލޯބީގެ ގޮތުން ގުޅުނު ހިސާބުން ކަމަށްވެ އެވެ.