ހުޅުމާލޭގެ އާންމު ސަރަހައްދުތައް ކުނިކަހައި ސާފުކުރަން ތިން އަހަރު ދުވަހަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ އެޗްޑީސީން މިއަދު ހަވާލުކޮށްފި އެވެ.

މި އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު ސުހައިލް އަހުމަދެވެ.

އެޗްޑީސީން ބުނީ މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ހުޅުމާލެ އާންމު ސަރަހައްދުތައް ސާފުކޮށް، ހުޅުމާލެ އިން ނެގޭ ކުނީގެ ބާވަތްތަށް ވަކިކުރެވި ދެމެހެއްޓެނިވި ހައްލެއް ހޯދައިދިނުން ކަމަށެވެ. މީގެ އިތުރުން، މިފަދަ މަސައްކަތްތައް މި ކޯޕަރޭޝަނުންކުރުމުގެ ބަދަލުގައި އެކަމަށް ހާއްސަ ވެގެންވާ ފަރާތްތަކާއި މިފަދަ މަސައްކަތްތައް ހަވާލުކުރުމުން، ހުޅުމާލެގެ އުމްރާނީ ތަރައްގީގެ މަސައްކަތްތަކަށް މި ކޯޕަރޭޝަނުގެ ފޯކަސް އަމާޒުކުރުން ހިމެނޭ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ހުޅުމާލޭގެ އާއްމު ތަންތަންތަނުން ކުނިކަހައި ސާފުކުރަން ވެމްކޯ އާއެކު އެޗްޑީސީން މިއަދު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ސަލާމްކުރައްވަނީ. ފޮޓޯ: އެޗްޑީސީ

"ކުރިޔަށް އޮތް ތަނުގައިވެސް މިފަދަ މަސައްކަތްތައް އެކަމަށް ކަނޑައަޅާފައިވާ ފަރާތްތަކާއި މަޝްވަރާކުރެވިގެން އެފަދަ މަސައްކަތްތައް އެ ފަރާތްތަކާއި ހަވާލުކުރުމަކީ މި ކޯޕަރޭޝަންގެ މަގުސަދެއް. މި އެއްބަސްވުމުގެ ދަށުން ހުޅުމާލެގައި ތަރައްގީކޮށް އާންމުކޮށް ހުޅުވައިލާފައިވާ ހުރިހާ މަގުތަކާއި މަގާ އިންވެގެންވާ ޕޭމަންޓާއި ގަސް އިންދާފައިވާ ސަރަހައްދުތަކާއި ޕާރކުތަކާއި އަދި ބީޗް ސަރަހައްދު ކުނިކަހާ ސާފުކޮށް ބެލެހެއްޓުން ހިމެނޭ،" އެޗްޑީސީން ބުންޏެވެ.

އެ ކުންފުނިން ބުނީ ހުޅުމާލެ ސާފުކުރުމުގެ ގޮތުން ވެމްކޯއިން ކުނިކަހާ ސާފުކުރުމުގައި ނެގުމަށް ހަމަޖެހިފައިވަނީ އާންމުކޮށް "ލީޓަ" ކޮށްފައި ހުންނަ ކުނީގެ ބާވަތްތަކެވެ. މި ބާވަތުގެ ކުނީގެ ތެރޭގައި ހިމެނެނީ ޕްލާސްޓިކް ފުޅި، ދަޅު، ކޮތަޅު، ކަރުދާސް، ފަތްކުނި، ޕެކޭޖިން އަދި މިފަދަ އެހެނިހެން ބާވަތްތަކެވެ. މި އެއްބަސްވުމުގެ މުއްދަތަކީ ސޮއިކުރާ ދުވަހުން ފެށިގެން ތިން އަހަރު ދުވަހެވެ.

ހުޅުމާލޭގެ އާންމު ސާފުތާހިރުކަން ކަށަވަރުކުރަން މި އަވަށުގައި ދިރިއުޅޭ މީހުން ސަމާލުކަން ދޭން ޖެހޭ ކަންތައްތައް:

  • ވެމްކޯގެ ކުނި އުކާލުމުގެ ހިދުމަތަށް ރެޖިސްޓަރ ނުކޮށްހުރި ގޭބީސިތަކުން ވީ އެންމެ އަވަހަކަށް ރެޖިސްޓްރޭޝަން ފުރިހަމަކުރުން
  • ކެފޭ، ހޮޓާ އަދި އެހެނިހެން ވިޔަފާރިތަކުން އުފެދޭ ކުނި އުކާލުމަށް ވެމްކޯގެ ހިދުމަތަށް ރެޖިސްޓަ ކުރުން
  • ބޮޑެތި އަދި ބަރު ކުނި އުކާލުމަށް ވެމްކޯގެ ކޯލް އެންޑް ޕިކަޕް ސާރވިސް (CAPS) ހިޔާރުކުރުން
  • ރެޖިސްޓަ ނުކޮށް މަގުތަކަށް ކުނި ނެރެމުންދާ ފަރާތްތަކުން މިފަދަ އަމަލުތައް ވަގުތުން ހުއްޓާލުން.